ހަންނަގެ ގޯލާ އެކު ޔޫވީ ބަލިކޮށް އީގަލްސް ދެވަނައަށް

އީގަލްސްއާއި ޔޫވީ ރޭ ކުޅުނު މެޗުގައި ހަންނަ ގޯލު ޖެހުމަށްފަހު ސެލަބްރޭޓް ކުރަނީ --- ފޮޓޯ// އެފްއޭއެމް

ވޭތުވެ ދިޔަ އަހަރުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނު ހަސަން ރާއިފް (ހަންނަ) ގެ ގޯލާ އެކު ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް އީގަލްސްއިން ތާވަލުގެ ދެވަނައަށް ޖެހިލައިފި އެވެ.

ގަލޮޅު ދަނޑުގައި ރޭ ކުޅުނު އެ މެޗުން އީގަލްސް ކުރި ހޯދީ 0-1 ގެ ނަތީޖާއަކުންނެވެ. މިފަހަރުގެ ސީޒަނުގައި އީގަލްސްއިން ފުރަތަމަ ފަހަރަށް ބަލިވީ މިދިޔަ ހަފުތާ ފޯކައިދޫއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗުން މޮޅުވެގެން ދެވަނައަށް އެރުމުގެ ފުރުސަތު އީގަލްސްއިން އޭރު ނަގާލި ނަމަވެސް މިހާރު އެ ޓީމު ދެވަނައިގައި އޮތީ އިއްޔެ ހަވީރު ކުޅުނު މެޗުގައި ގިނަ ބަޔަކު ހައިރާން ކޮށްލުމަށްފަހު ނިލަންދޫ އެފްސީއިން ވަރުގަދަ ގްރީންސްޓްރީޓް ބަލިކުރުމުންނެވެ.

ދިވެހި ޕްރިމިއާ ލީގުގައި ރޭ އީގަލްސްއާއި ޔޫވީ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

އީގަލްސް މިވަގުތު ދެވަނައިގައި އޮތީ ކުޅުނު 13 މެޗުން ލިބުނު 24 ޕޮއިންޓާ އެކު އެވެ. މާޒިޔާ އެއްވަނައިގައި އޮތީ 14 މެޗުން 35 ޕޮއިންޓް ހޯދައިގެންނެވެ. އަދި ތިންވަނައިގައި އޮތް ގްރީންސްޓްރީޓަށް 23 ޕޮއިންޓް ލިބިފައިވާ އިރު ހަތަރުވަނައިގައި އޮތް ޓީސީއަށް ލިބެނީ 22 ޕޮއިންޓް އެވެ. މިރޭ މާޒިޔާ ދެކޮޅަށް ކުޅޭ މެޗުން ޓީސީ މޮޅުވެއްޖެ ނަމަ އެ ޓީމު ދެވަނައަށް ޖެހިލާނެ އެވެ.

ރޭގެ މެޗު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ޑިފެންސިވް ކުޅުމެކެވެ. އެ ހާފުގައި އީގަލްސް އަދި ޔުނައިޓެޑް ވިކްޓަރީއަށް ވެސް ގޯލަށް އަމާޒުކޮށް މާ ގިނަ ހަމަލާތަކެއް އުފެއްދިފައެއް ނުވެ އެވެ. އެ ހާފުގައި ގޯލު ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނު އީގަލްސްގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) މެޗުގެ ކުރީ ކޮޅު ފޮނުވާލި ހަމަލާ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ. އަދި އޭގެ ފަހުން ހިލޭ ޖެހުމަކުން އޭނާ ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައެވެ.

މި މެޗުގައި އީގަލްސްއިން ލީޑު ނެގީ 71 ވަނަ މިނެޓުގައެވެ. އިބްރާހީމް އިމްރާން ފޮނުވާލި ބޯޅަ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި ނުކުތުމުން ހަސަން ރާއިފް އަހުމަދު (ހަންނަ) ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. އޭގެ ފަހުންވެސް މި މެޗުގައި ލީޑު ފުޅާކުރުމަށް އީގަލްސްއަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. އެކަމަކު ހުހަށްހުރެ އަރީން އަބްދުﷲ އާއި އަހުމަދު ރިޒުވާން (ރިޒޭ) ފޮނުވާލި ހަމަލާތައް ދިޔައީ ގޯލާ އަމާޒުނުވެއެވެ.

ދިވެހި ޕްރިމިއާ ލީގުގެ މެޗުތަކެއް މިއަދު ވެސް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި ޑެ ގްރާންޑޭއާއި ފޯކައިދޫ އެފްސީ ވާދަ ކުރާ އިރު މިރޭ ކުޅޭ މެޗުގައި ވާދަ ކުރާނީ އަންނަ އަހަރުގެ އޭއެފްސީގައި ވެސް ކުޅޭ ޓީސީއާއި މާޒިޔާ އެވެ.

comment ކޮމެންޓް