ކައުންސިލު އިންތިހާބަށް އެމްއާރްއެމްގެ ޓިކެޓަށް އެދެން ހުޅުވާލައިފި

ނޮވެމްބަރ 7، 2019: ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ އުފެއްދެވި މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރުއެމް) އުފެއްދުމަށް ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރަން މޯލްޑިވްސް ރިފޯމް މޫވްމަންޓު (އެމްއާރްއެމް)ގެ ޓިކެޓަށް އެދެން އެ ޕާޓީއިން ހުޅުވާލައިފިއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ލީޑާޝިޕުގައި ހިންގަމުންދާ އެމްއާރްއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކައުންސިލު އިންތިހާބުގައި ވާދަ ކުރަން އެ ޕާޓީގެ ޓިކެޓު ހޯދަން މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.

ޓިކެޓަށް އެދެން ބޭނުންވާ ފަރާތްތަކުން ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަމްބަރާއި، ކުރިމަތިލައްވަން ބޭނުންވާ ދާއިރާ ޖެހުމަށް ފަހު އަންނަ ޖެނުއަރީ 25 ވަނަ ދުވަހުގެ ހަވީރު 4:00ގެ ކުރިން 7563664އަށް އެސްއެމްއެސް ކުރަން އެދޭ ކަމަށް އެ ޕާޓީއިން ބުނެފައިވެއެވެ. އިތުރު މައުލޫމާތު އެ ފޯނު ބޭނުން ނަމަ އެ ފޯނު ނަމްބަރަށް ގުޅުމަށް އެ ޕާޓީއިން އެދުނެވެ.

އެމްއާރްއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްދީ ލިޔުން ހަވާލު ކުރީ މިިދިޔަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. ރައީސް މައުމޫނަކީ އެ ޕާޓީގެ އިންތިގާލީ ރައީސެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އޮންނާނީ އަންނަ އޭޕްރިލް މަހުގެ ތެރޭގައެވެ. ދެ އިންތިހާބުވެސް އޮންނާނީ އެއް ދުވަހަކު އެވެ.

މިފަހަރުގެ ލޯކަލް ކައުންސިލު އިންތިހާބުގައި އަތޮޅު ކައުންސިލުގެ ރައީސް ހޮވާނީ މުޅި އަތޮޅުގެ ހުރިހާ ރައްޔިތުންގެ މެދުގައި ނެގޭ ވޯޓަކުންނެވެ. އަދި މިފަހަރުގެ އިންތިހާބުގައި ކައުންސިލުތަކުގެ 33 ޕަސެންޓު އަންހެން މެމްބަރުންނަށް ހާއްސަ ކުރެވިފައިވެއެެވެ.

comment ކޮމެންޓް