އެމްޓީސީސީގެ ބަހަކާއި ކާރެއް ޖެހި އެކްސިޑެންޓުވެއްޖެ

މިއަދު ހަވީރު އެމްޓީސީސީގެ ބަހަކާއި ޕްރައިވެޓު ކާރެއް ހުޅުމާލޭގައި އެކްސިޑެންޓުވެފައި -- ސަން ފޮޓޯ

ހުޅުމާލޭގައި އެމްޓީސީސީގެ ބަހަކާއި ޕްރައިވެޓު ކާރެއް ޖެކި އެކްސިޑެންޓެއް ހިނގައިިފި އެވެ.

ފުލުހުން ބުނީ ހުޅުމާލޭ ޗަނބޭލި މަގިގައި އެމްޓީސީސީގެ ބަހަކާއި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު މިއަދު ހަވީރު ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި އެ އެކްސިޑެންޓު ހިނގަން މެދުވެރިވީ، ބަސް ޗަނބޭލި މަގުން ދެކުނުން އުތުރަށް ދުއްވާފައި ދަނިކޮށް ކާރުން އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައެވެ.

އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާ ވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު ބަހާއި ކާރަށް އެކި ވަރުގެ ގެއްލުންތަކެއް ލިބުނު ކަމަށް ފުލުހުން ބުންޏެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު އެމްޓީސީސީގެ ބަހަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އުމުރުން 13 އަހަރުގެ ކުޑަކުއްޖަކު މަރުވެފައިވެއެވެ. އެ މައްސަލައިގައި ބަސް ދުއްވި ޑްރައިވަރު ހައްޔަރުވެސް ކުރިއެވެ. އެކަމަކު ފަހުން އޭނާ ވަނީ ދޫކޮށްލައިފައެވެ.

އަދި މި އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހު އެމްޓީސީސީގެ ބަހެއްގެ ދަށުވެ ޔޫކްރެއިންގެ އަންހެނަކު މަރުވެފައިވެއެވެ. އެ ހާދިސާ ހިނގީ ބަސް ޑްރައިވަރު ނިދި ޖެހުމުންނެވެ.

އެމްޓީސީސީއިން ބަހުގެ ހިދުމަތް ދެނީ ހުޅުމާލޭގެ ތެރޭގައި އާއި ހުޅުމާލެއާއި ހުޅުލެއާ ދޭތެރޭއެވެ.

comment ކޮމެންޓް