ސީޕްލޭން ޓާމިނަލް އާއި ގުޅޭ މައްސަލައެއް އޭސީސީ އަށް

ވީއައިއޭގެ އާ ސީޕްލޭން ޓާމިނަލް ---- ސަން ފޮޓޯ: އަހުމަދު އައުޝަން އިލްޔާސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކުރާ އާ ސީޕްލޭން ޓާމިނަލް އާ ގުޅޭ މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

އެ ފަދަ މައްސަލައެއް ހުށަހެޅިފައިވާ ކަން އޭސީސީ އިން ވަނީ ޔަގީންކޮށްދީފައެވެ.

އޭސީސީ އަށް ހުށަހަޅާފައިވަނީ ސީޕްލޭން ޓާމިނަލް ދައުލަތަށް ގެއްލުންވާގޮތަށް ވަކި ކުންފުންޏަކަށް ދޭންއުޅޭ މައްސަލަ ހުއްޓުވައިދިނުމަށެވެ. އެ މައްސަލަ އޭސީސީ އަށް ހުށަހަޅާފައިވަނީ މި މަހުގެ ދެވަނަ ދުވަހުއެވެ. އެ މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށް އޭސީސީއިން ބުންޏެވެ.

މިހާރު ރާއްޖޭގައި ސީޕްލޭންގެ ހިދުމަތް ދެނީ ޓީއެމްއޭ އާއި މޯލްޑިވިއަން އަދި މަންޓާ އިންނެވެ. ފްލައިމީ އިންވެސް ސީޕްލޭންގެ ހިދުމަތް ދޭން ފަށަން އުޅޭކަމަށް ވަނީ ވާހަކަ ދެކެވިފަ އެވެ.

އަލަށް އަޅާ ސީޕްލޭން ޓާމިނަލް ހިންގަން ޓީއެމްއޭ އަށް ހަވާލުކުރަން އުޅޭ ކަމަށް މީގެ ކުރިން ވާހަކަ ދެކެވުނެވެ. އެކަން ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ ބަލައިފަ އެވެ. މަޖިލީހުގެ އެދުމަކަށް އޮޑިޓް އޮފީހުން ވަނީ ސީޕްލޭން ޓާމިނަލްގެ އޮޑިޓެއް ހަދައިފަ އެވެ. އެ އޮޑިޓް އާންމުކޮށްފައި ނުވި ނަމަވެސް ބައެއް މީޑިއާތަކުން ބުނެފައި ވަނީ އޮޑިޓްގައި ލަފާ ދީފައި ވަނީ ސީޕްލޭން ޓާމިނަލް އެމްއޭސީއެލް އިން ހިންގަިއފި ނަމަ އެ ކުންފުންޏަށް ލިބޭ ފައިދާ ބޮޑުވާނެ ކަމަށެވެ.

ސީޕްލެން ޓާމިނަލް ހިންގުމާ ގުޅޭގޮތުން އެމްއޭސީއެލްގެ އެކްޓިން އެމްޑީ މޫސާ ސޯލިހު މީގެ ކުރިން ވިދާޅުވީ އާ ސީޕްލޭން ޓާމިނަލް ހިންގާނީ އެމްއޭސީއެލް އިން ކަމަށެވެ.

ނަމަވެސް މިހާރު ސީޕްލޭންގެ ހިދުމަތްދޭ ކުންފުނިތަކުން ދޭ ހިދުމަތްތައް މެދުކެނޑޭނެ ގޮތަކަށް އާ ސީޕްލޭން ޓާމިނަލް އަށް އޮޕަރޭޝަންސް ބަދަލު ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސީޕްލޭން ޓާމިނަލްގެ މަސައްކަތް ނިމޭ ގޮތަށް އެ ތަން އެމްއޭސީއެލް އިން ހިންގިޔަސް، މިހާރު ޓީއެމްއޭ އިން ހިދުމަތްދޭން ބޭނުންކުރާ ޓާމިނަލްތައް އެކުންފުނީގެ އަތުން އަތުނުލެވޭނެ ކަމަށް މޫސާ ސޯލިހު ވިދާޅުވި އެވެ. އެއީ، އެ ކުންފުންޏާ އެކު ހަދާފައިވާ އެގްރިމެންޓް ހަމަނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންޓްރެކްޓެއް ހިނގާ ގޮތަށް އެބަ ހިނގާ. އަނެއްކާ މިއީ ސީޒަންގެ މެދުތެރޭ. އަނެއްކާ ވެސް އަންނާނީ ސީޒަނެއް. އެހެންވެ، ވީހާ ވެސް ސްމޫތުކޮށް، މި ބަދަލު ގެންނަން މި މަސައްކަތް ކުރަނީ،" މޫސާ ސޯލިހު ވިދާޅުވި އެވެ.

"އެންމެ ބޮޑުބަޔެއް މިއޮތީ ޓީއެމްއޭ އަށް. ސީޕްލޭން އޮޕަރޭޝަންގެ 65 ޕަސެންޓު 70 ޕަސެންޓް ފަސިންޖަރުން އުފުލަނީ ޓީއެމްއޭ އިން. އެހެންވީމާ ބައިބަޔަށް އަޅުގަނޑުމެން އެފަރާތުން ޓްރާންސްޕާ ކުރާނީ، އޮޕަރޭޝަނަށް އެއްވެސް ހުއްޓުމެއް ނާންނަ ގޮތަކަށް،"

މިހާރު ވެސް ޓީއެމްއޭ އިން ތިން ޓާމިނަލެއްގައި ސީޕްލޭންގެ ފަސިންޖަރުންނަށް ހިދުމަތް ދެ އެވެ.

"އަންނަ އަހަރުގެ ފެށޭ ހިސާބުގައި އޮޕަރޭޓަރުންނަށް ޖާގަ ހަވާލުކުރަން ފަށާނަން. އެބޭފުޅުންގެ މަސައްކަތް ފަށައި ހިދުމަތްދޭން ދެތިން މަސް ނަގާނެ. އެހެންވީމާ މެއި މަހު ކަމަށް އަޅުގަނޑުމެން މިބަލަނީ މިތަނަށް ހިދުމަތްތައް ބަދަލު ކުރެވޭނެ ކަމަށް." އެމްއޭސީއެލްގެ އެކްޓިން އެމްޑީ ވިދާޅުވި އެވެ.

އެމްއޭސީއެލް އިން އާ ޓާމިނަލް ހިންގާއިރު އެކުންފުނީގެ އާމްދަނީ 300 ގުނަ އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

"އޭގެ މާނައަކީ މިތަނަށް [ޓާމިނަލް އަށް] ކުރި ހަރަދު ޓަސް ލާފައި ލިބުނިއްޔަކީއެއް ނޫނޭ. ހަރަދު އަންދާޒާކޮށް ހުންނާނީ އެންމެ ދަށްކޮށް އާމްދަނީ ލިބިގެން ރިކަވަރީއެއް އަންނާނެ ކަމަށް އަންދާޒާކޮށްފައި ވާނީ ނުވަ ވަރަކަށް އަހަރު ތެރޭ. އަޅުގަނޑުމެންގެ ގްރޯތަށް ބަލާފައި އެއަށް ވުރެ އަވަހަށް ފައިދާ ލިބޭން ފަށާނެ." މޫސާ ސޯލިހު ވިދާޅުވި އެވެ.

އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޗައިނާގެ ބީޔޫސީޖީ އާއެވެ. ކޮންޓްރެކްޓުގެ އަގަކީ 40 މިލިއަން ޑޮލަރެވެ.

comment ކޮމެންޓް