ރައްކާތެރިކަން ޕްރޮމޯޓުކުރަން އެމްޕީއެލް އިން ކެމްޕެއިނެއް ފަށައިފި

މިއަދު އެމްޕީއެލްގައި ފެށި ޕޯޓް ސޭފްޓީ ވީކްގެ ލޯގޯ އާންމުކުރަނީ --- ސަން ފޮޓޯ : އަހުމަދު އަވްޝަން އިލްޔާސް

މަސައްކަތުގެ މާހައުލުގައި ރައްކާތެރިކަަމާއި ސަލާމަތީ ކަންތައްތައް ޕްރޮމޯޓުކުރުމަށް ޓަކައި މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) އިން ސޭފްޓީ ވީކްގެ ނަމުގައި ހާއްސަ ކެމްޕެއިނެއް ފަށައިފި އެވެ.

މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ ހަރަކާތަކީ މަސައްކަތުގެ މާހައުލުގައި ރައްކާތެރިކަމާ ގުޅޭ ގޮތުން ހޭލުންތެރިކޮށް ރައްކާތެރިކަމަށް ބަލާ ސަގާފަތެއް ދެމެހެއްޓުމަށް ފެށި ހަރަކާތެކެވެ.

އެމްޕީއެލްގެ ބަނދަރު ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ކެމްޕެއިން ވަނީ ރަސްމީކޮށް ފަށައިފަ އެވެ. އެގޮތުން އެ ރަސްމިއްޔާތުގައި ވަނީ ސޭފްޓީ ވީކްގެ ހާއްސަ ލޯގޯއެއް ތައާރަފުކޮށްފަ އެވެ.

ސޭފްޓީ ވީކް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ބޭރުގެ ދިރާސާތަކުން ދައްކާ ގޮތުގައި ބަނދަރުތަކަކީ، އަދި ހާއްސަކޮށް ކޮންޓެއިނާ ބަނދަރުތަކަކީ އެންމެ ގިނަ އެކްސިޑެންޓުވާ އެއް ތަން ކަމަށެވެ.

ޕޯޓް ސޭފްޓީ ވީކް ފެށުމުގެ ރަސްމިއްޔާތުގެތެރެއިން --- ސަން ފޮޓޯ : އަހުމަދު އަވްޝަން އިލްޔާސް

އެކަމާ ގުޅިގެން ގިނަ ބަނދަރުތަކުން، އާންމުންގެ ރައްކާތެރިކަމަށް ބޮޑު އަހައްމިއްޔަތެއް ދެމުން އަންނަ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ބަނދަރުގައި މަސައްކަތް ކުރާ ފަރާތްތަކުންނާއި އެތަންތަނަށް ދާ ފަރާތްތަކުންގެ ރައްކާތެރިކަމަށް ޓަކައި ބޮޑެތި ގަވާއިދުތައް ހެދިދާނެ ކަމަށާއި މުހިއްމު ކަމަކީ ރައްކާތެރިކަން ދަމަހައްޓާނެ ސަގާފަތެއް އެންމެންގެ ތެރޭގައި ގާއިމުކުރުން ކަމަށް ޝާހިދު ފާހަގަކުރެއްވި އެވެ.

"ގަވާއިދުތަކެއް ހެދި ނަމަވެސް އެ ފޮލޯ ކުރަން ތިބި ބަޔަކު އެކަންތައް ފޮލޯ ނުކުރާ ނަމަ އޭގެން ކުރާނެ ބޭނުމެއް ނެތް." އޭނާ ވިދާޅުވި އެވެ.

އެއް ހަފްތާއަށް ކުރިއަށް ގެންދާ އެ ސޭފްޓީ ވީކްގެ ބޭނުމަކީ ސަލާމަތުގެ ހޭލުންތެރިކަން އިތުރުކުރުމާއި ރައްކާތެރިކަމާ ގުޅޭ ގޮތުން ދެކޭގޮތް ބަދަލުކުރުން ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އަސްލު [އަހަރުގެ] އެންމެ ފަހު ހަފުތާގައި މި ހަރަކާތް ބޭއްވުމުގެ ބޭނުމަކީ މި އަހަރުގެ ސޭފްޓީގެ ކަންތައް ކުރިއަށް ދިޔަ ގޮތް ބަލައި އަންނަ އަހަރު ސޭފްޓީ އިތުރަށް ވަރުގަދަ ކުރުމަށް ކުރެވިދާނެ ކަންތައްތައް ބެލުން." ޝާހިދު ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައްކާތެރިކަމާ ގުޅޭ ގޮތުން ހާއްސަ ލަވައެއް ވެސް ވަނީ އެމްޕީއެލް އިން ތައާރަފުކޮށްފަ އެވެ.

comment ކޮމެންޓް