ރައީސްގެ އިލްތިމާސް: އަދި ވަގުތު އެބަ އޮތް، ނުރަނގަޅު މަގު ދޫކޮށް އިސްލާހުވޭ!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ/ރައީސް އޮފީސް

ރާއްޖޭގައި ހިނގާ ނޭއްގާނީ އަމަލުތަކާ ދެކޮޅަށް ހުރިހާ ދިވެހިން އެއްބައިވުމަށާއި، އެފަދަ ކަންކަމުގައި އުޅޭ ފަރާތްތަކުން ވެސް ނުރަނގަޅު މަގު ދޫކޮށް އިސްލާހުގެ މަގު އިހްތިޔާރު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ގޮވާލައްވައިފިއެވެ.

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމަށް މިއަދު ތ. ވިލުފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މުޅި ގައުމުގެ ހާލަތަށް ބަލާއިރު އެއްބައިވަންތަކަމާ އެކުވެރިކަން ކުރިއަށް ނެރެގެން ނޫނީ ހައްލުކުރަން ދަތި އެތައް މައްސަލަތަކެއް މިހާރުވެސް ދިވެހިންގެ ތެރޭގައި އެބަހުރި ކަމަށެވެ.

އެގޮތުން ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފަތުރައި ހިންގާ ހަރުކަށި އަމަލުތަކާއި، ދީނަށް އިހާނާތްތެރިކޮށް ހިތުމާއި މާރާމާރީ އާއި ގޭންގު ކުށްތަކާއި މަސްތުވާތަކެތީގެ މައްސަލަތައް ރައީސް ފާހަގަކުރެއްވިއެވެ.

"އެއްބައިވަންތަކަމުގެ ދުވަހެއް ފާހަގަ ކުރާއިރު މިއަދު އަޅުގަނޑުމެން އެއްބައިވާންޖެހިފައި މިވަނީ މިފަދަ ކަންކަމާ ދެކޮޅަށް. އެންމެން އެއް އަޒުމެއްގައި އެއް ރޫހެއްގައި މަސައްކަތް ކުރަންވީ މި މައްސަލަތައް ހައްލުކުރަން. މިއީ އެންމެންގެ ގައުމު. އަޅުގަނޑުމެން ދިރިއުޅެން އޮތް ފަސްގަނޑަކީ މިއީ. މިތަނުގެ ހަމަޖެހުމާ ސުލްހައާއި އަމާންކަން ދެމިއޮންނާނީ އަޅުގަނޑުމެން އެކަން ކަމަށް އިސްކަން ދިން މިންވަރަކުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިފަދަ މައްސަލަތައް އާންމުވަނީ ގާނޫނުތައް ނެތިގެން ނުވަތަ އަދަބުތައް ކަނޑައެޅިފައި ނެތިގެން ނޫން ކަމަށާއި، މިއީ ފަރުދީ ޒިންމާއަށް އިހުމާލުވެ މުޖުތަމައުގެ މަސްލަހަތުގެ މައްޗަށް ތިމާގެ އަމިއްލަ ކަންކަން އިސްކުރުމުގެ ނަތީޖާ ކަމަށެވެ.

އެހެންކަމުން މިފަދަ ހުރިހާ ކަމަކަށް ފާޅުގައި ދެކޮޅު ހަދާ، އެފަދަ ކަންކަން ސިއްރުނުކޮށް ކަމާބެހޭ އިދާރާތަކާ މައުލޫމާތު ހިއްސާކުރުމަކީ އަޒުމަކަށް ހަދަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މުޅި މުޖުތަމައު އެކުގައި މިފަދަ ކަންކަމާ ދެކޮޅަށް ތެދުވެގެން ނޫނީ ކިތަންމެ ވަރަކަށް ވާހަކަ ދެއްކިއަސް މިކަންކަން ހައްލު ނުކުރެވޭނެ ކަމަށެވެ.

ރައީސްގެ ވާހަކައިގައި މިފަދަ ނޭއްގާނީ އަމަލުތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ވެސް ވަނީ އިލްތިމާސެއް ކުރައްވައިފައެވެ.

"ކުރިން މި ދެންނެވިފަދަ ނޭއްގާނީ އަމަލުތަކުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް ވެސް އަޅުގަނޑު ދަންނަވާލަން އޮތީ އަދި ވަގުތު ފާއިތެއް ނުވެއޭ. މިހާރު ތިޔަ ހިނގާ ނުރަނގަޅު މަގު ދޫކޮށް އިސްލާހުގެ މަގު އިހްތިޔާރު ކުރާށޭ. އެކަހެރިވުމަ ވަކިވެގަތުމުގެ ގޮތްތައް ދޫކޮށް އިޖުތިމާއީ މިންގަނޑުގެ ތެރެއަށް ވަނުމަށް ސަމާލުކަން ދޭށޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެންމެންނަކީ ވެސް ހަމަ ދިވެހި ރައްޔިތުން ކަމަށާޢި އެއްވެސް ރައްޔިތަކަށް ދެރަ ގޮތެއް ވުމަކީ އެދިވަޑައިގަންނަވާ ގޮތް ނޫން ކަމަށެވެ.

ރައީސް ވަނީ މީގެ 15 އަހަރު ކުރިން ދުނިޔެއަށް ކުރިމަތި ސުނާމީ ކާރިސާގައި ރާއްޖެއަށް ލިބުނު ގެއްލުން ފޫބައްދަން ދިވެހިން އެކުގައި ކުރި މަސައްކަތަކީ ނަމޫނާ އެއް ކަމަށެވެ.

ސުނާމީގެ ހިތާމަ އާއި ހިތްދަތިކަމުން އަދި މާލީ ގޮތުންނާއި އުމްރާނީ ގޮތުން ލިބުނު ގެއްލުންތަކުން އަރައިގަތުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ވެސް ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އެ ދުވަހު ދިވެހިން ދައްކައިދިނީ ދިވެހިންގެ ހިތްތަކުގައި އެކަކު އަނެކަކަށް އޮތް އޯގާތެރިކަމާ އަޅާލުން ކަމަށާއި މަސްލަހަތަށް ލޯބިކުރުމާ އަނެކުންނަށް އިސްކަން ދިނުމުގެ ރީތި މިސާލު ކަމަށެވެ.

ދެހާސް ހަތަރު ވަނަ އަހަރުގެ ސުނާމީ ކާރިސާގައި 82 ދިވެހިން މަރުވެ، 26 މީހަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. އަދި 190 ރަށަކަށް އެކި ވަރުގެ ގެއްލުން ލިބުނެވެ. އޭގެ ތެރެއިން ފަސް ރަށަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެރަށްރަށުގެ ރައްޔިތުން ވަނީ އެހެން ރަށްތަކަށް ބަދަލުކޮށްފައެވެ. އަދި 15،000 މީހުން ގެދޮރު ގެއްލި ވަގުތީ ހިޔާވަހިކަމުގައި އެތައް އަހަރެއް ވަންދެން ދިރިއުޅެން ޖެހުނެވެ.

comment ކޮމެންޓް