ސަމާލުވޭ! ހަރުކަށި ފިކުރުގެ ރޭވުންތައް ރެއާ ދުވާލު ރާވާ: އެންސީޓީސީ

މަޑުއްވަރީގައި ފުލުހުން ހިންގާ އޮޕަރޭޝަނުގެ ތެރެއިން ---

ހަރުކަށި ފިކުރު ފަތުރާ މީހުން ފަނާކުރަނިވި ފިކުރު ފަތުރަން ރެއާ ދުވާލު ރޭވުންތައް ރާވަމުންދާ ކަމަށާއި އެކަމަށް ސަމާލުވުމަށް ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ) އިން ގޮވާލައިފި އެވެ.

އެންސީޓީސީން ނެރުނު ބަޔާނެއްގައި ބުނީ ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ މުޅި އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށާއި އެކަމާ ދެކޮޅަށް ހުރިހާ ރައްޔިތުން ސަމާލުވާން ޖެހޭ ކަމަށެވެ.

"ހަރުކަށި ފިކުރުތައް ފަތުރާ މީހުން ރެއާއި ދުވާލު އިންޓަނެޓްގެ ވަސީލަތްތަކާއި ސޯޝަލް މީޑިއާގެ ވަސީލަތްތަކާއި ސިއްރިއްޔާތުގައި އެބައިމީހުންގެ ފަނާކުރަނިވި ފިކުރު ފަތުރަން ގިނަގުނަ ރޭވުންތައް ރާވައި، އެބައިމީހުންގެ ފިކުރު ފެތުރުމަށް މަސައްކަތް ކުރަމުންދޭ،" އެންސީޓީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެފަދަ ކަންކަމަށް ރައްޔިތުން ސަމާލުވުމަށާއި އެ ފިކުރު ފަތުރާ މީހުންނާ ބެހޭ މައުލޫމާތު ސަލާމަތީ ޚިދުމަތްތަކަށް ފޯރުކޮށްދިނުމަށް އެންސީޓީސީން ވަނީ އިލްތިމާސްކޮށްފަ އެވެ.

ހަމައެއާއެކު ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކާތެރިކަމުން ރާއްޖެ ސަލާމަތް ކުރުމަށް ކުރިއަށްގެންދާ ގައުމީ މަސައްކަތުގައި ހުރިހާ ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަމަށް ވެސް އެ ސެންޓަރުން އެދިފައިވެ އެވެ.

ހަރުކަށި ފިކުރާ ގުޅޭގޮތުން ސަމާލުވުމަށް އެންސީޓީސީސީން ގޮވާލާފައިވާއިރު، މިރޭ 7:00 ގައި ގައުމީ ދިފާއީ ބާރުގެ އެލާޓް ސްޓޭޓަސް "ޔެލޯ 2"އަށް މަތި ކުރުމަށްފަހު، ހަތިޔާރާއެކު ސިފައިން ވަނީ ހަރަކާތްތެރިވާން ފަށާފަ އެވެ.

މީގެ އިތުރުން ހަރުކަށި ފިކުރާ ދެކޮޅަށް 'އައްސޭރި' ނަމުގައި ފުލުހުން ވެސް ވަނީ އޮޕަރޭޝަނެއް ފަށާފަ އެވެ.

comment ކޮމެންޓް