އެ ހަނދާންތަކަށް 15 އަހަރު، މި ރައްޔިތުންނަށް އުފަލެއް ނެތް

ރައީސް ސޯލިހު، ދުވާފަރު ކައުންސިލާ ބައްދަލު ކުރުމަށް ބޭއްވި ބައްދަވުލުވުމުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް

ދެހާސް ހަތަރުވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ރ. ކަނދޮޅުދޫ އެކީ ދޮވެލައި ބިމާ ހަމަވި އެވެ. އެ ރަށުގެ ރައްޔިތުން "ރެފިޔުޖީން"ނަށްވެ، ކައިރި އެކި ރަށްރަށުގައި ދިރިއުޅެން ޖެހުނެވެ. އެ ބިރުވެރި ހިތްދަތި ހާދިސާއަށް މިއަދަށް 15 އަހަރު ފުރުނީ އެވެ. އެކަމަކު ކަނދޮޅުދޫ ރައްޔިތުންގެ ހިތުގައި އެ ދުވަހުގެ ބިރާއި ސިހުން އަދިވެސް އެބަ އޮތެވެ. ރައްޔިތުންގެ ހިތުން އެ ބިރުވެރިކަން އަދިވެސް ފިލައިގެން ނުދެ އެވެ.

ސުނާމީ ކާރިސާގައި ކަނދޮޅުދޫ އެއްކޮށް ހަލާކުވުމުން، އެރަށު ރައްޔިތުން އުފަން ބިން ދޫކޮށް އެންމެ ފުރަތަމަ ދިރިއުޅުނީ އަތޮޅުގެ އެހެން ރަށްރަށުގަ އެވެ. ނޫނީ ގާތް މީހުން ކައިރީ ރާއްޖޭގެ އެކި ހިސާބުތަކުގަ އެވެ.

ސުނާމީ ކާރިސާއަށް ފަސް އަހަރު ވީފަހުން، 2009 ގައި ސަރުކާރުން ކަނދޮޅުދޫ ރައްޔިތުންނަށް ބޯހިޔާވަހިކަންދީ، ރ. ދުވާފަރުގައި އެރަށު ރައްޔިތުން ވަޒަންވެރި ކުރުވި އެވެ. ކަނދޮޅުދޫ ރައްޔިތުންނަށް އާ ވަޒަނެއް ލިބުނު ނަމަވެސް އެ ރަށުގައި އެމީހުންނަށް އަމިއްލަވަންތަކަން އިހުސާސް ނުކުރެވޭ އެއްސަބަބަކީ އެއީ އަމިއްލަ ވަޒަނަށް ނުވުމެވެ. އެމީހުންގެ އުފަން ރަށް ފަޅުރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައެޅި އިރު އަލަށް ލިބުނު ވަޒަނުގައި އެމީހުންގެ ރަށްވެހިކަމެއް ނެތެވެ.

ދުވާފަރު: --- ފޮޓޯ: ޕެނަރޯމިއޯ

ސުނާމީ ކާރިސާގައި ދިވެހި ދެއްކި ނަމޫނާ ފާހަގަކޮށް 2005 ވަނަ އަހަރުން ފެށިގެން ފާހަގަ ކުރަމުންދާ އެއްބައިވަންތަ ދުވަހުގެ ރަސްމީ ޖަލްސާ 2018 ވަނަ އަހަރު ދުވާފަރުގައި ބޭއްވި އިރު، އެރަށަށް ކުރި ޒިޔާރަތުގައި ރަށުގެ ކޮންމެ ރައްޔިތަކުހެން ފާހަގަ ކުރި ކަމަކީ ދުވާފަރުގައި އުޅޭ ރައްޔިތުންނަށް އެރަށުގެ ވަޒަންވެރިކަން ނެތުމުވެ. އެ އެދުވަހުގެ ޖަލްސާ އަށް ރައީސުލްޖުމްހޫރިއްޔާ ދުވާފަރަށް ވަޑައިގެންނެވުމުން އެރަށު ކައުންސިލުން އެދުނު އެއް އެދުމަކީވެސް މިއެވެ.

"އަހަރެމެންގެ ރަޖިސްޓްރީ އޮންނަނީ ކަނދޮޅުދޫގައި. އެއީ ފަޅުރަށެއް. މި ރަށުގައި އުޅޭތާ 10 އަހަރު ވީ. ސުނާމީ އެރި އިރު އެންމެ ހަގު ކުއްޖާ އުޅުނީ ގްރޭޑު ހަތެއްގައި. މިހާރު އޭނަ މީހަކާ އިނދެ ދަރިން ލިބިއްޖެ. އެކުދިންގެ ރަޖިސްޓްރީވެސް މި އޮންނަނީ ފަޅުރަށެއްގައި،" މިއީ މީގެ އެއްއަހަރު ކުދިން ދުވާފަރު ރައްޔިތަކު ބުނި ވާހަކައެކެވެ.

ދުވާފަރުގައި "އުޅޭ" މީހުންގެ އަޑު އަހައި ސަރުކާރުން ވަނީ ދުވާފަރުގެ ގެތަށް އެރަށުގައި އުޅޭ މީހުންނަށް ރަޖިސްޓްރީކޮށްދޭން ފަށައި، ރައްޔިތުންނަށް ހިތްހަމަޖެހުމެއް ގެނެސްދީފަ އެވެ.

ފަސް ހާސް މީހުންގެ އާބާދީ އެއް އޮންނަ ދުވާފަރުގައި ސަރުކާރުން 676 ގެ ބިނާކޮށްދިނެވެ. ތިން ކޮޓަރީގެ މި ގެތައް ދޫކޮށްފައި ހުންނަނީ އާއިލާތަކުގެ ކުޑަ ބޮޑުމިނަށް ބަލައިގެންނެވެ. މިހާރު އާއިލާތައް ބޮޑެތިވެ، ދަރިންނާއި ދަރިންގެ ދަރިން ލިބި ގެދޮރުގެ މައްސަލަވެސް ވަނީ ކުރިމަތިވެފަ އެވެ.

ދުވާފަރު---

އުސޫލެއް އެކުލަވާލާ، ދުވާފަރަށް ރަޖިސްޓްރީ ބަދަލުކޮށްދޭން ފެށީ މިއަހަރުގެ އޮގަސްޓު މަހު އެވެ. މީގެ ކުރިންވެސް ގެތަކުގެ ރަޖިސްޓްރީ ބަދަލު ކުރުމުގެ މަސައްކަތް ކައުންސިލުން ކުރި ނަމަވެސް، އާއިލާތަކުގެ މެދުގައި ނުތަނަވަސްކަން އުފެދި އެކަން ހުއްޓުނީ އެވެ.

ގެތައް ރަޖިސްޓްރީ ކޮށްދިނުމުގެ ކަންތައް ކުރިއަށް ގެންދަނީ ދުވާފަރުން ދޫކޮށްފައިވާ ގެތަކުގެ އިމާރާތާއި ގޯތީގެ ރަޖިސްޓަރީ އަސްލަކަށް ބަލައިގެންނެވެ.

މީގެ ކުރިން ހުއްޓިފައި އޮތް މަސައްކަތް އަނެއްކާވެސް ފެށިގެން ކުރިއަށް ދިޔަ ނަމަވެސް ރައްޔިތުންގެ އެހެން ކަންބޮޑުވުމެއް އެބައޮތެވެ. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގައި އެމީހުންނަކީ އަދިވެސް ދުވާފަރު މީހުންގެ ގޮތުގައި ލިޔެވިފައެއް ނުވެއެވެ.

"އަޅުގަނޑުމެން ގަބޫލުކުރަނީ ދާއިމީ ރަށްވެހިކަމަށް ވާނީ އައިޑީ ކާޑުގައި ދުވާފަރުގެ އެޑްރެސް ޖެހުމުންކަމަށް،" ދުވާފަރު ކައުންސިލްގެ ރައީސް އިބްރާހިމް ނަސީރު ވިދާޅުވި އެވެ.

ނަސީރު ވިދާޅުވީ ރައްޔިތުންގެ އައިޑީކާޑުގައި ދާއިމީ އެޑްރެސް ބަދަލު ކުރުމަށް އޮތް އެންމެ ބޮޑު ދައްޗަކީ ރަށު ކައުންސިލްގެ އިދާރީ މުވައްޒަފުންގެ ދަތިކަން ކަމަށެވެ. ފަސް މުވައްޒަފުންނާއެކު 5،000 މީހުންގެ އާބާދީއަކަށް އިދާރީ ހިދުމަތް ދިނުމަކީ ދައްޗެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރަށްވެހިންގެ ރަޖިސްޓްރީ ބަދަލުވި ކަމަށްވާނީ އައިޑީކާޑުގައި އެގޮތަށް ބަދަލުވުމުން ނޫންތޯ؟ އަޅުގަނޑުމެން ވާނީ ސަރުކާރުގައިވެސް އެކަން އެގޮތަށް ދަންނަވާފައި،" އޭނާ ވިދާޅުވި އެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ އައިޑިކާޑުތަކުގައި ދާއިމީ އެޑްރެސް ބަދަލު ކުރުމުގެ ކަންތައްތަކާ ގުޅޭގޮތުން ކައުންސިލްގެ އިދާރީ މުވައްޒަފުންނާ އިއްޔެވެސް މަޝްވަރާ ކުރެއްވި ކަމަށެވެ.

ދުވާފަރުގެ ގެތަކުގެ ރަޖިސްޓްރީ ބަދަލުކުރުމުގެ ކަންތައް މިހާރު ކުރިއަށްދާއިރު ބައެއް ދަތިތަކާއި ގޮންޖެހުންތައް ހުރިކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ދުވާފަރު -- ސަން ފޮޓޯ

"މިސާލަކަށް 12 ނޫނީ އަށް މީހުންގެ އާއިލާއެއް ގޭގައި އުޅޭއިރު އެ އެންމެންގެ ބަސް އެބަ ބޭނުންވޭ ކޮންބަޔެއްގެ މައްޗަށްތޯ ނޫނީ ކާކުގެ މައްޗަށްތޯ ގެ ރަޖިސްޓްރީ ކުރާނީ. ބައެއް މީހުން މާލޭގައްޔާއި ބޭރު ގައުމުތަކުގައިވެސް އެބަ އުޅޭ .ރަޖިސްޓްރީ ބަދަލު ކުރާއިރު އެ އެންމެންގެ ބަޔާން ނަގައިގެން ކުރިއަށް މިދަނީ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާއެކު މުވައްޒަފުން ނެގުމުގެ ކަންތައް ކައުންސިލްތަކާ މަތިވި ނަމަވެސް އެ ބަދަލު އަންނަން އަދި މަހެއްހާ ދުވަސް އެބައޮތް ކަމަށެވެ. އޭގެ ކުރިންވެސް އިދާރީ މުވައްޒަފުން ނެގި، އައިޑީ ކާޑުތަކުގެ ދާއިމީ އެޑްރެސްތައް ބަދަލު ވުމަކީ އުއްމީދެއް ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ދުވާފަރު ގެތަކުގެ ރަޖިސްޓްރީގެ ކަންތައް ފެށިފަހުން މިހާތަނަށް 17 ގެއެއްގެ ރަޖިސްޓްރީ ބަދަލުކޮށްފައިވެ އެވެ.

ކަނދޮޅުދޫ މީހުންގެ އުފަން ވަޒަން "ފަނާ" ވިތާ 15 އަހަރު ވާއިރު 2004 ސުނާމީ ކާރިސާގައި އެރަށުން ތިން މީހަކު މަރުވި އެވެ. ދުވާފަރަށް ހިޖުރަކޮށް ދިރިއުޅުން އާބާދު ކުރި ނަމަވެސް އެމީހުންގެ ހިތްތައް އަދިވެސް ވަނީ ކަނދޮޅުދޫގަ އެވެ. ނަމަވެސް މިހާރު އެރަށުން ފެންނަނީ ފަޅުކަމެވެ. މުޅި ރަށް ވަނީ ވާވެފަ އެވެ. މަދުމަދުން އަދިވެސް ކަނދޮޅުދޫ ރައްޔިތުން އެރަށަށް ގޮސް އުޅެ އެވެ. އެ މީހުންނަށް އޮތް ހިތްދަތި ކަމަކީ، އެ މީހުން ޒާތަކަށް އަދިވެސް މަގުމަތި ވެފައި ތިބެން ޖެހުމެވެ. ސުނާމީއާ އެކު މޫދަށް ދޫވެގެން ދިޔަ އެ މީހުންގެ ދިރިއުޅުމުން އަނބުރާ ލިބުމެއް ނެތެވެ.

comment ކޮމެންޓް