ވިކިޕީޑިއާ ބްލޮކް ކުރުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް: ތުރުކީގެ ކޯޓު

ތުރުކީގައި ވަނީ 2017 ވަނަ އަހަރު ވިކިޕީޑިއާ ބޭނުން ނުކުރެވޭ ގޮތް ހަދާފަ -- ފޮޓޯ: ގެޓީ

އަންކާރާ (ޑިސެމްބަރު 27): ތުރުކީގައި ވިކިޕީޑިއާ ބޭނުން ނުކުރެވޭ ގޮތަށް ހެދުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް އެގައުމުގެ ދުސްތޫރީ ކޯޓުން އަންގައިފި އެވެ.

ތުރުކީގެ ދުސްތޫރީ ކޯޓުގައި ތިއްބަވާ 10 ފަނޑިޔާރުންގެ ތެރެއިން ހަ ފަނޑިޔާރުން އިއްޔެ ނިންމެވި ގޮތުގައި އޮންލައިން އެންސައިކްލޮޕީޑިއާއެއް ކަމަށްވާ ވިކިޕީޑިއާ ބޭނުން ނުކުރެވޭ ގޮތަށް ހެދުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަޅާ ކަމެކެވެ. އެހެންކަމުން އެގައުމުގައި އަލުން ވިކިޕީޑިއާ ބޭނުން ކުރެވޭ ގޮތް ހަދަން ޖެހެ އެވެ.

ތުރުކީން 2017 ވަނަ އަހަރު ވިކިޕީޑިއާ މަނާ ކުރީ އެގައުމުން ސީރިއާގައި އިސްލާމިކް ސްޓޭޓާއި އެފަދަ އެހެން ޖަމާއަތްތަކަށް އެއްބާރުލުން ދޭ ކަމަށާއި ދައުލަތުގެ ތާއިދާއެކު ޓެރަރިޒަމްގެ އަމަލުތައް ހިންގާ ކަމަށް އެވެބްސައިޓުގެ ބައެއް ލިޔުންތަކުގައި އޮތުމުންނެވެ.

އެ މައްސަލަ ދުސްތޫރީ ކޯޓަށް ހުށަހެޅީ ވިކިމީޑިއާ ފައުންޑޭޝަނުންނެވެ. އަދި ވިކިޕީޑިއާގެ ބާނީ ޖިމީ ވޭލްސް ވަނީ ކޯޓުގެ ނިންމުމަށް މަރުހަބާ ކިޔާފަ އެވެ.

ތުރުކީގެ ސަރުކާރަށް ފާޑު ކިޔާ އެހެން ވެބްސައިޓުތައް ވެސް އެގައުމުގައި ބޭނުން ނުކުރެވޭ ގޮތަށް ހަދާފައިވެ އެވެ. އެގޮތުން އެގައުމުން 127،000 ވެބްސައިޓާއި 95،000 ވެބް ޕޭޖު މަނާކޮށްފައިވެ އެވެ. އަދި މުޒާހަރާތައް ކުރިއަށްގެންދާ ނަމަ ނުވަތަ ޓެރަރިސްޓު ހަމަލާއެއް ދީފި ނަމަ ފޭސްބުކާއި ޓުވިޓާ ފަދަ ސޯޝަލް މީޑިއާ ސައިޓުތައްވެސް ވަގުތީ ގޮތުން ބޭނުން ނުކުރެވޭ ގޮތަށް ހެދުމަކީ އާއްމު ކަމެކެވެ.

ދުނިޔެގެ އެކި ގައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ މިންވަރު ބެލުމަށް ފަހު ރިޕޯޓާސް ވިތައުޓް ބޯޑާސްއިން އެކުލަވާލާ 180 ގައުމު ހިމެނޭ ލިސްޓުގައި ތުރުކީ އޮންނަނީ 157 ވަނައިގަ އެވެ.

comment ކޮމެންޓް