ރާއްޖޭގައި މަސައްކަތް ކުރަމުން ނޭޕާލްގެ ފަގީރުންނަށް އެހީވަނީ!

ރަޖާނީ --

ނޭޕާލަށް ނިސްބަތްވާ ރަޖާނީ ސްރެޝްތާ ރާއްޖޭގައި މަސައްކަތް ކުރާތާ ތިން އަހަރު ވީއެވެ. ލެބޯޓްރީ ޓެކްނީޝަނެއްގެ ގޮތުގައި ތަމްރީނުވެގެން ރާއްޖެ އައި ރަޖާނީ މިހާރު މަސައްކަތްކުރަނީ ލައިފް ސަޕޯޓު ކުންފުނީގަ އެވެ. ރާއްޖޭގައި މަސައްކަތް ކުރާ އެތައް ލައްކަ ބިދޭސީންނަކާއި ރަޖާނީގެ ވާހަކަ ވަރަށް ތަފާތެވެ. އޭނާ ރާއްޖޭގައި މަސައްކަތްކޮށްގެން ލިބޭ މުސާރައިން ބައެއް އަމިއްލަ ގައުމުގައި ތިބި ފަގީރު ނިކަމެތި ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހޭދަކުރަނީ އެވެ.

"ކުދިންނަށް އެހީވާން ނޭޕާލުގައި އަމިއްލަ ޖަމްއިއްޔާއެއް އުފައްދައިގެން މި މަސައްކަތް ކުރަނީ. ރާއްޖޭގެ ރައްޔިތުންނަށްވެސް ޖަމްއިއްޔާ އަށް އެހީތެރިކަން ފޯރުކޮށްދެވޭނެ،" ސަން އާ ވާހަކަ ދައްކަމުން ރަޖާނީ ބުންޏެވެ.

ރަޖާނީ އާއި އެނާގެ އެކުވެރިން ނޭޕާލުގައި މެޑިކަލް ކޭމްެއް ހިންގަނީ -- ފޮޓޯ: ރަޖާނީ

ރަޖާނީ ދަނީ އޭނާ އިސްވެ ހުރެ އުފެއްދި "ހޭންޑް އިން ހޭންޑް" ޖަމްއިއްޔާ މެދުވެރިކޮށް ނޭޕާލުގެ ފަގީރު 15 ކުއްޖެއްގެ ސްކޫލު ފީ ދައްކައިދެމުންނެވެ. ނޭޕާލުގައި ތިބޭ އޭނާގެ އެކުވެރިންގެ އެހީއާއެކު ހިންގާ މި ޖަމްއިއްޔާ އިން އެގައުުގެ ނިކަމެތި ފަގީރު ކުދިންނަށް އިތުރު އެތައް އެހީއެއް އަންނަނީ ފޯރުކޮށްދެމުންނެވެ.

ރަޖާނީ އާއި އޭނާގެ ބައިވެރިން ނޭޕާލު ސްކޫލެއްގައި -- ފޮޓޯ: ރަޖާނީ

"ކުދިންނަށް ހެދުންކަހަލަ އެއްޗެހި ހޯދައިދެން ބޭނުން. މިހާރުވެސް ކޮންމެވެސް ވަރަކަށް ލިބޭ ބޭނުންކޮށްފައި ހުންނަ ހެދުން. އަސްލު އަހަރެން ހިތަށް އަރަނީ އެކުދިންނަށްވެސް އާ ހެދުމެއް ލުމުގެ ނަސީބު ލިބެންވާނެޔޭ،" ކުޑައިރު މަންމަ އާއި ބައްޕަ މަރުވެފައިވާ ރަޖާނީ ބުންޏެވެ.

އޭނާ ބުނި ގޮތުގައި، ކޮންމެ މީހަކަށްވެސް އޭނާގެ ޖަމްއިއްޔާ އަށް އެހީތެރިކަން ފޯރުކޮށްދެވޭނެ އެވެ. ފައިސާގެ އެހީ އާއި ތަކެތީގެ އެހީވެސް އުފަލާއެކު ބަލައިގަންނާނެ ކަމަށް ރަޖާނީ ބުންޏެވެ.

ރަޖާނީމެން އެހީވާ ކުދިން-- ފޮޓޯ: ރަޖާނީ

ކޮންމެ އަހަރަކުވެސް ލިބޭ ޗުއްޓީގައި އެނބުރި ގައުމަށްގޮސް ޖަމްއިއްޔާގެ ބައިވެރިންނާއެކު ގައުމުގެ ނިކަމެތި ކުދިންނަށް އަމާޒުކޮށްގެން މެޑިކަލް ކޭމްޕުތައްވެސް ހިންގާ ކަމަށް ރަޖާނީ ބުންޏެވެ.

ރަޖާނީމެން އެހީވާ ކުދިން-- ފޮޓޯ: ރަޖާނީ

އޭނާގެ އަމާޒަކީ ކުރިއަށްއޮތްތަނުގައި ނިކަމެތި ކުދިން ބަލަހައްޓާނެ ސެންޓަރެއް ނޭޕާލުގައި ގާއިމްކޮށް އެފަދަ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

comment ކޮމެންޓް