ހަރުކަށި ފިކުރާއި ލާދީނީ ފިކުރުން ސަލާމަތްވެގެން ނޫނީ ހަމަޖެހުމެއް ނެތް: އިމްރާން

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމަށް މިއަދު ތ. ވިލުފުށީގައި ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު ވާހަކަ ދައްކަވަނީ -- ފޮޓޯ: ހޯމް މިނިސްޓްރީ

ހަރުކަށި ފިކުރާއި ލާދީނީ ފިކުރުން ގައުމު ސަލާމަތްކޮށްގެން ނޫނީ ހަމަޖެހުމެއް ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމަށް މިއަދު ތ. ވިލުފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ 21 ވަނަ ގަރުނުގައި ދުނިޔެ އަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ތެރޭގައި ރައްޔިތުންނަށް އަރައިގަންނަން އުނދަގޫ ކަންތައްތަކެއް ހުރި ކަމަށެވެ.

"ސުނާމީގެ ގެއްލުންތަކުން މިއަދު އަރައިގަނެފައިވީ ނަމަވެސް ރާއްޖޭގައި އަރައި ނުގަނެވޭނެ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައި އެބަހުރި،" މިނިސްޓަރު ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ ދިވެހިންގެ ތެރެއިން މަދުބަޔަކު ނަމަވެސް އިސްލާމްދީނަށް ފުރައްސާރަކޮށް ރަސޫލާ އަށް އަށް ކުޑައިމީސްބުނެ އިސްލާމްދީނާ ދެކޮޅަށް ފަތުރަމުންދާ ކަންތައްތަކުން ސަލާމަތްކޮށް ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމަށް އެންމެން އެކުގައި މަސައްކަތްކުރަން ޖެހިފައިވާ ކަމަށެވެ.

"މީގެ އިތުރުން އިސްލާމްދީނުގެ ނަމުގައި ހަރުކަށި ފިކުރުތަކަށް ތަބާވެ، ރައްޔިތުންގެ މުދަލާއި ފުރާނައަށް ގެއްލުންދީ، އެންމެންގެ މެދުގައި ބިރުވެރިކަން އުފައްދާ ނުރައްކާތެރި ހަމަލާތަކާ ދިމާއަށް ދަތުރުކުރުމުގެ ވިސްނުމުން ރައްޔިތުން ސަލާމަތް ކުރަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިމްރާނު ވިދާޅުވީ މިފަދަ އިޖުތިމާއީ ބޮޑެތި ބަލިތަކުން ސަލާމަތްވެގެން ނޫނީ ދިވެހި ރައްޔިތުންނަށް އުފާވެރި މުސްތަގުބަލެއް ނުލިބޭނެ ކަމަށާއި މިއީ ސަރުކާރުން ފޫޅާ ދާއިރާއެއްގައި ވިސްނައި، އެކަންތަކާ ދެކޮޅަށް މަސައްތަތްތައް ފަށާފައިވާ ކަންތައް ކަމަށެވެ.

ރައްޔިތުންގެ ކުރިއެރުމަށާއި ލާބަ އާއި މަސްލަހަތަށްޓަކާ ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖެއަށް ފެތުރި އާންމުވެފައިވާ މަސްތުވާތަކެތީގެ ވަބާއިން އުފެދެމުން އަންނަ ޖީލުތަކާއި ޒުވާނުން ސަލާމަތް ކުރުމަށް ހުރިހާ ރައްޔިތުން ގުޅިގެން އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"ގައުމަށް ކުރިމަތިވާ ކޮންމެ ބޮޑު ހިތާމަވެރި ހާދިސާ އަކުން އަރައިގަނެވޭނީ ރައްޔިތުން އެކުވެރިވެ އެއްބާރުލައިގެން. އެންމެންގެ އަމާޒާ މިސްރާބު އަމާޒުކޮށްގެން އެންމެން އެއްރޫހެއްގައި މަސައްކަތްކޮށްގެން،" ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް