ޔޫއޭއީގެ ބޯޓަކުން ތެޔޮވިއްކަނީ ކަސްޓަމްސްގެ ހުއްދައަކާ އެކު

ވިޔަފާރި ބަނދަރު --- ފޮޓޯ: ކަސްޓަމްސް

ކަސްޓަމްސްގެ އިޖުރާތްތަކާ ހިލާފަށް ރާއްޖޭގެ ސަރަހައްދަށް ތެޔޮބޯޓެއް ވަދެ ތެޔޮ ވިއްކަމުން ނުދާކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

ކަސްޓަމްސް އިން މިހެން ބުނެފައިވަނީ ފަސް މިލިއަން ލީޓަރުގެ ތެޔޮބޯޓެއް ޔޫއޭއީ އިން އައިސް ރާއްޖޭގެ ސަރަހައްދުގައި ގަވައިދާ ހިލާފަށް ތެޔޮވިއްކަމުންދާކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކަކާ ގުޅިގެންނެވެ.

ކަސްޓަމްސް އިން މިއަދު ބުނީ ރާއްޖޭގެ ސަރަހައްދަށް ވަދެ، ގަވައިދާ ހިލާފަށް ތެޔޮވިއްކަމުންދާ ކަމަށް ބުނެ ދެކެވޭ ވާހަކައަކީ ހަގީގަތާ ހިލާފު ވާހައެއް ކަމަށެވެ. އެގޮތުން ޑިސެމްބަރު 15 ވަނަ ދުވަހު ޔޫއޭއީ އިން "އެމްޓީ އެމްއޯ ސަޓޯ" ކިޔާ ބޯޓެއް ތެޔޮ ހިފައިގެން ރާއްޖެ އައިސްފައިވާ ކަމަށާއި އެ ބޯޓު ރާއްޖެ ސަރަހައްދަށް ވަދެފައިވަނީ ކަސްޓަމްސްގެ އިޖުރާތްތަކާ އެއްގޮތަށް ހުއްދަނަގައިގެން ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން ބުނީ އެ ބޯޓު އަދިވެސް އޮތީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ކަމަށެވެ. ގަވައިދާ ހިލާފަށް އެ ބޯޓުން އެއްވެސް މުދަލެއް ބާލަމުން ނުދާ ކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން ބުނީ ގަވައިދާ ހިލާފު އަމަލެއް ބަޔަކު ހިންގަމުންދާކަން ފާހަކަ ކުރެވޭ ނަމަ، އެ މައުލޫމާތެއް ލަސްނުކޮށް ކަސްޓަމްސް އާ ހިއްސާ ކުރުމަށް އެ މުވައްސަސާ އިން އެދޭ ކަމަށެވެ.

comment ކޮމެންޓް