ބާންލީ ބަލިކޮށް ޔުނައިޓެޑް ފަސްވަނައަށް ޖެހިލައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް އެންތޮނީ މާޝިއަލް --- ފޮޓޯ// އޭޕީ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބާންލީ އަތުން މޮޅުވެ ލީގުގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ކުލަބް މެންޗެސްޓާ ޔުނައިޓެޑް ދުވަސްގަނޑަކަށް ފަހު ގަދަ ފަހަކަށް އަރައިފި އެވެ.

ބާންލީގެ ދަނޑުގައި ރޭ ކުޅުނު އެ މެޗުން ޔުނައިޓެޑް ކުރި ހޯދީ 0-2ގެ ނަތީޖާއަކުންނެވެ. އެ މޮޅާ އެކު ޔުނައިޓެޑް ފަސްވަނައަށް ޖެހިލީ އެ މަގާމުގައި މީގެ ކުރިން އޮތް ޓޮޓެންހަމް ރޭ ނޯވިޗް ސިޓީ އަތުން އެއްވަރުވުމުންނެވެ. ޓޮޓެންހަމް ހަވަނައިގައި 30 ޕޮއިންޓާ އެކު އޮތް އިރު ރޭގެ މެޗުން މޮޅުވި ޔުނައިޓެޑަށް ލިބެނީ 31 ޕޮއިންޓެވެ. ޗެމްޕިއަންސް ލީގަށް ކޮލިފައިވާ ރޭންޖު ކަމަށްވާ ހަތަރު ވަނާގައި ޗެލްސީ އޮތީ 32 ޕޮއިންޓާ އެކު އެވެ.

ތާވަލުގެ ފުލުގައި އޮޓް ވަޓްފޯޑް އަތުން ޔުނައިޓެޑް ބަލިވި ނަމަވެސް އެންމެ ފަހު މެޗުގައި ނިއުކާސަލް އަތުން މޮޅުވެފަ އެވެ. ރޭގެ މެޗުގައި އެ ޓީމުން ބޮޑަށް ޓާގެޓްކޮށްގެން ކުޅުނީ ޑިފެންސިވް ގޭމެކެވެ. އެގޮތުން ރޭގެ މެޗަކީ ސެޕްޓެމްބަރު މަހުން ފެށިގެން ޔުނައިޓެޑް ބައިކޮޅަށް ގޯލެއް ނުވަދެ ނިންމާލި ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން ކުޅުނު ދެ މެޗުން ބާންލީ ހޯދި މޮޅާ އެކު ރޭގެ މެޗަށް ވެސް އެ ޓީމުން ނުކުތީ އުންމީދާ އެކު އެވެ. ފުރަތަމަ ހާފުގެ ބޮޑުބައިގައި އެ ޓީމުން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް އެ ހާފު ނިމެން މިނަޓަކަށް ވެފައިވަނިކޮށް ޔުނައިޓެޑުން ވަނީ ލީޑު ނަގައިފަ އެވެ. އެ ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެންތޮނީ މާޝިއަލް އެވެ. އޭނާ ވަނީ އެންމެ ފަހުން ލީގުގައި ކުޅުނު ދެ މެޗުގައި ތިން ގޯލު ޖަހައިފަ އެވެ.

ދެވަނަ ހާފު ފެށިގެން ބާންލީއިން ކުޅުން ރަނގަޅުކޮށް ޔުނައިޓެޑްގެ ޑިފެންސް ފޫއަޅުވާލަން މަސައްކަތް ކުރި އެވެ. އެކަމަކު މޮޅަށް ކުޅެމުން ދިޔަ ބާންލީގެ އުންމީދުތައް ފުނޑު ފުނޑުވެގެން ދިޔައީ މެޗު ނިމެން ދަނިކޮށް ޔުނައިޓެޑްގެ ޒުވާން ފޯވާޑް މާކަސް ރަޝްފޯޑް ވައްދާލި ގޯލުންނެވެ. އެއީ ރަޝްފޯޑް މި ސީޒަނުގައި ޖެހި 12 ވަނަ ލީގު ގޯލެވެ.

ލީގުގައި ރޭ ވަނީ ފޯރިގަދަ އިތުރު މެޗުތަކެއް ކުޅެފަ އެވެ. އެގޮތުން ވެސްޓް ހަމް ބަލިކޮށް ލެސްޓާ ސިޓީން ވަނީ އަހަރު ނިމުމުގެ ކުރިން ދެވަނާގައި ހަމަޖެހިލައިފަ އެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގައި ކެލެޗީ އިހެނެޗޯ ލެސްޓާއަށް ލީޑު ނަގައިދީފައި ވަނިކޮށް ވެސްޓަހަމްއަށް އެއްވަރުކޮށްދިނީ ޕަބްލޯ ފޯމަލްސް އެވެ. ދެވަނަ ހާފުގައި ލެސްޓާއަށް އަނބުރާ ލީޑު ނަގައިދިނީ ޑެމަރާއި ގްރޭ އެވެ.

މީގެ އިތުރުން ޓޮޓެންހަމާއި ނޯވިޗް ރޭ ބައްދަލު ކުރި މެޗު ނިމުނީ 2-2ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އެ މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ނޯވިޗުންނެވެ. އެކަމަކު ދެވަނަ ހާފު ފެށިގެން ކްރިސްޓިއަން އެރިކްސަން ވަނީ ގޯލެއް ޖަހައި އެއްވަަރުކޮށްފަ އެވެ. އޭގެ އިރަކޮޅެއް ފަހުން ނޯވިޗަށް އަލުން ލީޑު ލިބުނީ ޓޮޓެންހަމުގެ ޑިފެންޑަރު ސާޖް އޮރިއާ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. ޓޮޓެނަހްމަށް ނަތީޖާ ހަމަހަމަކޮށްދިނީ މެޗު ނިމެންދަނިކޮށް ލިބުނު ޕެނަލްޓީ އަކުން ހެރީ ކޭން އެވެ.

comment ކޮމެންޓް