ޓެކްސް ނެގުން މަޖުބޫރުކޮށް، ދަރަންޏަށް މަގު ފަހިކުރަނީ ރައްޔިތުން: އުއްޗު

ކާމިޔާބު ވިޔަފާރިވެރިޔާ، ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓެކްސް ނަގަނީ ސަރުކާރުން ނޫންކަމަށާއި، އެއީ އެނގިތިބެ ނުވަތަ ނޭނގި ތިބެ ނަމަވެސް ރައްޔިތުން ސަރުކާރު ލައްވައި ކުރުވާ ކަމެއް ކަމަށް ރާއްޖޭގެ ކާމިޔާބު ވިޔަފާރިވެރިޔާ، ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އުއްޗު ވިދާޅުވީ ތަރައްގީއަށް ޑިމާންޑު ކުރަނީ ރައްޔިތުން ކަމަށާއި، ރައްޔިތުންގެ ޑިމާންޑުތައް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ކޮންމެސް ގޮތަކުން ފައިސާ ހޯދަން ޖެހޭނެ ކަމަށެވެ.

"ސަރުކާރުން ކޮން ތަނަކުންތޯ ލާރި ހޯދަނީ. ސަރުކާރުން އެބަޖެހޭ ނަގަން ކޮންމެސް ތަނަކުން. ނޫނީ ކިހިނެތް ކަންކަން ކޮށްދޭނީ؟ ދެން ނުކޮށްދީފިއްޔާ އަނެއްކާ ހަޅޭއްލަވަންވީ އަޅުގަނޑުމެން. އެހެންވީމަ ސަރުކާރަށް އެބަ މަޖުބޫރުވޭ ޓެކްސް ނަގަން. އެ މަޖުބޫރު ކުރުވަނީ ރައްޔިތުން،" އުއްޗު ވިދާޅުވި އެވެ.

އުއްޗު ވަނީ ރާއްޖޭގެ އާބާދީ ބެހިފައި އޮންނަ ގޮތުންނާއި އާމްދަނީ ހޯދަން ސަރުކާރަށް ކުރެވޭނެ މާ ބައިވަރު ކަންތައްތަކެއް ނެތުމުން ތަރައްގީ ގެނައުމުގައި ހުރި ދަތިތަކަށް އަލިއަޅުވާލައްވައި ވާހަކަދައްކަވައިފަ އެވެ.

އެގޮތުން އެންމެ އާބާދީ ކުޑަ ރަށުގައި ދިރިއުޅޭ މަދު މީސްކޮޅަށް ވެސް އަސާސީ ހިދުމަތްތައް ފޯރުކޮށްދޭން ޖެހޭ ކަމާއި، އެ ހިދުމަތްތަކަށް ރައްޔިތުން ޑިމާންޑްކުރަން ފެށުމުން ކޮންމެ ސަރުކާރަކަށް ވެސް ޓެކްސް ނަގަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް ބަލަމާ ހެލްތަށް. އަޅުގަނޑުމެން ހުރިހާ ރަށްރަށުގައި ހުރި ހެލްތު ސެންޓަރު ތަކާއި، 1957 އެންމެ ޑޮކްޓަރެއް ރާއްޖޭގައި. އޭރު އާބާދީގައި ވަރަށް ކުޑަ އާބާދީއެއް އޮންނާނީ. އެކަމު މިހާރު ހުރިހާ ހެލްތު ސެންޓަރުތަކާއި ހުރިހާ ހޮސްޕިޓަލްތަކާއި ހުރިހާ އެއްޗެއް އެއްކޮށްލާފައި ޑޮކްޓަރުންނާއި އެކު އެއްކޮށްލާއިރު ސިންގަޕޫރަށް ވުރެ ބޮޑުވާނެ. ކާރުބާރު ބޮޑުވާނެ. އެކަމަކު އަޅުގަނޑުމެންގެ ރަށްތައް މިހިރަ ގޮތުން ކޮންމެ ރަށަކަށް ހޮސްޕިޓަލެއް، ކޮންމެ ރަށަކަށް އޮޕަރޭޝަން ތިއޭޓަރު ތަކެއް ބޭނުންވޭ،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުން ބޭނުންވާ ތަރައްގީގެ ކަންކަން ކުރިއަށް ގެންދަން ރައްޔިތުންގެ އަތުން ނަގާ ޓެކްސް އިން ނުވާނަމަ، ބޭރު ގައުމުތަކުން ލޯނު ވެސް ނަގަން ޖެހޭނެ ކަން އުއްޗު ފާހަގަ ކުރެއްވި އެވެ.

"އެވެސް ހަމަ އަޅުގަނޑުމެންނަށް ކަންކަން ކޮށްދޭން އަޅުގަނޑުމެން ހަޅޭއްލަވާތީ. އެކަމު ނެގީމަ ދެން ދަރަންޏޭ ދަރަންޏޭ. އެއީ ވެސް އަޅުގަނޑުމެން އަމިއްލައަށް ކުރުވާ ކަމެއް. ކޮންމެ ސަރުކާރެއް އޮތަސް ޖެހޭ އެކަން ކުރަން. އެއީ ކީއްވެ؟ އަޅުގަނޑުމެން ރައްޔިތުން ޑިމާންޑް ކުރާތީ،" އުއްޗު ވިދާޅުވި އެވެ.

އުއްޗު ވަނީ ސަރުކާރު ބަދަލުވާއިރަށް، އެ ސަރުކާރަކަށް ނުވެ އޮތް ކަންތައްތަކުގެ ވާހަކަ ދައްކައި ރައްޔިތުން ފާޑުކިޔާތީ އެކަމާ ގުޅިގެން ވެސް ވާހަކަ ދައްކަވައިފަ އެވެ. އުއްޗު ވިދާޅުވީ ރާއްޖެ މިއަދު މިއޮތް ހިސާބަށް އާދެވުނީ ކޮންމެ ސަރުކާރަކުން ވެސް ރަނގަޅު ކަންތައްތަކެއް ކޮށްދީފައި އޮތުމުން ކަމަށެވެ.

ޓެކްސް އަކީ ނެގުން މަޖުބޫރު އެއްޗެއް ކަމަށް އުއްޗު ވިދާޅުވިއިރު، ޓެކްސް ނެގުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ދައްކަވަމުން ގެންދެވި ވާހަކަތަކުގެ ރާގު ވެސް މިހާރު ވަނީ ބަދަލުވެފަ އެވެ.

މީގެ ކުރިން އިންކަމް ޓެކްސް ނެގުމަ ދެކޮޅަށް ވާހަކަ ދައްކަވައި އެ ގާނޫނާ ދެކޮޅަށް ވޯޓް ވެސް ދެއްވި ގާސިމް، ރޭ އޮތް އެ ޕާޓީގެ ޖަލްސާއެއްގައި ވިދާޅުވީ ޓެކުހުގެ ނިޒާމަށް ވީހާ ވެސް ގިނަ މީހުން ވަންނަން ޖެހޭ ކަމަށެވެ. އިންކަމް ޓެކްސްއަށް ތާއީދު ކުރައްވާފަދަ މޭރުމަކުން ގާސިމް ވާހަކަ ދެއްކެވި ނަމަވެސް، ގާސިމް އިންކަމް ޓެކްސް ސިފަ ކުރެއްވީ "ހިތި ބޭސްގުޅައެއް"ގެ ސިފައިގަ އެވެ.

ފަރުދުންގެ އާމްދަނީއިން ނަގާ ޓެކްސް އަންނަ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން ނަގަން ފަށާނެ އެވެ. ނަމަވެސް, އާންމު ފަރުދުންނަށް ލިބޭ މުސާރައިގެ އާމްދަނީއިން އެ ޓެކްސް ނަގަން ފަށާނީ އަންނަ އަހަރުގެ އެޕްރީލް 1 ވަނަ ދުވަހުން ފެށިގެންނެވެ.

އާމްދަނީއިން ޓެކްސް ނަގަން ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަކީ:

  • 60،000 ރުފިޔާ އިން ދަށުގެ އާމްދަނީ - 0 ޕަސެންޓު
  • 60،000 އާއި 100،000 ރުފިޔާއާ ދެމެދުގެ އާމްދަނީ: 5.5 ޕަސެންޓު.
  • 100،00 އާއި 150،000 ރުފިޔާއާ ދެމެދުގެ އާމްދަނީ: އަށް ޕަސެންޓު.
  • 150،000 އާއި 200،000 ރުފިޔާއާ ދެމެދު އާމްދަނީ އިން 12 ޕަސެންޓު.
  • 200،000 ރުފިޔާ އިން މަތީގެ އާމްދަނީ އިން 15 ޕަސެންޓު.
comment ކޮމެންޓް