ރުޅިގަނޑު ފަޅައިގެން ދިޔުމުގެ ކުރިން ކޮންޓްރޯލް ކުރުމަށް 5 ގޮތެއް!

މާ ބޮޑަށް ރުޅިގަދަވަނީތަ؟

ރުޅި އަކީ ވަރަށް ނުރަނގަޅު ހަތިޔާރެކެވެ. އެންމެ ކަމުނުދާ ވަގުތުގައި އެންމެ ނުބައި އަމަލަށްވެސް މަގުފަހިކޮށްފައިނޭ ބާރެކެވެ. އެތައް ލޯބި ގުޅުމެއްގެ ނިމުމެވެ. ގޯސް ސިފައެކެވެ. ރުޅި ކޮންޓްރޯލް ނުކުރެވޭ ނަމަ ހިތްނޭދޭ އެތައް ނަތީޖާތަކެއް ނުކުމެދާނެ އެވެ. އެހެންކަމުން މި "ރުޅިގަނޑު" ފަޅައިގެން ދިއުމުގެ ކުރިން އޭގެ މައްޗަށް ބާރުފޯރުވަން އަހަރެމެން ދަސްކުރަން އެބަޖެހެ އެވެ.

މި ލިސްޓުކޮށްލާ ކަންތައްތަކަކީ، ހެލްތު ލައިންގައި ލިޔެ ޝާއިރުކޮށް ލައިސެންސްޑް ސައިކޭޓްރިސްޓެއްކަމުގައިވާ ޑރ.ޓިމޮތީ ޖޭ ލެގް ރިވިއުކޮށްފައިވާ ކަންކަމެވެ.

1. ފުންކޮށް ނޭވާލުމަށް ހަނދާންކުރޭ!

މާ ބޮޑަށް ރުޅިގަދަވާން ފަށައިފި ނަމަ އަބަދުވެސް ކުރަން ހަނދާން ބަހައްޓަންވީ އެއް ކަމަކީ ފުން ނޭވާލުމެވެ. ރުޅިގަދަވާ ވަގުތު މީހާ ހުންނަނީ ފައިޓް ނޫނީ ފްލައިޓް މޯޑްގަ އެވެ. މިކަމުން އަރައިގަތުމަށް ޓަކައި ބޭނުންވަނީ، ލަސްލަހުން ތިމާގެ އަމިއްލަ ކޮންޓްރޯލްގައި ފުން ނޭވާތަކެއް ލުމެވެ. އޭގެ ސަބަބުން ވަގުތުން ތިމާއަށް ހަމަޖެހުން ގެނެސްދޭނެ އެވެ. މިގޮތަށް ނޭވާލުމަށް ޓަކައި ފުރަތަމަ ޕްރެކްޓިސް ކުރެވިދާނެ އެވެ. މިގޮތުން އިށީންނާނެ ގޮތެއް ހޯދައި، ކަރާއި ކޮނޑު ރިލްކްސް ކޮށްލާށެވެ. އަދި ނޭފަތުން ފުންކޮށް ނޭވާލުމަށް ފަހު، ބަނޑަށް ސަމާލުކަންދީ އަނގައިން ނޭވާ ބޭރުކުރާށެވެ. ދުވާލަކު ތިން ފަހަރު ފަސް މިނިޓާއި 10 މިނިޓު މިކަން ޕްރެކްޓިސް ކޮށްލާށެވެ.

2. ވިޝުއަލައިޒް ކުރުން

މަސައްކަތުގެ މާހައުލުގައާއި އަދި ބައެއްފަހަރު މާބޮޑަށް ބުރަވެ ސްޓްރެސްވުމުން ވެސް ރުޅިގަދަވެ އެވެ. މިފަދަ ހާލަތްތަކުގައި އެހުރި މާހައުލަކުން ދުރުވެލާ މީހާ ހަމަޖެހިލުމަށް ވަގުތުކޮޅެއް ދޭންޖެހެ އެވެ. މިގޮތުން ކުރެވިދާނެ އެއްކަމަކީ ވިޝުއަލައިޒް ކުރުމެވެ. ނުވަތަ ސިފަކުރުމެވެ. ލޯމަރާލުމަށް ފަހު ދަތުރުކޮށްލަންވީ އެމީހަކު ހިތްހަމަޖެހޭ، އަދި އުފާކޮށްދޭނޭ އަމާން އަދި ރައްކާތެރި މަންޒިލަކަށެވެ. ފަހަރެއްގައި އެއީ ރަށެއްގެ ގޮނޑުދޮށެއް، ކޮންމެވެސް ގައުމެއްގެ ފަރުބަދަތަކަކަށް ވެދާނެ އެވެ. ދެން އެތަނެއްގެ ވަހާއި، އަޑާއި އަދި މަންޒަރުތައް ސިފަކޮށްލެވޭތޯ ބަލާށެވެ. މިފަދަ އެކްސަސައިޒެއް ކުރިއަށްގެންދާ ނަމަ، ކުރިން ބުނިހެން ނޭވާލުމަށް ސަމާލުކަންދޭންވާނެ އެވެ. އިސާހިތަކު މީހާ ހަމަޖެހިދާނެ އެވެ.

3. އެމީހެއްގެ ނަޒަރިއްޔާތު ބަދަލުކޮށްލާ!

ވަރަށް ގިނަފަހަރު، ރުޅިގަދަވެގެން ގޮސް، ހުރިހާ ކަމެއްގެ ވެސް މައްސަލައަކީ އެމީހެއްކަމަށް ނުވަތަ، މުޅި ދުނިޔެ ވެސް ދައުރުކުރަނީ އެމީހަކާ ދެކޮޅަށް ކަމަށް ހީވެދާނެ އެވެ. ނަމަވެސް، މިއީ މުޅީން ގޯސް ޚިޔާލެކެވެ. ދެން ފަހަރަކުން ރުޅިގަނޑު ކެކިގަންނައިރު، އެކަމަކާ ދޭތެރޭ ތިމާ ވިސްނާގޮތް ކުޑަކޮށް ބަދަލުކޮށްލާށެވެ. ކޮންމެ މީހަކަށް ވެސް އެކިކަހަލަ ކަންކަމާއި ކުރިމަތިވާނެ އެވެ. އަދި އެއީ ކޮންމެ ފަހަރަކު ތިމާ ހިތްއެދޭ ބޭނުންވާ ނޫނީ ހިތްނޭދޭ އަދި ބޭނުންވެސް ނުވާ ގޮތްކަމަށްވެދާނެ އެވެ. އެކަމަކު އުންމީދު ކަނޑާލައިގެން ނުވާނެ އެވެ. އަޑިގަނޑަކަށްފަހު އަންނާނީ އުސްގަނޑެކެވެ.

4. ހިތްހަމަނުޖެހޭ ނަމަ އެކަމެއް ބޭރުކުރޭ!

ގިނަފަހަރު ރުޅީގެ މައްސަލަ މި ޖެހެނީ އެންމެ ދުވަހަކު ދިމާވާ އެންމެ ކަމަކުންނެއް ނޫނެވެ. އެއީ އެތައް ދުވަހެއްގެ މަތީން ދިމާވެފައިހުރި އެތަށް ކަމެއް، ހިތުގައި ސިއްރުކޮށް ފޮރުވައިން ހުރުމުން ނުކުންނަ ނަތީޖާއެކެވެ. އެހެންކަމުން މިކަމުގެ ހައްލަކީ ރުޅިއައިސް އައިސް، އެކަމެއް ފުރި ބަންޑުންވުމުގެ ކުރިން، ހިއްސާކުރަންޖެހޭ މީހަކާ ހިއްސާކުރުމެވެ. އެއީ ހަޔާތުގެ ބައިވެރިޔާކަމުގައިވިޔަސް، އެކުގައި މަސައްކަތްކުރާ އޮފީސްމޭޓަށްވިޔަސް، ނޫނީ ރަހުމަތްތެރިއެއް ނަމަވެސް މައްސަލައެއް ނެތެވެ. ރުޅިގަދަވެ، ހޫނު ފެންއެއްޗަކަށްވުރެ މާހޫނުގަދަވުމަށްވުރެ، ހަމަޖެހިގެން ހުންނަ ވަގުތެއްގައި އެކަމެއް ހިއްސާކޮށް ވާހަކަދެއްކުމުން މާ އެދެވޭ ހައްލެއް ލިބުން ގާތެވެ.

5. ރުޅިގަދަވާ ކަންކަން ފާހަގަކޮށް އެކަންކަން ބަދަލުކޮށްލާ!

ތިމާ ރުޅިގަދަވަނީ އޮފީހަށްދާ ވަގުތުޖެހޭއިރުވެސް ޓެކްސީއެއް ނުލިބިގެން ކަމުގައިވަންޏާ ތަންކޮޅެއް އަވަހަށް ހޭލައިގެން ތައްޔާރުވެ، ޓެކްސީއެއް ހޯދަން ފަށާ ވަގުތު އަވަސްކޮށްލަންވީ އެވެ. ނޫނީ އޮފީހުގައި އިންނައިރު މާ ބޮޑަށް ރުޅިގަދަވަނީ ކުރިމަތީގައި އިންނަ މުވައްޒަފު ޖަހާލާ ބާރު ހިނިގަނޑާއި ހެދި ކަމަށްވާނަމަ، އޭނާގާތުގައި އެވާހަކަ ބުނެލާށެވެ. ނުބުނެ ހުރެ، މާ ބޮޑަށް ރުޅިގަދަވެ، ގޯސްގޮތަކަށް އެވާހަކަ ބުނުމަށްވުރެން އޭނާ ކައިރީގައި ބުނެގެން ހައްލެއް ހޯދައިގެން ނުވަތަ އިށީންނަތަން ބަދަލުކޮށްގެންކަމުގައިވިޔަސް ރުޅިނައިސް ފަރުޖައްސާލެވޭވަރު ކުރަންވީ އެވެ.

މާަ ބޮޑަށް ރުޅިގަދަވުމަކީ ދީނީގޮތުންނާއި، އިޖްތިމާއީގޮތުން އަދި ނަފްސާނީގޮތުންވެސް އެއްވެސް ކަހަލަ ރަނގަޅު ސިފައެއްނޫނެވެ. މިކަންކަމުންވެސް ހައްލެއް ނުލިބި، އާދަޔާ ޚިލާފަށް ކަންކަމާއި ރުޅިގަދަވާ ނަމަ، ނަފްސާނީ ކަންކަމާއި ބެހޭ ކައުންސިލަރެއް ސައިކޮލަޖިސްޓެއްގެ އެހީތެރިކަން ހޯދާލުން ބުއްދިވެރި އެވެ.

comment ކޮމެންޓް