ބިދޭސީންނަށް ކޯޓާ ދޫކުރުމުގެ އުސޫލަށް ބަދަލެއް

އިކޮނޮމިކް މިނިސްޓްރީއިން ކުރިޔަށްގެންދާ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ ޕްރޮގްރާމްގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރާއްޖެއަށް ވަޒީފާއަށް ގެންނަ ބިދޭސީންނަށް ކޯޓާ ދޫކުރުމުގެ އުސޫލަށް އިކޮނޮމިކް މިނިސްޓްރީން ބަދަލެއް ގެނެސްފި އެވެ.

އިކޮނޮމިކް މިނިސްޓްރީއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ކޯޓާއަށް އެދި ވަޒީފާ ދޭ ފަރާތްތަކުން މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅާއިރު، ހުށަހަޅާ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ ދެފަރާތުގެ ދެމެދުގައި ވެވޭ ޕްރޮޖެކްޓް އެގްރީމަންޓް ކޮޕީގެ ބަދަލުގައި އެހެން ލިޔުމެއް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

މިނިސްޓްރީން ބުނެފައިވަނީ އެ ލިޔުމުގެ ބަދަލުގައި ހުށަހަޅަން ޖެހޭނީ "ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާއަށް އެދި ހުށަހަޅާ ޕްރޮޖެކްޓް އެގްރީމެންޓް ފޯމް" ކަމަށެވެ.

އެ ފޯމަކީ ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާއަށް އެދި ހުށަހަޅާ ފަރާތާއި، ކޯޓާ އަށް އެދި ހުށަހަޅާ މަސައްކަތް ނުވަތަ ޕްރޮޖެކްޓު އެފަރާތާ ހަވާލުކުރެވިފައިވާކަން ކަށަވަރު ކުރުމުގެ ގޮތުން، ކަމާގުޅޭ އެއްބަސްވުމުގައި ހިމެނޭ މައުލޫމާތު ފުރިހަމަކޮށް ހުށަހަޅަންޖެހޭ ފޯމެކެވެ.

އަންނަ މަހުގެ އެކަކުން ފެށިގެން ބިދޭސީން ވަޒީފާއަށް ގެނައުމުގެ ކޯޓާއަށް އެދި ވަޒީފާ ދޭ ފަރާތްތަކުން މިނިސްޓްރީއަށް ފޯމު ހުށަހަޅާއިރު އެ ފޯމު ހުށަހަޅަން ޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

comment ކޮމެންޓް