ރައީސްގެ ވައުދާ އެއްގޮތަށް މާފުށީ ބިން ހިއްކަން ފަށައިފި

މާފުށީ ބިން ހިއްކުމުގެ މަޝްރޫއު ޝިހާބު އިފްތިތާހު ކޮށްދެއްވަނީ --- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދާ އެއްގޮތަށް ކ. މާފުށީ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި އެވެ.

މިއަދު މާފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ބިން ހިއްކުމުގެ މަސައްކަތް ފައްޓަވައިދެއްވީ ރައީސްގެ އެޑްވައިޒަރު މުހައްމަދު ޝިހާބެވެ.

އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން 255 ދުވަސް ތެރޭ މާފުށީ ބިން ހިއްކައި ނިންމަންޖެހެ އެވެ.

މި މަޝްރޫއުގެ ދަށުން އެރަށުން އަށްލައްކަ ފަންސާސްހާސް ކިޔުބިކް މީޓަރުގެ ސަރަހައްދެއް ހިއްކާނެއެވެ.

މާފުށީ ބިން ހިއްކުމުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ 99.98 މިލިއަން ރުފިޔާ އަށެވެ.

މާފުށީ ބިން ހިއްކުމުގެ މަޝްރޫއު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ޕްލޭނިން މިނިސްޓްރީ

މާފުށި ބިން ހިއްކަން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ ބިން ހިއްކުމުގެ މަޝްރޫއު ފެށުން ލަސްވީ އީއައިއޭގެ މަސައްކަތް ނުނިމުމުން ކަމަށެވެ. މާފުށީ ބިންހިއްކުމުގެ މަޝްރޫއުގެ ކޮންސެޕްޓަށް ރައްޔިތުން ބޭނުންވާ ބަދަލު ގެނެސްފައިވާނެ ކަމަށާއި މަސައްކަތް ނިންމާ ރައްޔިތުންނާ ހަވާލު ކުރާއިރު އެ ބަދަލު ފެންނާނެ ކަމަށް ޝާހު ވިދާޅުވިއެެވެ.

މާފުސީ ކައުންސިލްގެ ރައީސް އުސްމާން ރަޝީދު ވިދާޅުވީ ބިންހިއްކުމުގެ މަޝްރޫއަކީ ރަށުގެ ކުދިބޮޑު ރައްޔިތުންގެ އުއްމީދުގައި ކުލަ ޖެހުން ކަމަށާއި މިއީ ހާއްސަކޮށް ރަށުގެ ޒުވާނުންނަށް ބޯހިޔާވަހިކަން ލިބުމަށް ތަނަވަސްވާ ފުރުސަތެއް ކަމަށެވެ.

މި ސަރުކާރުން ކުރިއަށްގެންދާ ބިން ހިއްކުމުގެ މަޝްރޫއުތަކުގެ އެންމެ ކުރީގައި މާފުށި ހިމެނުއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދެކެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭ މާފުއްޓަށް ވަޑައިގެން އެ ރަށުގައި ބޭއްވެވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

comment ކޮމެންޓް