ވަގު ހިފި ދުވަސްވީ މީހަކަށް ހަމަލާދީ ފިލައިފި

އައްޑޫ ސިޓީ ހިތަދޫ މަތިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީ ހިތަދޫގައި ރޭ ފަތިހު ގެއަކަށް ވައްކަން ކުރަން ވަދެ އުޅުނު ދެ މީހަކު، މަގުން ދިޔަ އުމުރުން ދުވަސްވީ މީހަކަަށް ހަމަލާދިނުމަށް ފަހު ފިލައިފި އެވެ.

ފުލުހުން ބުނީ ރޭ ފަތިހު 04:00ގައި މޫނު ނިވާކޮށްގެން ތިބި ދެ ފިރިހެނުން ގެއަކަށް ވައްކަން ކުރަން ވަދެ އުޅެނިކޮށް ފަތިސް ނަމާދަށް ދިޔަ އުމުރުން ދުވަސްވީ މީހަކަށް ފެނިފައިވާ ކަމަށެވެ.

އަދި ދެ މީހުން ފެނި، އުމުރުން ދުވަސްވީ މީހާ ހަޅޭއްލަވައިގަތުމުން އެމީހާ ގައިގައި ޖެހުމަށް ފަހު ފިލި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

"ސަން" އަށް ވަނީ އެ ހާދިސާގެ ސީސީޓީވީ ފުޓޭޖް ލިބިފަ އެވެ. ވީޑިއޯ އިން ފެންނަ ގޮތުން އުމުރުން ދުވަސްވީ މީހާ ބިންމައްޗަށް ވައްޓާލައި އޭނާ އަށް ހަމަލާދެނީ ވައްކަން ކުރަން ވަދެ އުޅުނު އެކަކެވެ.

ފުލުހުން ބުނީ އުމުރުން ދުވަސްވީ މީހާއަށް ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.

ވައްކަން ކުރަން އުޅުނު ދެމީހުން ވެސް ތިބީ ބޮލާއި މޫނު އެއްކޮށް ފޮރުވޭހެން ފޮތިގަނޑެއް އޮޅައިގެންނެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާއިރު ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް