ތުރުކީގެ ސިފައިން ލީބިޔާއަށް ފޮނުވަނީ

ތުރުކީގެ ރައީސް އުރުދުޣާން ވަނީ އެގައުމުގެ ސިފައިން ލީބިޔާއަށް ފޮނުވާނެ ކަމަށް ވިދާޅުވެފަ -- ފޮޓޯ: އަންދަލޫ އޭޖެންސީ

އަންކާރާ (ޑިސެމްބަރު 26): ލީބިޔާގައި އޮތް ބައިނަލްއަގުވާމީ ދުނިޔެއިން ބަލައިގަންނަ ސަރުކާރު، ގަވަމެންޓު އޮފް ނެޝަނަލް އެކޯޑް (ޖީއެންއޭ)އަށް އެހީވުމަށް ތުރުކީގެ ސިފައިން އެގައުމަށް ފޮނުވަން ނިންމާފައިވާ ކަމަށް ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

އުރުދުޣާން މިއަދު އެފަދައިން ވިދާޅުވީ އިއްޔެ ތޫނިސްއަށް ވަޑައިގެން، އެގައުމުގެ ރައީސް ގައިސް ސައީދުއާ ބައްދަލު ކުރެއްވުމަށްފަހުގަ އެވެ.

އުރުދުޣާން ވިދާޅުވި ގޮތުގައި އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ އަވަށްޓެރި ލީބިޔާގެ ހާލަތާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ. އަދި އެގައުމުގައި ހަމަލާ ބަދަލު ކުރުން ހުއްޓުވާ، ހަނގުރާމަ ކުރަމުންދާ ދެ ފަރާތް މަޝްވަރާގެ މޭޒަށް ގެނައުމާ ބެހޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ.

މީގެ އިތުރުން އުރުދުޣާން ވަނީ ތުރުކީގެ ސިފައިން ލީބިޔާއަށް ފޮނުވުމާ ބެހޭ ގޮތުން އަންނަ މަހު ޕާލިމެންޓުގައި ވޯޓެއް ނަގަން ސަރުކާރުން ހުށަހަޅާނެ ކަމަށް ވިދާޅުވެފަ އެވެ.

މީގެ ކުރިންވެސް އުރުދުޣާން ވަނީ ލީބިޔާގެ ސަރުކާރުން އެދިއްޖެ ނަމަ އެގައުމަށް ތުރުކީގެ ސިފައިން ފޮނުވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިދިޔަ މަހު އެ ދެ ގައުމުގެ އޮފިޝަލުން ވަނީ ބައްދަލު ކުރައްވާ، ސަލާމަތާއި އަސްކަރީ އެއްބާރުލުން ދިނުމާ ބެހޭ ގޮތުން މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންއެއްގައި ސޮއިކޮށްފަ އެވެ.

ލީބިޔާގައި މީގެ ކުރިން އޮތް ކާނަލް މުއައްމަރުލް ގައްޒާފީގެ ވެރިކަން 2011 ވަނަ އަހަރު ވައްޓާލި ފަހުން އެގައުމުގައި ވަނީ އިދިކޮޅު ސަރުކާރުތައް އުފެދިފަ އެވެ. އެގޮތުން ގައުމުގެ ހުޅަނގު ކޮންޓުރޯލު ކުރަމުން ދަނީ އދ.ގެ ތާއިދު އޮތް ޖީއެންއޭ އިންނެވެ. އަދި ގައުމުގެ އިރުމަތީގައި އޮތީ ހަނގުރާމަވެރި ލީޑަރު، ޖެނެރަލް ޚަލީފާ ހަފްތަރާއި އޭނާގެ ލީބިޔަން ނެޝަނަލް އާމީ (އެލްއެންއޭ)ގެ ވެރިކަމެވެ.

ތުރުކީ އާއި ގަތަރުން ޖީއެންއޭގެ ވެރިކަމަށް ތާއިދު ކުރާ އިރު ރަޝިއާ އާއި ޔުނައިޓެޑް އެރެބް އެމިރޭޓްސް އާއި ސައުދީ އާއި މިސްރާއި ފްރާންސުން ތާއިދު ކުރަނީ ހަފްތަރަށެވެ.

comment ކޮމެންޓް