ގަވާއިދަށް ފައްތާ ޕްރޮގްރާމުގައި 20،000 ބިދޭސިން ރަޖިސްޓްރީވެއްޖެ

އިކޮނޮމިކް މިނިސްޓްރީއިން ކުރިޔަށްގެންދާ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ ޕްރޮގްރާމްގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އިކޮނޮމިކް މިނިސްޓްރީ އިން ކުރިއަށްގެންދާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގައި ގަވައިދާ ހިލާފަށް އުޅޭ 20،000 ބިދޭސިން ރެޖިސްޓްރީ ވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރެގިއުލަރައިޒޭޝަން ޕްރޮގްރާމަކީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ދެވަނަ ފުރުސަތުދީ، ގަވާއިދަށް ވެއްދުމަށް އެ ބިދޭސީން އަލުން ރަޖިިސްޓްރީ ކުރުމަށް ފެށި ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ހަ މަސް ދުވަސް ވަންދެން މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުމަށް ވަނީ ނިންމާފައެވެ.

މިނިސްޓަރު ފައްޔާޒު މީގެ ކުރިން ވިދާޅުވީ ބިދޭސިންގެ މައްސަލާގައި ދިމާވާ އެންމެ ބޮޑު އެއް ދައްޗަކީ އެމީހުންގެ ލިޔެކިޔުންތައ ނެތުން ކަމަށާއި އެކަން ހައްލު ކުރުމަށް ބަންގްލަދޭޝް ސަރުކާރުގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ، ބޮޑު މައްސަލައެކެވެ. އިމިގްރޭޝަނުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރާ 63،000 އަށް ވުރެ ގިނަ ބިދޭސީންނަކީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ކަމަށެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ ބަންގްލަދޭޝްއިން އަންސްކިލްޑް ލޭބަރުން ނުވަތަ ތަމްރީނު ލިބިފައި ނުވާ މަސައްކަތްތެރީން ރާއްޖެ ގެނައުން އެއް އަހަރު ދުވަހަށް މަނާކޮށް، އެ މަސައްކަތް އެ މުއްދަތަށް ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކޮންމެ ގައުމަކުން ވެސް ރާއްޖެ ގެނެވޭނީ 150،000 އަންސްކިލްޑް ލޭބަރުން ކަމަށާއި އަދި މިހާރު ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް މީހުންނާއެކު އެ އަދަދު ހަމަވާނެކަމަށެވެ.

ރާއްޖެއަށް ވަޒީފާއަށް ގެންނަ ބިދޭސީންނަށް ކޯޓާ ދޫކުރުމުގެ އުސޫލަށްވެސް އިކޮނޮމިކް މިނިސްޓްރީ އިން ވަނީ ބަދަލު ގެނެސްފައެވެ.

ކޯޓާއަށް އެދި ވަޒީފާ ދޭ ފަރާތްތަކުން މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅާއިރު، ހުށަހަޅާ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ ދެފަރާތުގެ ދެމެދުގައި ވެވޭ ޕްރޮޖެކްޓް އެގްރީމަންޓް ކޮޕީގެ ބަދަލުގައި "ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާއަށް އެދި ހުށަހަޅާ ޕްރޮޖެކްޓް އެގްރީމެންޓް ފޯމް" ހުށަހަޅަންޖެހޭގޮތަށް ބަދަލު ގެނައީ މިދިޔަ ހަފްތާއެވެ. މި ބަދަލަށް އަމަލު ކުރާނީ އަންނަ މަހުގެ ކަކުން ފެށިގެންނެވެ.

comment ކޮމެންޓް