އެމްއެންޑީއެފް އިން އެލާޓް ނެރެ ހަތިޔާރާއެކު އުޅެން ފެށުމުން އިގްތިސޯދަށް އަސަރުކޮށްފާނެ: ސައީދު

ޕީޕީއެމް-ޕީއެންސީން ބޭއްވި ޖަލްސާއެއްގައި ސައީދު ވާހަކަ ދައްކަވަނީ: އެލާޓް ނެރުމުން އިގްތިސޯދަށް އަސަރުކޮށްފާނެ ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްއެންޑީއެފް އިން އެލާޓް ނެރެ، ހަތިޔާރާއެކު ހަރަކާތްތެރިވާން ފެށުމުން އިގްތިސޯދަށް އަސަރު ކުރާނެ ކަމަށް ކުރީގެ އިގްތިސޯދާ ބެހޭ ވަޒީރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު މިހެން ވިދާޅުވީ، އެމްއެންޑީއެފް އިން މިރޭ ނެރުނު ބަޔާނުގައި ގައުމީ ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް "ޔެލޯ 2" އަށް މަތިކޮށް، މިރޭ 7:00 އިން ފެށިގެން ގައުމީ ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް މަތި ކުރުމާއެކު، އެކި ސަރަހައްދުތަކުގައި ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވަމުންދާނެ ކަމަށް ބުނުމާ ގުޅިގެންނެވެ.

އެ ބަޔާނާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، މިރޭ އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސްކަންވެސް ކުރައްވަމުން ގެންދަވާ ސައީދު ވިދާޅުވީ، މިދުވަސް ވަރަކީ ފަތުރުވެރިކަމުގެ ސިނާއަތަށް އެންމެ ބާރުބޮޑުވާނެ ދުވަސްވަރު ކަމަށާއި މި ދުވަސްވަރާ ދިމާކޮށް ދިފާއީ ބާރުން އެފަދަ ބަޔާނެއް ނެރުމަކީ ކަންބޮޑުވާ ކަމެއް ކަަމަށެވެ.

"މި އަންނަނީ ހޮލިޑޭ ސީޒަންގެ ޕީކް. ޑިސެމްބަރު 24 އިން ފެށިގެން ބަކީ މި އޮތް ހަ ދުވަހާއި ޖެނުއަރީ، ފެބުރުއަރީ، މާޗަކީ ސެޕްޓެމްބަރު މަހާ ހަމައަށް ރާއްޖޭގެ ބަޖެޓަށް ސަޕޯޓުކޮށްދޭނެ ހަތަރު މަސް. މި ދުވަސްވަރާ ދިމާކޮށް، ދިފާއީ ބާރުތަކުން އެފަދަ ބަޔާނެއް ނެރުމުން ބޮޑެތި ޓުއާ އޮޕަރޭޓަރުން އަޅުގަނޑުމެންނަށް ކަންބޮޑުވުން ފާޅުކުރަމުން ދަނީ. އެހެންވީމަ އިގްތިސޯދަށް ވަރަށް ބޮޑު އަސަރެއް މީގެން ކޮށްފާނެ،" ރައީސް ޔާމީންގެ ފަސް އަހަރު އިކޮނޮމިކް މިނިސްޓަރު ކަން ކުރެއްވި ސައީދު ވިދާޅުވިއެވެ.

އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވާހަކަ ދައްކަވަނީ: ފަތުރުވެރިކަމުގެ އެންމެ ބާރުބޮޑު ދުވަސްވަރު އެމްއެންޑީއެފް އިން އެފަދަ ބަޔާނެއް ނެރުމުން އޭނާ ކަންބޮޑުވުން ފާޅުކުރެއްވި --- ފޮޓޯ/ ޕީޕީއެމް

ސައީދު ވިދާޅުވީ، ސަރުކާރުން ތަކުރާރުކޮށް ރާއްޖޭގެ އިގްތިސޯދަށް ގެއްލުންވާ ގޮތަށް ވާހަކަ ދައްކަމުންދާ ކަމަށާއި އެކަމާ ގުޅިގެން އިގްތިސޯދަށް ވަރަށް ބޮޑު އަސަރެއް ކޮއްފާނެތީވެ އިދިކޮޅުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.

"އެއާލައިން ގޮއްވާލަން އުޅުނު ވާހަކަވެސް ދެއްކި. ހައްދުފަހަނައެޅި 1،400 މީހުން ރާއްޖޭގައި ތިބި ކަމާއި ހަމަ މިހާރުން މިހާރަށް މީހަކު މަރާފާނެ މީހުންވެސް ތިބި ކަމަށް. މިއީ ނޫސްތަކުގެ ހެޑްލައިންތަކުގައި އިނގިރޭސީ ބަހަށް ތަރުޖަމާ ކުރެވިފައި ހުރި ވާހަކަތައް،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު ބަރޯސާވެފައިވަނީ ފަތުރުވެރިކަމަށް ވާއިރު، އެ ސިނާއަތުގައި އެފަދަ ވާހަކަތަކަކީ ވަރަށް "ސެންސެޓިވް" ވާހަކަތަކެއް ކަމަށެވެ. ސަރުކާރުން ދައްކާ އެފަދަ ވާހަކަތަކާ ގުޅިގެން ފަތުރުވެރިކަމަށް އަސަރު ކުރުމަކީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އިދިކޮޅުން ޕީޕީއެމް-ޕީއެންސީން މިރޭ ވަނީ ހަތިޔާރާއެކު ސިފައިން ނިކުތް ސަބަބު ހާމަކުރުމަށް ގޮވާާލާފައެވެ.

ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން (އެންސީޓީސީ) މިރޭ ނެރުނު ނޫސްބަޔާނުގައި ބުނީ، ހަރުކަށި ފިކުރު ރެޔާ ދުވާލު ފަތުރާ، އެ ފިކުރުގެ ރޭވުންތައް ރާވަމުންދާ ކަމަށެވެ. އެހެން ކަމުން އެކަމަށް ސަމާލުވުމަށް އެ މަރުކަޒުން ވަނީ އިކްތިމާސް ކުރައްވާފައެވެ. އަދި ހަރުކަށި ފިކުރު ފަތުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާ ކުރުމަށްވެސް އެ މަރުކަޒުން ވަނީ އެދިފައެވެ.

https://sun.mv/129317

comment ކޮމެންޓް