އިސްލާމިކް މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަނީ

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު-- ސަން ފޮޓޯ/އަހްމަދު އައުޝަން އިލްޔާސް

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް (ދޮންބިލެތް) ނިންމައިފި އެވެ.

މިކަމާ ގުޅޭގޮތުން ދޮންބިލެތް "ސަން" އަށް މިރޭ ވިދާޅުވީ މިރެއިން ފެށިގެން އެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މިނިސްޓަރު ޒާހިރަކީ ހަރުކަށި ފިކުރަށް ތާއީދު ކުރައްވާ ބޭފުޅެއް ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފަ އެވެ.

"މި މައްސަލަ ހުށަހަޅާ މައިގަނޑު ސަބަބަކީ ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރާ ރަނގަޅު ޝައިޚުންނާ ދޭތެރޭ އިސްލާމިކް މިނިސްޓަރު ޒާތީ ހަސަދައިން ފުރިގެން ފިޔަވަޅު އަޅާ މައްސަލައިގައި،" ދޮންބިލެތް ވިދާޅުވި އެވެ.

ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް

މަކްތަބާ ސަލަފިއްޔާއިން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި މައްސަލައެއް އިސްލާމިކް މިނިސްޓްރީން ބަލަމުންދަނީ ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުއްވުމަށް މިނިސްޓަރު ޒާހިރު މަސައްކަތް ކުރައްވާތީ ކަމަށް ދޮންބިލެތް ތުހުމަތު ކުރެއްވި އެވެ.

"އިސްލާމިކް މިނިސްޓަރު މި ރާއްޖޭގައި ހަރުކަށި ފިކުރު ޕްރޮމޯޓު ކުރައްވާ ކަމަށް އަޅުގަނޑަށް ފެންނަނީ. އެކަން ކުރައްވާތީ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގޭތޯ މިއުޅެނީ. މިއީ ޕާޓީގެ ސްޓޭންޑެއް ނޫން. ސަރުކާރުގެ ސްޓޭންޑެއް ވެސް ނޫން. މިއީ ބިލެއްދޫ ދާއިރާގެ މެމްބަރުގެ ސްޓޭންޑު،" ދޮންބިލެތް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީސް ހުޅުވުމުން ވީއެންމެ އަވަހަކަށް އެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

ބައެއް ދީނީ އިލްމުވެރިންނަކީ ހަރުކަށި ފިކުރަށް ތާއީދުކުރާ ބައެއް ކަމަށް ތުހުމަތުކޮށް، މަކްތަބާ ސަލަފިއްޔާއިން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވީ މިދިޔަ ހޮނިހިރު ދުވަހުގަ އެވެ.

އިލްމުވެރިންނަށް ރައްދު ނުދިނުމަށް އަދި [ހާއްސަކޮށް] ހިޔާލުތަފާތުވާ މައްސަލަތަކުގައި ރައްދު ނުދިނުމަށް ސަލަފިއްޔާގައި އިސްކޮށް ހަރަކާތްތެރިވާ ޝެއިޚް މުހައްމަދު ހަސަންއަށް މީގެ ކުރިން ވެސް ނަސޭހަތްތެރިވެ، ލިޔުމެއްގައި ސޮއިވެސް ކުރުވާފައިވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ނަމަވެސް މިފަހުން ބޭއްވި ބައްދަލުވުމުގައި މުހައްމަދު ހަސަން ވަނީ ބައެއް ދީނީ އިލްމުވެރިންގެ ނަންތައް ހާމަކޮށް އެ ދިނީ އިލްމުވެރިން ހަރުކަށި ފިކުރަށް ތާއީދު ކުރާ އިލްމުވެރިން ކަމަށް ތުހުމަތުކޮށްފަ އެވެ.

comment ކޮމެންޓް