ވުލްވްސް އަތުން ބަލިވެ ސިޓީއަށް އިތުރު މާޔޫސްކަން

ސިޓީއާއި ވުލްވްސް ރޭ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ// ނިކޮލަސް މެގީ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވޮލްވާހަމްޓޮން (ވުލްވްސް) އަތުން ބަލިވެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީގެ ހާލަތު އިތުރަށް ގޯސް ވެއްޖެ އެވެ.

ވުލްވްސްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު އެ މެޗުން ފަހަތުން އަރައި ސިޓީގެ މައްޗަށް އެ ޓީމުން ކުރި ހޯދީ 2-3 ގެ ނަތީޖާއަކުންނެވެ. އެ ބައްޔާ އެކު ސިޓީ މިވަގުތު އޮތީ ލީގު ތާވަލުގެ ތިންވަނައިގައި 38 ޕޮއިންޓާ އެކު އެވެ. ރޭގެ މެޗުން މޮޅުވެގެން ދެވަނައަށް އެރުމުގެ ފުރުސަތު ސިޓީން ނަގާލި އިރު ދެވަނައިގައި ލެސްޓާ އޮތީ 39 ޕޮއިންޓް ހޯދައިގެންނެވެ. ލިވަޕޫލް އެއްވަނައިގައި އޮތީ 52 ޕޮއިންޓާ އެކު ބޮޑު ފަރަގެއްގަ އެވެ.

މެޗު ފެށިގެން ދެ ޓީމަށް ވެސް ރަނގަޅަށް ކުޅެނުގަނެވި އުޅެނިކޮށް ސިޓީގެ ގޯލް ކީޕަރު އެޑާސަން މޮރާއެސްއަށް ވަނީ ރަތް ކާޑެއް ދައްކާފަ އެވެ. އޭނާއަށް އެ ކާޑު ދެއްކީ ވުލްވްސްގެ ޑިއޯގޯ ޔޮޓާ އަށް ކުރި ފައުލަކާ ގުޅިގެންނެވެ. ކުޅުންތެރިޔަކު މަދުކޮށް މެޗުގެ ބޮޑުބައި ސިޓީން ކުޅުނު އިރު މެޗުގެ 25 ވަނަ މިނެޓުގައި އެ ޓީމުން ލީޑު ނެގި އެވެ.

ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ދިން ޕެނަލްޓީގެ ފައިދާ ނަގައި ރަހީމް ސްޓާލިންގް ސިޓީއަށް ލީޑު ނަގައިދިނީ ޕެނަލްޓީ މަތަކުރުމުން ރިބައުންސަށް ނުކުތް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ފުރަތަމަ ހާފު ލީޑުގައި އޮވެ ސިޓީން ނިންމާލި އިރު ދެވަނަ ހާފު ފެށިގެން އެ ޓީމުގެ މިޑްފީލްޑަރު ކެވިން ޑެބްރީނާ ދިން ހިތްގައިމު ޕާހަކުން ސްޓާލިން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެކަމަކު އޭގެ އިރުކޮޅެއް ފަހުން ވުލްވްސްގެ އެޑަމާ ޓްރައޯރޭ ވަނީ ލަނޑެއް ޖަހައި އެ ޓީމަށް އުންމީދު އާކޮށްދީފަ އެވެ.

އެޑަމާގެ ގޯލާއެކު ވުލްވްސްއަށް ލިބުނު ހިތްވަރާ އެކު އެ ޓީމުން ކުޅުން ރަނގަޅުކޮށް ސިޓީގެ ގޯލަށް ނުރައްކާ ކުރަން ފެށި އެވެ. ދިހަ ކުޅުންތެރިންނާ އެކު ކުޅެމުން ދިޔަ ސިޓީއިން ވުލްވްސްގެ ހަމަލާތައް ދިފާއުކުރުމުގައި މޮޅު ކުޅުމެއް ދައްކަމުން ދަނިކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ 82 ވަނަ މިނެޓުގައި ރައުލް ހިމެނޭޒް އެވެ. އަދި މެޗު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް އެ ޓީމު މެޗުން މޮޅުކޮށްދިން ގޯލު ކާމިޔާބުކޮށްދިނީ މެޓް ޑޮހަޓީ އެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މެޗުން ލިބުނު ބައްޔާ އެކު ލީގުގެ ރޭހުން ސިޓީ ބޭރުވެފައިވާ ކަމަށް ގަބޫލު ކުރެވިއްޖެ ކަމަށެވެ. އެއީ އެ މެޗުން ބަލިވުމުން އެއްވަނައިގައި އޮތް ލިވަޕޫލާ ދެމެދު 14 ޕޮއިންޓަށް ފަރަގު ބޮޑުވުމުންނެވެ.

comment ކޮމެންޓް