ބްރިޖާއި ހައިވޭގައި ސީސީޓީވީ ބޭނުންކުރަން ފަށައިފި

އަލަށް ބޭނުންކުރަން ފަށާފައިވާ ސީސީޓީވީގެ ހިދުމަތް ފުލުހުން ބޭނުންކުރަނީ --- ފޮޓޯ : މުހައްމަދު ހަމީދު

ސިނަމާލެ ބްރިޖާއި ހައިވޭ ސަރަހައްދުގައި ސީސީޓީވީ ސާވެއިލެންސް ކެމެރާ ހަރުކުރުމަށްފަހު މިހާރު ބޭނުންކުރަން ފަށައިފި އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސާވެއިލެންސް ކެމެރާ އެ ދެ ސަރަހައްދުގައި ހަރުކޮށް ނިމިފައިވާ ކަމަށެވެ.

އަދި މިހާރު ކުރަމުންދާ މަސައްކަތަކީ އެ ސަރަހައްދުތަކުގައި ސްޕީޑް ޑިޓެކްޓުކުރާ ކެމެރާތައް އިންސްޓޯލްކުރުމުގެ މަސައްކަތް ކަމަށް ހަމީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޑިޓެކްޝަން ކެމެރާތަކާއެކު އުޅަނދުތަކުގެ ނަމްބަރު ޕްލޭޓުވެސް ދެނެގަނެވޭނެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

ބްރިޖުގައި ސްޕީޑު ކެމެރާ ހަރުކުރުމަށް އަމަލީގޮތުން މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ކުރީކޮޅުގައެވެ.

ފުލުހުން ކުރިން ބުނެފައިވަނީ ސިނަމާލެ ބްރިޖް އަދި ހައިވޭ ސަރަހައްދުގައި ޖުމްލަ 77 ކެމެރާ ހަރުކުރާނެ ކަމަށެވެ. އަދި އެ ކެމެރާތައް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ފުލުހުން އިއުލާނުކޮށްފައިވަނީ ޖެނުއަރީ ފަހުކޮޅުގައެވެ.

ބްރިޖު އަދި ހައިވޭ ސަރަހައްދުގައި ގިނަ އަދަދަކަށް އެކްސިޑެންޓު ހިނގާއިރު އަލަށް ބޭނުންކުރަން ފެށި ސިސްޓަމުގެ ސަބަބުން އެކްސިޑެންޓުވާ އަދަދު މަދުވެގެންދާނެ ކަމަށް އެކި ފަރާތްތަކުން ގަބޫލުކުރެއެވެ.

ދެހާސް ސަތާރަވަނަ އަހަރު ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސްއިން ކުރި ދިރާސާއެއްގައި ބުނީ ސްޕީޑް ކެމެރާ ބޭނުންކުރުމުން މަގުމަތީގެ އެކްސިޑެންޓްތައް މަދުވެ މަރުވާ މީހުންގެ އަދަދު ދަށްވެފައިވާ ކަމަށެވެ.

comment ކޮމެންޓް