މަޖިލިސް ހިންގަނީ ބަރުލަމާނީ ސްޓައިލަކަށް: ސައީދު

ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު "ސަން"އަށް ދެއްވި އިންޓަވިއުއެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާރު މަޖިލިސް ހިންގަނީ ބަރުލަމާނީ ސްޓައިލަކަށް ސިފަވާގޮތަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސީއެންއެމްގެ "އިތުރުކާފު" ޕްރޮގްރާމުގައި ރޭ ވާހަކަފުޅު ދައްކަވަމުން މެމްބަރު ސައީދު ވިދާޅުވީ މަޖިލިސް ހިންގަނީ ހުރިހާ ކޮމިޓީއެއް ލައިވްކޮށްގެން ހުރިހާ ކޮމިޓީއަކަށް ސަރުކާރުގެ ބާރުތައް ގެނެސްގެން ކަމަށެވެ.

"ވަޒީރުންނަކީވެސް މަޖިލިސް މެމްބަރުންނަށް ހަދައިގެން މިއަދު މި މަޖިލިސް ހިންގަނީ،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ހަމައެކަނި ތަފާތަކީ މަޖިލީހުގައިވެސް ނުވަތަ އެހެން ތަނެއްގައިވެސް ޕާލަމެންޓްރީ ނުވަތަ ބަރުލަމާނީގެ ނަން ބޭނުން ނުކުރާކަން ކަމަށެވެ.

ސަރުކާރު އޮތީ ހައިބަނޭޝަނެއްގައި ކަމަށާއި ދުވެލި ވަރަށް މަޑު ކަމަށް ސައީދު ފާހަގަކުރައްވާފައިވެއެވެ. އަދި ހުރިހާ ކަމެއް ކުރަނީ މަޖިލީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

"މަޖިލީހުގެ ރައީސް ވަރަށް ސްމާޓް. އެކަން އެބޭފުޅާ ބޭނުންވާގޮތަށް އެބަގެންދޭ. އެހެންނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަން ހިނގާގޮތަށް އެހާބޮޑު ސަމާލުކަމެއް ދޭހެނެއް ހިޔެއް ނުވޭ،" އޭނާ ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ރާއްޖޭގައި ހިންގަނީ ނަން ނުވެ ބަރުލަމާނީ ނިޒާމެއް ކަމަށެވެ.

އެއާއެކު ކުރީގެ ސަރުކާރާއި މި ސަރުކަރުގައި ކަންތައްތައް ކުރަމުންދިޔަ ގޮތް ތަފާތުކަމަށް އޭނާ އިޝާރާތް ކުރައްވާފައިވެއެވެ.

comment ކޮމެންޓް