އިސްރާއީލްގެ ވެރިކަން ކުރާ ޕާޓީގެ ޕްރައިމަރީ ނަތަންޔާހޫ ކާމިޔާބު ކުރައްވައިފި

އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ލިކުދު ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރައްވާފަ -- ފޮޓޯ: އޭއެފްޕީ

ގުދުސް (ޑިސެމްބަރު 27): އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެގައުމުގެ ވެރިކަން ކުރާ ލިކުދު ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރައްވައިފި އެވެ.

ލިކުދު ޕާޓީގެ ލީޑަރު ހޮވުމަށް އިއްޔެ ބޭއްވި ވޯޓުގައި ބައިވެރިވާން 116،000 މީހުން ރެޖިސްޓާކޮށްފައިވާ އިރު އޭގެ ތެރެއިން 49 ޕަސެންޓު މީހުން ވޯޓުލި ކަމަށް ޕާޓީން ބުންޏެވެ. އެ ވޯޓުގެ ނުރަސްމީ ނަތީޖާއަކުން ދެއްކި ގޮތުގައި 71 ޕަސެންޓު މީހުން ވޯޓު ދިނީ ނަތަންޔާހޫއަށެވެ. އަދި އޭނާއާ ވާދަ ކުރެއްވި ކުރީގެ އިންޓީރިއާ މިނިސްޓަރު، ގިޑިއަން ސާއަށް ލިބުނީ 29 ޕަސެންޓު ވޯޓެވެ.

އެ ޕްރައިމަރީން ކާމިޔާބީ އިއުލާން ކުރައްވަމުން ނަތަންޔާހޫ ވަނީ "ކުރިއަށް އޮތް އާއްމު އިންތިހާބުން އެ ޕާޓީ ބޮޑު ކާމިޔާބީއެއް ހޯދާ، ގައުމު ހިންގެވުމާއިގެން ކުރިއަށްވަޑައިގަންނަވާނެ" ކަމަށް ވިދާޅުވެފަ އެވެ.

ނަތަންޔާހޫއާ ވާދަ ކުރެއްވި ގިޑިއަން ސާ މިހާރު ވަނީ ބަލި ގަބޫލު ކުރައްވާ، މާޗު މަހު ބާއްވާ އާއްމު އިންތިހާބުގައި ބޮޑުވަޒީރަށް ތާއިދު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އިސްރާއީލުގައި އެއް އަހަރު ތެރޭ ތިން ވަނަ އާއްމު އިންތިހާބު ބާއްވަން ޖެހުނީ އެ ތިން އިންތިހާބުންވެސް ކުރި ހޯދި މައި ދެ ޕާޓީއަށް ސަރުކާރެއް އެކުލަވާނުލެވުމުންނެވެ. އެއީ ލިކުދު ޕާޓީ އާއި އިދިކޮޅު ބްލޫ އެންްޑް ވައިޓް ޕާޓީ އެވެ.

ނަތަންޔާހޫ އެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ އޭނާގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކޮށްފައި ވަނިކޮށެވެ. އޭނާ ވަނީ އެ ދައުވާތަައް ދޮގު ކުރައްވާ، އެއީ ސިޔާސީ ބޭނުމަކަށް ކުރި ދައުވާތައް ކަމަށް ވިދާޅުވެފަ އެވެ.

އިސްރާއީލުގެ ގާނޫނު އަސާސީގައިވާ ގޮތުން ބޮޑުވަޒީރު މަގާމުން އިސްތިއުފާ ދެއްވަން ޖެހޭނީ ދައުވާތައް ސާބިތުވެ، އިސްތިއުނާފުގެ ހުރިހާ މަރުހަލާތައްވެސް ނިމުމުންނެވެ.

comment ކޮމެންޓް