އޮސްޓްރޭލިއާ އިން ރާއްޖެއަށް ލިބެން ހުރި މަތީ ތައުލީމުގެ ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

އޮސްޓްރޭލިއާއިން ރާއްޖެއަށް ލިބެން ހުރި މަތީތައުލީމުގެ ފުރުސަތުތަކާ ގުޅޭގޮތުން ބޭއްވި މަޝްވަރާތަކުގެ ތެރެއިން---ފޮޓޯ: ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

އޮސްޓްރޭލިއާއިން ރާއްޖެއަށް ލިބެން ހުރި މަތީތައުލީމުގެ ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

އެގޮތުން "އޮސްޓްރޭލިއާ އެވޯޑްސް" ސްކޮލަޝިޕް ޕްރޮގްރާމްގެ ދަށުން ކިޔަވާ ނިމިގެން އައިސްފައިވާ ދަރިވަރުންނާއެކު ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި މިދިޔަ ބުރާސްފަތި ދުވަހު ވަނީ ބައްދަލުވުމެއް ބާއްވައިފައެވެ.

އެ ބައްދަލުވުމުގައި އޮސްޓްރޭލިއާ އާއި ރާއްޖެއާ ދެމެދު މަތީ ތައުލީމުގެ ދާއިރާއިން ގާއިމުކޮށްފައިވާ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވަނީ މަޝްވަރާކުރައްވައިފައެވެ.

އެ ބައްދަލުވުމުގައި 'އޮސްޓްރޭލިއާ އެވޯޑްސް' ގެ ދަށުން ތައުލީމާއި ތަމްރީނުގެ ދާއިރާއިން ލިބޭ ފުރުސަތުގައި ރާއްޖޭގެ ތަރައްގީއަށް އިތުރަށް ދެވިދާނެ އެހީތަކާއި އަދި މިހާރުވެސް އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން އެ ދާއިރާއަށް ވެދެއްވައިފައިވާ އެހީތަކުގެ ސަބަބުން ރާއްޖޭގެ ތަރައްގީއަށް ލިބިފައިވާ ކުރިއެރުންތަކާއި ބެހޭ ގޮތުން މަޝްވަރާކުރެވުނުކަމަށް މިނިސްޓްރީން ބުންޏެވެ.

އޮސްޓްރޭލިއާއިން ރާއްޖެއަށް ލިބެން ހުރި މަތީތައުލީމުގެ ފުރުސަތުތަކާ ގުޅޭގޮތުން ބޭއްވި މަޝްވަރާތަކުގެ ތެރެއިން---ފޮޓޯ: ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

އެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ އޮސްޓްރޭލިއާ ސަރުކާރުން ދިވެހިރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް ވެދެއްވާ ފަހި ފުރުސަތުތައް ފާހަގަކުރައްވާ އަދި 'އޮސްޓްރޭލިއާ އެވޯޑްސް' ގެ ސްކޮލާޝިޕް ޕްރޮގްރާމްއިން ދަސްވެނިވެގެން އަންނަ ދަރިވަރުން ދިވެހިރާއްޖޭގެ ތަރައްގީއަށް މަސައްކަތްކުރާ ސަރުކާރުގެ އެކި އިދާރާތަކުގައާއި ކުންފުނިތަކާއި އަދި ޔޫއެން ފަދަ ބައިނަލްއަގުވާމީ އެންޖީއޯ ތަކުގައި ކުރާ އަގުހުރި މަސައްކަތްތައް ފާހަގަ ކުރައްވާ ޝުކުރު ދަންނަވައިފައެވެ.

'އޮސްޓްރޭލިއާ އެވޯޑްސް' އަކީ އޮސްޓްރޭލިއާ ސަރުކާރުން ދޭދޭ ގައުމުތަކާއި އެކީ އޮންނަ 'ޕަބްލިކް އަދި އިކޮނޮމިކް ޑިޕްލޮމަސީ' ގެ ގުޅުންތައް ބަދަހި ކުރުމަށާއި އެ ގައުމެއްގެ ތަރައްގީއަށް އެންމެ މުހިންމު ދާއިރާތަކުން މީހުން ބިނާ ކުރުމަށް ސްކޮލާޝިޕްގެ ފުރުސަތުދޭ ޕްރޮގްރާމެކެވެ.

comment ކޮމެންޓް