ސްޓާ ވޯސް އަށް 500 މިލިއަނަށް ވުރެ ބޮޑު އާމްދަނީއެއް!

ސްޓާ ވޯސްގެ އެންމެ ފަހުގެ ފިލްމު ކަމަށްވާ ރައިޒް އޮފް ދަ ސްކައި ވޯކާސްގެ މަންޒަރެއް --- ފޮޓޯ : ލޫކަސް ފިލްމްސް

ޖޭޖޭ އޭބްރަމްސްގެ "ސްޓާ ވޯސް" ފްރެންޗައިޒްގެ "ސްކައި ވޯކާސް" ޓްރިލޮޖީގެ އެންމެ ފަހު ފިލްމު ކަމަށްވާ "ރައިޒް އޮފް ދަ ސްކައި ވޯކާ" އަށް ބޮޑު ތަރުހީބެއް ލިބި، 500 މިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީ އެއް ހޯދައިފި އެވެ.

ޑިޒްނީގެ ދަށުން ލޫކަސްފިލްމު ޕްރޮޑަކްޝަނުން އުފައްދާފައިވާ ރައިޒް އޮފް ދަ ސްކައި ވޯކާ ފިލްމު ވަނީ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ކާމިޔާބީއެއް ހޯދައިފަ އެވެ.

އެމެރިކާގެ ބޮޑު ޗުއްޓީ ދުވަސްކޮޅާ ދިމާކޮށް ސްޓާ ވޯސްގެ އެންމެ ފަހުގެ ފިލްމު އެޅުވުމާ އެކު ގިނަ ބަޔަކު ވަނީ ވަގުތުން އެ ފިލްމު ބަލަން ގޮސްފަ އެވެ. ގިނަ ބަޔަކު ބުނާ ގޮތުގައި ސްޓާ ވޯސްގެ ބޮޑު ސްޓޯރީލައިން އަކަށް ނިމުމެއް އަންނާތީ އެ ބަލާލަން ތިބީ ކެތްމަދުވެފަ އެވެ.
މި އަހަރުގެ ސްޓާ ވޯސް ފިލްމުގެ ލީޑުން ފެނިގެންދާނީ ޑެއިޒީ ރިޑްލީ އާއި އެޑަމް ޑްރައިވާ އާއި ޖޯން ބޮޔޭގާ އާއި އޮސްކާ އައިސެކް އާއި ލުޕީތާ އެންޏޮންގޯ އަދި ރިޗާޑް ގްރާންޓް އެވެ.

މިހާތަނަށް ސްޓާ ވޯސްގެ ޖުމްލަ 12 ފިލްމެއް އަޅުވާފައިވެ އެވެ. އެގޮތުން އެންމެ ބޮޑު އާމްދަނީއެއް ހޯދާފައިވާ ސްޓާ ވޯސްގެ ފިލްމަކީ 2015 ވަނަ އަހަރުގައި ނެރުނު "ފޯސް އެވޭކެންސް" އެވެ. އެ ފިލްމު އެކަނި ވެސް ވަނީ 2.06 ބިލިއަން ޑޮލަރު ހޯދައިފަ އެވެ.

ސްޓާ ވޯސްގެ ފިލްމުތައް 1977ގައި ދައްކަން ފަށާފައިވާއިރު މިހާތަނަށް މުޅި ފްރެންޗައިޒް އަށް 9.66 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ.

comment ކޮމެންޓް