އަހަރުގެ ބޮޑު ފެއިލް: އަދީބުގެ ފިލުން

އަދީބު އިންޑިއާގެ ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައި. --

ރާއްޖޭގެ މުއްސަނދިކަމުގެ ގޮތުގައި ބަލާ ދޮންވެލި ރީތި ރަށްތަކާއި ފަޅުތަކާއި ގިރިތައް ވިއްކާލައިގެން ދައުލަތުން ވަގަށް ނެގ،ި 1.2 ބިލިއަން ރުފިޔާގެ ހިޔާނާތުގެ މެދުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެއިން ފިއްލަވައިގެން ދާނެ ކަމަށް އެއްވެސް މީހަކު ހީކޮށްފައެއް ނެތެވެ. ނަމަވެސް އޮގަސްޓް 1 ވަނަ ދުވަހުގެ މެންދުރެއްހާއިރު އިންޑިއާގެ ތަމަޅަ ނޫސްތަކަށް އެރީ އެގައުމުގެ ޓުޓްކޮރިން ބަނދަރުން އިންޑިއާއަށް އެތެރެވާން އުޅެނިކޮށް އެގައުމުގެ ސިފައިން ދިވެއްސަކު ހިފެހެއްޓި ވާހަކަ އެވެ. ވާނުވާ ރަނގަޅަށް ބަލައިލިއިރު އެ މީހަކަށްވީ އަދީބެވެ.

އަމިއްލަފުޅަށް "ފިލައިގެން ދާނެ މީހެއް ނޫން" ކަމަށް އަމިއްލަފުޅަށް ވިދާޅުވުމަށް ފަހު، އަދި ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް ސަލާމަތީ ބާރުތަކަށް ކަޅު ދޮންވެސް އަންގާ ނުލާ "ވާގޯ9" ޓަގް ބޯޓު ގައި އޭނާ ރާއްޖެއިން ފުރައިގެން ދިޔައީ ފަސޭހަ ކަމާއެކު އެވެ. އެތައް ބޮޑެތި ކުށްތަކެއްގައި ތުހުމަތު ކުރެވޭ އަދީބު އެފަދަ ގޮތަކަށް ފިލައިގެން ދިޔުމަކީ، ސަލާމަތީ ބާރުތަކުގެ ވަރަށް ބޮޑު ފެއިލް ވުމެއް ކަމަށް އެންމެންހެން ބުންޏެވެ.

އޭނާ ޓަގް ބޯޓަށް އެރި ގޮތެއް މިއަދާ ހަމައަށް ވެސް އޮތީ ސިއްރެއްގެ ގޮތުގައި އެވެ. ރާއްޖެއިން ފުރުން ކާމިޔާބުވި ނަމަވެސް ރާއްޖެއިން ފުރައިގެން ފިލަން މަސައްކަތް ކުރުން ވީ ވަރަށް ބޮޑު ނާކާމިޔާބަކަށެވެ. އެކަން އިންޑިއާ ސިފައިންނަށް ފަޅާ އަރުވާލީ އެ ބޯޓުގައި ހުރި ފަޅު ވެރިއެކެވެ. އިންޑިއާގެ ސަލާމަތީ ބާރުތަކާ އަދީބު ހަވާލުކުރުމަށްފަހު، އެ މީހުންގެ ބެލުމުގެ ދަށުގައި، އެ ޓަގް ބޯޓްގައި ދެ ދަވަސް ވަންދެން އަދީބު ބޭންދިޔަ އެވެ. ބައިނަލްއަގުވާމީ ވަކީލުން ހަމަ ޖައްސާ އެ ގައުމުން ހިމާޔަތް ހޯދުމަށްވެސް އޭނާ މަސައްކަތް ކުރި އެވެ.

ނަމަވެސް އެ ހުށަހެޅުންތައް އިންޑިއާއިން ގަބޫލުނުކޮށް އިންޑިއާގެ ސަލާމަތީ ބާރުތަކުން ވަނީ އަދީބު އައި ޓަގް ބޯޓް އެ މީހުންގެ ބެލުމުގެ ދަށުން އިންޑިއާ ކަނޑުގެ ސަރަހައްދުން ބޭރުކޮށް ދިވެހި ފުލުހުންނާއި ސިފައިންނާ ހަވާލުކޮށްފަ އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފުލުހުންގެ މައި އިދާރާއިން ނެރެނީ --- ސަންފޮޓޯ/ އަހުމަދު އަވްޝަން އިލިޔާސް

ދިވެހި ސަލާމަތީ ބާރުތަކުން އޭނާއާ ހަވާލުވުމަށްފަހު ފުރަތަމަ ވެސް ގެންދިޔައީ، ފުލުހުންގެ އިދާރާއަށެވެ. އެތަނުގައި ތިން ގަޑިއެއްހާއިރު ބޭންދުމަށްފަހު، އޭނާ ގެންދަޔައީ ކްރިމިނަލް ކޯޓަށް ބަންދުގެ މުއްދަތަށެވެ.

އަދީބު ފިލަން މަޖުބޫރު ކުރި ސަބަބެއްގެ ގޮތުގައި ބަންދުގެ މަޖިލީހުގައި އޭނާ ވިދާޅުވީ، ހިޔާނާތުގެ ތަހުގީގަށް ދައުލަތާއެކު ހެދި އެއްބަސްވުމުގެ ދަށުން އޭނާ ދައުލަތަށް ފޯރުކޮށްދެމުން ދިޔަ މައުލޫމާތުތަކުގެ ސަބަބުން، އޭނާގެ ފުރާނައަށް ނުރައްކާ ކުރާނެ ކަމުގެ އިންޒާރު އެކި ފަރާތްތަކުން ލިބެމުން ދިޔުމެވެ.

ސަބަބެއް ކަމަށް އޭނާ ވިދާޅުވީ، ހިޔާނާތާ ގުޅޭ ސަރުކާރުގެ ފަރާތްތަކާއި ސިޔާސީ ފަރާތްތަކާއި ޝަރުއީ ކޯޓުތަކުގެ ތިއްބެވި ފަރާތްތައް މަޖިލިސް މެމްބަރުންވެސް އެކަމުގެ ތެރޭގައި ހިމެނޭތީ އެވެ.

"މައުލޫމަތުތައް ޕީޖީއާ ހިއްސާކުރުމުން އަޅުގަނޑަށް އެކި ގޮތްގޮތުން އިންޒާރު އައި. ފުރާނައަށް ނުރައްކާވުމުން އަޅުގަނޑަށް އެ ނެގުނު ޑެސިޝަން ނެނގުނީ،" އަދީބު ފިއްލަވަން މަޖުބޫރުވި ސަބަބު ހާމަ ކުރައްވާ އޭނާ ވިދާޅުވި އެވެ.

އެކަމަށްޓަކައި ކުށަށް ކުށަށް އިއުތިރާފުވެ، އޭނާ ވަނީ ބަންދުގެ މަޖިލީހުގައި އެންމެހާ ފަރާތްތަކުގެ ކިބައިން މައާފަށްވެސް އެދިވަޑައިގެންފަ އެވެ.

އޭނާ ފިލި މައްސަލައިގައި ދައުވާކޮށް، މިދިޔަ ސެޕްޓެމްބަރު މަހު 19 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމް ކުރީ 18 ދުވަހަށް ޖަލަށްލުމަށެވެ. އެހާ ކުޑަ ހުކުމެއް އަދީބުގެ މައްޗަށް އައީ، އޭނާ އަމިއްލައަށް ކުށަށް އިއުތިރާފްވުމުންނެވެ.

އެ ހުކުމަށް ފަހު ކަރެކްޝަންސް އިން އަދީބުގެ ފައިގާ ޓެގް އަޅުވައި އޭނާ ގޭ ބަންދަށް ބަދަލުކޮށްފައިވާ އިރު، ބޮޑު ހިޔާނާތާ ގުޅިގެން އޭނާގެ މައްޗަށް ގިނަ ދައުވާތަކެއް ވަނީ ދައުލަތުން އުފުލައިފަ އެވެ. އެ ދައުވާތަކުގެ ޝަރީއަތް ނިމެންދެން އޭނާ ހުންނެވީ، ކޯޓު އަމުރަކަށް ގޭބަންދުގަ އެވެ. ދައުވާތައް ސާބިތުވެއްޖެ ނަމަ، އޭނާގެ މައްޗަށް 20 އަހަރުގެ ހުކުމެއް އައުން ކައިރި އެވެ.

comment ކޮމެންޓް