'ރަށުން' ތައާރަފްކޮށް، ރަށު ކައުންސިލްތައް މެދުވެރިކޮށް ޕާސްޕޯޓަށް އެދެވޭ ގޮތް ހަދަނީ

އާ ޕާސްޕޯޓުގެ ވައްތަރުތައް

'ރަށުން'ގެ ނަމުގައި އިމިގްރޭޝަނުން މުޅިން އާ ހިދުމަތެއް ތައާރަފްކޮށް، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް މެދުވެރިކޮށް ދިވެހި ޕާސްޕޯޓަށް އެދުމުގެ ހިދުމަތް ފަށައިފިއެވެ.

އިމިގްރޭޝަނުން ބުނީ މިއީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން، ދިވެހި ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ހިދުމަތް، ރާއްޖޭގެ އެކި ރަށްތަކަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި ތައާރަފުކުރި ހިދުމަތެއް ކަމަށެވެ.

އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ހިދުމަތް ތައާރަފްކުރެވުނީ ޖަޒީރާ ދިރިއުޅުމެއް ރާއްޖޭގެ ރައްޔިތުންނަށް ގެނެސްދިނުމުގެ މަގްސަދުގައި ކަމަށެވެ.

"އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅާ އެއްގޮތަށް، ގަޑުބަޑުވެފައިވާ ލާމަރުކަޒީ ނިޒާމު އިސްލާހު ކުރުމުގެ ގޮތުންނާއި، ރަށު ކައުންސިލްތައް ބާރުވެރި ކުރުމަށް،" ހަނަފީ ވިދާޅުވިއެވެ.

'ރަށުން' ކުރިއަށް ގެންދަން ނިންމާފައި ވަނީ ރަށު އަދި އަތޮޅު ކައުންސިލްތަކާ ގުޅިގެންނެވެ. އެގޮތުން މި ހިދުމަތް އެންމެ ފުރަތަމަ ދޭން ފަށާފައި ވަނީ ތ. އަތޮޅުގައެވެ.

ތ. އަތޮޅުގައި 'ރަށުން' ހިދުމަތް ފެށުމާއެކު މިހާރު އެ އަތޮޅު ވޭމަންޑު ކައުންސިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހެޅޭނެއެވެ. އިމިގްރޭޝަނުން ބުނީ ހުށަހަޅާ ހުރިހާ ލިޔެކިޔުމެއް ފުރިހަމަ ކަމުގައިވާނަމަ، ރަސްމީ ބަންދުނޫން ގަޑިތައް ނުހިމެނޭ ގޮތަށް، 48 ގަޑިއިރުގެ ތެރޭގައި ޕާސްޕޯޓު ނިމޭނެ ކަމަށެވެ.

އަދި ޕާސްޕޯޓު ނިމުމުން، އިމިގްރޭޝަންގެ އޮފީސްތައް ގާއިމުކޮށްފައިވާ ހުރިހާ ރަށަކުން ވެސް ޕާސްޕޯޓާ ހަވާލުވެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކި އަތޮޅުތަކުގައި 'ރަށުން' ހިދުމަތް ފަށަން ނިންމާފައިވާ ކަމަށެވެ.

comment ކޮމެންޓް