ސްޕެނިޝް ލީގަށް ވުރެ ޕްރިމިއާ ލީގުގެ ލެވެލް މަތި: ޑެ ޔޮންގް

ބާސެލޯނާގެ މިޑްފީލްޑަރު ފްރެންކޯ ޑެޔޮޮންގް --- ފޮޓޯ// ސަޗާ ޕިސަނީ

ސްޕެނިޝް ލަ ލީގާއަށް ވުރެން އިނގިރޭސި ޕްރިމިއާ ލީގުގެ ލެވެލް މަތި ކަމަށް ބާސެލޯނާގެ މިޑްފީލްޑަރު ފްރެންކީ ޑެ ޔޮންގް ބުނެފި އެވެ.

ނެދަލެންޑުގެ ޑަޗް ލީގުގެ ޗެމްޕިއަންކަން އަޔެކްސަށް ހޯދައިދިނުމަށް ފަހު ޑެ ޔޮންގް ސްޕެއިނުގެ ބާސެލޯނާއާ ގުޅުނީ މިހާރު ކުރިއަށް މިދާ ސީޒަނަށެވެ. ޗެމްޕިއަންސް ލީގުގައި އަޔެކްސް ދެއްކި މޮޅު ކުޅުމާ އެކު އެ ޓީމުގެ ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ޔޫރޮޕުގެ ބޮޑެތި ކުލަބުތަކަކުން ކަޅި އަޅަމުން ދިޔަ އިރު ޑެ ޔޮންގް ބާސެލޯނާއާ ގުޅުނީ 75 މިލިއަން ޕައުންޑްގެ އަގަކަށެވެ.

ބާސެލޯނާއާ ގުޅުމަށް ފަހު ސްޕެނިޝް ލީގުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އައި ނަމަވެސް ޑެ ޔޮންގް ދެކޭ ގޮތުގައި އެ ލީގަކީ އަދި އިނގިރޭސި ޕްރިމިއާ ލީގަށް ވުރެން ލެވެލް ދަށް ލީގެކެވެ.

"އަހަރެން އަބަދުވެސް ހީކުރީ ސްޕެނިޝް ލީގަކީ ދުނިޔޭގެ އެންމެ ވާދަވެރި އެންމެ ބޮޑު ލީގު ކަމަށް. ފަހުގެ ތާރީހުތަކުގައި ޔޫރޮޕުގެ ބޮޑެތި މުބާރާތްތަކުގެ އިސް ސަފުގައި އަބަދުވެސް އެންމެ ކުރީގައި ނަން ކިޔާލެވޭނީ ސްޕެނިޝް ކުލަބުތައް،" ޑެ ޔޮންގް ބުންޏެވެ.

އޭނާ ބުނީ އެކަން މިހާރު މަޑު މަޑުން ބަދަލުވާ ކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ. އަދި ޕްރިމިއާ ލީގު ކުލަބުތަކުގެ ބާރު އަނެއްކާ ވެސް މިހާރު ގަދަވަމުން އަންނަ ކަމަށާއި ވޭތުވެ ދިޔަ ސީޒަނުގައި ލިވަޕޫލް އަދި ޗެލްސީ ހޯދި ކާމިޔާބީ އަކީ އެކަމުގެ ހެއްކެއް ކަމަށެވެ.

"ހުނަރުވެރި ކަމަށް ބަލާ ނަމަ ސްޕެނިޝް ލީގަކީ އަދި ވެސް އެންމެ މޮޅު. އެކަމު ލީގު ކުލަބުތަކުގެ ފެންވަރަށް ބަލާ ނަމަ ޕްރިމިއާ ލީގު އުޅެނީ މާ ކުރީގައި. ހުރިހާ ޓީމެއް ވެސް ވަރުގަދަ. މެޗު ފަށާ އިރު މޮޅުވާނެ ޓީމެއް ބުނެލަން ވަރަށް އުނދަގޫ ވާނެ."

ނެދަލެންޑުގެ މިޑްފީލްޑަރު ޑެ ޔޮންގް ވަނީ މި ސީޒަނުގައި ބާސެލޯނާއަށް އެއް ގޯލާއި ދެ އެސިސްޓް ކޮށްދީފަ އެވެ. މިހާތަނަށް ލީގުގައި 18 މެޗު އޭނާ ކުޅުނު އިރު އަންނަނީ ބަރާބަރަށް ފުރަތަމަ އެގާރައިން ޖާގަ ހޯދަމުންނެވެ.

އަހަރު ނިމެންދާ އިރު ލީގު ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާ ދެން އެންމެ އަވަހަށް ވެސް މެޗެއް ކުޅޭނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ. އެ މެޗުގައި އެ ޓީމުން ނުކުންނާނީ ވާދަވެރި އެސްޕަންޔޯލާ ދެކޮޅަށެވެ.

comment ކޮމެންޓް