ބޭރުގެ މަތިންދާބޯޓެއް މަރާމާތު ކުރާ ފުރަތަމަ ދިވެހި ކުންފުންޏަކަށް ވިލާ ވެއްޖެ

ވިލާ އެއާގެ ފެސިލިޓީގައި ފިޓްސް އެއާލައިންގެ މަތިންދާބޯޓުގެ މެއިންޓެނެންސް ހަދަނީ --

ބޭރުގެ މަތިންދާބޯޓެއް ރާއްޖޭގައި މަރާމާތު ކުރާ ފުރަތަމަ ދިވެހި ކުންފުންޏަކަށް ވިލާ އެއާ ވެއްޖެ އެވެ.

ވިލާ އެއާއިން ހިންގާ މެއިންޓެނެންސް އެންޑް އޯވަހޯލް ފެސިލިޓީގައި ހެވީ މެއިންޓެނެންސް ކުރުމަށް ސްރީލަންކާގެ ޗާޓާޑް އެއާލައިނެއް ކަމަށްވާ ފިޓްސް އެއާލައިންގެ އޭޓީއާރް72-202 މަތިންދާބޯޓެއް މިއަދު މާމިގިލީ އެއާޕޯޓަށް ވަނީ ޖައްސާފައެވެ.

ވިލާއިން ބުނި ގޮތުގައި މިއީ ބޭރުގެ އެއާލައިނެއްގެ ހެވީ މެއިންޓެނެންސް ހެދުމަށް ރާއްޖޭގެ ކުންފުންޏަކަށް ލިބުނު ފުރަތަމަ ފަހަރެެވެ.

އޭޓީއާރް72-202 މަރުކާގެ މަތިންދާބޯޓުގެ ހެވީ މެއިންޓެނެންސް ހެދުމަށް ސްރީލަންކާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ވިލާއަށް ހުއްދަ ދީފައިވާކަން އެ ކުންފުނިން ފާހަގަ ކުރެއެވެ. އެ ހުއްދަ ދީފައި ވަނީ ވިލާ އެއާއިން ހިންގާ މެއިންޓެނެންސް އެންޑް އޯވަހޯލް ފެސިލިޓީގެ އިންސްޕެކްޝަން ހެދުމަށް ފަހު އެވެ. ވިލާއިން ބުނި ގޮތުގައި މިއީ، ރާއްޖޭގެ ފެސިލިޓީއަކަށް ބޭރު ގައުމެއްގެ މަތިންދާބޯޓުތަކުގެ ހެވީ މެއިންޓެނެންސް ހެދުމުގެ ހުއްދަ ލިބުނު ފުރަތަމަ ފަހަރުވެސްމެއެވެ.

ވިލާގެ ފެސިލިޓީއަށް ފިޓްސް އެއާލައިންގެ މަތިންދާބޯޓު އައުމަށް ބޭނުންވާ ހުއްދަތައް ދެއްވައި އެންމެހާ ކަންކަން ފަހި ކުރި، ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ އަށާއި، މޯލްޑިވްސް އިމިގްރޭޝަން އަށާއި، މޯލްޑިވްސް ކަސްޓަމްސް ސާވިސް އަށާއި، އެހެނިހެން މުއައްސަސާތަކަށް ވިލާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.

މަތިންދާ ބޯޓުތަކުގެ މެއިންޓެނެންސް ހެދުމަށް ބޭނުންވާ ފަދަ ފެސިލިޓީއެއް ގާއިމް ކުރުމަކީ މީގެ އެތައް އަހަރެއް ކުރިންވެސް ވިލާގެ ތަސައްވަރުގައި ހުރި ކަމެއް ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އެ ކުންފުނީގެ އަމާޒަކީ އެ ފެސިލިޓީ ސަރަހައްދީ ފެންވަރުގައި ހެދުމަތްދޭ ފެސިލިޓީއަކަށް ހަދައި އިންޖިނިއަރުންނަށް ފުރުސަތު ފަހި ކުރުން ކަމަށް ވިލާއިން ބުންޏެވެ.

comment ކޮމެންޓް