ރިޔާސީ ޓިކެޓު ހޯދަން ނޫޅޭ، ޓިކެޓު ލިބޭނީ ރައީސް ޔާމީނަށް: އަބްދުއްރަހީމް

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމާ އެކު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ޓިކެޓު ލިބޭނީ ހަމައެކަނި ރައީސް އަބްދުﷲ ޔާމީނަށް ކަމަށާއި އެހެންކަމުން އެ ޓިކެޓު ހޯދަން އިތުރު ބޭފުޅަކު މަސައްކަތް ކުރެއްވި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށް ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިއްޔެ ވިދާޅުވެފައި ވަނީ އިދިކޮޅު ޕީޕީއެމް-ޕީއެންސީ އޮތީ ކޮޅު ބެދިފައިވާ މަގެއްގައި ކަމަށެވެ. އަދި އެ މަގުން ސަލާމަތް ވާން އެހެން ވިސްނުމެއް ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އުމަރު އެހެން ވިދާޅުވެފައި ވަނިކޮށް، ރޭ ދ. ކުޑަހުވަދޫގައި ބޭއްވި އިދިކޮޅުގެ ޖަލްސާއެއްގައި އަބްދުއްރަހީމް ވިދާޅުވީ، ޕީޕީއެމް-ޕީއެންސީގެ ކޮޅު ނުބެދޭ ކަމަށެވެ. އަދި ދެ ޕާޓީވެސް ހިނގަމުން ދަނީ އެއް މަގަކުން ކަމަށް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، ކުރިން "ފިލައި ރައްކާވެގެން" ތިބި ބަޔަކު މިއަދު ސަރުކާރު ފަޅީގައި ތިބި ޕާޓީތަކާ ގުޅިގެން ޕީޕީއެމް-ޕީއެންސީ ބައިބައި ކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ ސަފުތައް ބައިބައިކޮށްލުމަށްޓަކައި ވަރަށް ތަފާތު ގޮތްގޮތަށް މަސައްކަތް ކުރަމުން އެބަ ދޭ. މި މަސައްކަތާ ދޭތެރޭގައި ތިބޭފުޅުން ވަރަށް ސަމާލުވާން ޖެހޭ. އަޅުގަނޑުމެންގެ ލީޑާޝިޕް ފުނޑާލުމަށްޓަކައި ވަރަށް ރޭވިގެން އިންސާފުކުރެވިގެން، އަޅުގަނޑުމެންނާ އިދިކޮޅު މިއަދު ސަރުކާރު ކޯލިޝަނުގައި ބައިވެރިވާ ޕާޓީތަކުންނާއި އަދި މީގެ ކުރިން ވީނުވީއެއް ނޭނގި ފިލާ ރައްކާވެގެން އުޅޭ ބޭފުޅުންނާ ގުޅިގެން މަސައްކަތްތަކެއް ކުރިއަށް އެބަ ގެންދޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ އެދިވަޑައިގެންނެވީ އެކަންކަމަށް ޕާޓީގެ މެމްބަރުން ސަމާލުވެ ތިބުމަށެވެ. އަދި ޕީޕީއެމް-ޕީއެންސީގެ ލީޑާޝިޕުގައި ރައީސް ޔާމީނަށް "ހަރާންކޯރު"ވާނެ އެއްވެސް މީހަކު ނުހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު އިދިކޮޅުން ކުރަމުން ދަނީ، ރައީސް ޔާމީން މިނިވަން ކުރަން ކުރާ މަސައްކަތަކަށް ވުރެ ބޮޑަށް ރައީސް ޔާމީން 2023 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް ގެނައުމަށް ކުރާ މަސައްކަތެއް ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

"ﷲގެ ވާގިފުޅާ އެކީގައި ޕީޕީއެމް-ޕީއެންސީއިން 2023ގައި ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުމެވަޑައިގަންނަވާނީ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް. އަޅުގަނޑުމެންގެ ލީޑާޝިޕުގައި ނެތް ރިޔާސީ ޓިކެޓަށް ދަހިވެތިވާ ބަޔަކު،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ޕީޕީއެމް-ޕީއެންސީގެ ޓިކެޓު ހޯދަން މަސައްކަތް ނުކުރުމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި އެ ކަމަށް ދެކޭ "ކުލަ ހުވަފެން" ހަގީގަތަކަށް ވިޔަ ނުދޭނެ ކަމަށް ވިދާޅުވި އެވެ.

"އެއްގޮތަކަށްވެސް، އަޅުގަނޑުމެން ވާ ވައްދަން ނޫޅޭ. އަޅުގަނޑުމެން ތި ބޭފުޅުން ޖަހާ މަޅިއެއްގައި ނުބެދޭނެ. އަޅުގަނޑުމެން މި ތިބީ ފިސާރި ކެރިގެން ސާބިތުކަމާ އެކު. އެއާ އެކީގައި ދަންނަވާލަން ބޭނުންވަނީ ތިކުރާ މަސައްކަތް ކާމިޔާބުވިޔަކަ ނުދޭނަމޭ. ޕީޕީއެމް ޕީއެންސީގެ ރިޔާސީ ޓިކެޓު ލިބިވަޑައިގަންނަވާނެ ކަމުގެ ކުލަ ހުވަފެން ދެކެވަޑައިގަންނަވާނެ ކަމެއް ނެތް. އެ ހުވަފެން ހަގީތަކަށް ވުމުގެ ފުރުސަތެއް އަޅުގަނޑުމެން ނުދޭނަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

comment ކޮމެންޓް