އުމުރަށް ބެލުމެއް ނެތް! އިބްރަހިމޯވިޗް އަނެއްކާވެސް މިލާނަށް

މި ޖީލުގެ އެންމެ މޮޅު އެއް ސްޓްރައިކަރު ޒްލަޓަން އިބްރަހިމޯވިޗް --- ފޮޓޯ// އޭޕީ

ގިނަ ބަޔަކު ހައިރާން ކޮށްލުމަށްފަހު އިޓަލީގެ އޭސީ މިލާންގް ކުރީގެ ފޯވާޑް ޒްލަޓަން އިބްރަހިމޯވިޗް އުމުރުން 38 އަހަރުގައި އަލުން އެ ކުލަބާ ގުޅިއްޖެ އެވެ.

އެމެރިކާގެ އެލްއޭ ގެލެކްސީއާ އެކު ކާމިޔާބު ދެ ސީޒަން ހޭދަކުރުމަށްފަހު އިބްރަހިމޯވިޗް މިލާނަށް އެނބުރި އައީ ފްރީ އެޖެންޓެއްގެ ގޮތުގަ އެވެ. އެލްއޭ ގެލެކްސީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް މި އަހަރަށް ހަމަވި އިރު އިބްރަހިމޯވިޗް ހޯދަން ޔޫރަޕުގެ ބައެއް ކުލަބުތަކުން ވަނީ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ކުޑަ މުސާރައެއްގައި އޭނާ މިލާނަށް ބަދަލުވީ ހަ މަސް ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އަދިވެސް ރަނގަޅު ފޯމެއްގައި ކުޅެ ގޯލު ޖެހުމުގެ ހުނަރު ސާބިތުކޮށްދެމުން އަންނަ އިބްރަހިމޮވިޗް ވަނީ މިދިޔަ 18 މަސް ދުވަހު އެމެރިކާ ލީގުގައި ކުޅުނު އިރު 2018 ވަނަ އަހަރާއި މި އަހަރު އެ ލީގުން ހޮވި ޑްރީމް ޓީމުގައި ހިމެނިފަ އެވެ. އެލްއޭ ގެލަކްސީގައި ހޭދަކުރި މުއްދަތުގައި އިބްރަހިމޮވިޗް ވަނީ 53 ގޯލު ޖަހައިފަ އެވެ. އެއީ އެ އުމުރުގެ ކުޅުންތެރިޔަކާ އަޅާ ބަލާއިރު އާދަޔާ ހިލާފު ނަންބަރެކެވެ.

އިބްރަހިމޮވިޗް މިލާނަށް ކުރިން ކުޅުނީ 2010 އިން 2012 އަށެވެ. އޭނާ ވަނީ އެ ޓީމާ އެކު އިޓާލިއަން ލީގު ކާމިޔާބުކޮށް 85 މެޗުން 56 ގޯލް ޖަހައިދީފަ އެވެ.

ޔޫރޮޕުގެ ގިނަ ކުލަބުތަކަކަށް ކުރިން ކުޅުނު އިބްރަހިމޯވިޗް އަކީ މި ޖީލުގައި އުފެދުނު އެންމެ މޮޅު އެއް ސްޓްރައިކަރެވެ. ސްވިޑަންގެ މަލްމޯ އިން 1999 ގައި ކެރިއަރު ފެށި އޭނާ ވަނީ ނެދަލެންޑްސްގެ އަޔެކްސްއާއި އިޓަލީގެ ޔުވެންޓަސް އާއި އިންޓަ މިލާނާއި ސްޕެއިނުގެ ބާސެލޯނާ އާއި ފްރާންސްގެ ޕީއެސްޖީ އަދި އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑަށް ވެސް މީގެ ކުރިން ކުޅެފަ އެވެ. ނަމަވެސް އޭނާއަށް މިހާތަނަށް އެއްވެސް ޓީމަކާ އެކު ޗެމްޕިއަންސް ލީގުގެ ތަށްޓެއް އުފުލާލެވިފައެއް ނުވެ އެވެ.

ޔޫރަޕްގެ ގަދަ ބާރެއްގެ ގޮތުގައި މީގެ ކުރިން އޮތް މިލާން މިވަގުތު އޮތީ އިޓަލީ ލީގުގެ 11 ވަނައިގަ އެވެ. ގަދަ ހަތަރަކާއި އެޓީމާ ދެމެދު 14 ޕޮއިންޓުގެ ފަރަގެއް އޮތްއިރު ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމު ވަނީ އެޓަލާންޓާ އަތުން 5-0 އިން ބަލިވެފަ އެވެ. އެއީ ފަހުގެ ތާރީހެއްގައި މިލާން އެހާ ބޮޑު ތަފާތަކުން ބަލިވި ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް