ހަރުކަށި ފިކުރާ ދެކޮޅަށް ވާހަކަ ދެއްކުމުން މިނިސްޓްރީން އުޅެނީ ގާނޫނީ ގޮޅިއަކަށް ފައްތަން: މަކްތަބާ ސަލަފިއްޔާ

މަކްތަބާ ސަލަފިއްޔާ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: މިނިސްޓްރީން އެ ގުރޫޕަށް ފިއްތުންތައް ކުރިމަތި ކުރާ ކަމަށް ބުނޭ --- ސަން ފޮޓޯ

ހަރުކަށި ފިކުރާ ދެކޮޅަށް ވާހަކަ ދެއްކުމުން އިސްލާމިކް މިނިސްޓްރީން އުޅެނީ ދީނީ އިލްމުވެރިން ގާނޫނީ ގޮޅިއަކަށް ފައްތަން ކަމަށް ދާދި ފަހުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި މަކްތަބާ ސަލަފިއްޔާ އިން ބުނެފި އެވެ.

މަކްތަބާ ސަލަފިއްޔާއަށް ނިސްބަތްވާ މީހުން ރާއްޖޭގެ ތިން ސަރަހައްދެއްގައި ރަޖިސްޓްރީ ނުކޮށް ސްކޫލްތައް ހިންގަމުންދާ ކަމަށް ބުނާ މައްސަލައެއް އިސްލާމިކް މިނިސްޓްރީން ދަނީ ބަލަމުންނެވެ. އޭގެ އިތުރުން އިލްވެރިންނަށް ހަރުކަށި ފިކުރުގެ ތުހުމަތުކޮށް ނޫސްވެރިންގެ ބައްދަލުވުން ބޭއްވި މައްސަލަވެސް އެ މިނިސްޓްރީން ދަނީ ބަލަމުންނެވެ.

މަކްތަބާ ސަލަފިއްޔާއަށް ނިސްބަތްވާ އިސްމާއިލް ރަފީގު "ސަން" އަށް ވިދާޅުވީ، ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމުގެ ކުރިން މަކްތަބާ ސަލަފިއްޔާގެ މީހުން އަމިއްލަ ސްކޫލެއް ހިނގާ ވާހަކަ ދައްކާފައި ނުވާ ކަމަށާއި ނަމަވެސް އެ މައުލޫމާތުތައް ހާމަކުރުމުގެ ފަހުން ސްކޫލްގެ ވާހަކަތައް ފެންމަތި ކުރުވީ، މަކްތަބާ ސަލަފިއްޔާއަށް ފިއްތުންތަށް ކުރިމަތި ކުރުވުމަށް ކަމަށެވެ.

"މި އެއްޗިސް ހާމަ ކުރި ފަހުން، މި މެސެޖް ގެނައި މީހާ ނުވަތަ މެސެޖް ގެނައި ފަރާތްތަށް ބަދުނާމު ކުރެވޭ ތޯ ބެލެވެނީ ދެއްތޯ. އެހެން ނޫންތޯ މިވަނީ... ފިއްތުންތައް ކުރިމަތި ކުރުވަނީ. އެނޫން ދެން ކޮންކަމެއްތޯ." ރަފީގު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ މައުލޫމަތުތަކާ ގުޅިގެން ހަރުކަށި ފިކުރާ ދެކޮޅަށް އިސްލާމިކް މިނިސްޓްރީން އަޅަނީ ކޮން ފިޔަވަޅެއްތޯ ބަަލަން ޖެހޭ ކަމަށެވެ.

"މީގަ އަސްލު ސުވާލަކީ، ހަރުކަށި ފިކުރުގެ ވާހަކަ ދެކެވުނީމަ [ހަރުކަށި ފިކުރުގެ މީހުންނަށް] އެއަށް އެޅެނީ ކޮން ފިޔަވަޅެއްތޯ. އިސްލާމިކް މިނިސްޓްރީންވެސް އެކަމަށް އަޅުއްވަނީ ކޮން ފިޔަވަޅެއްތޯ ތިބޭފުޅުން ސުވާލު ކޮށްލަންވީ ނޫންތޯ. މި މެސެޖް ގެނައި މީހުން ފައްތާނެ ގޮޅިއެއް ބެއްލެވުންވެސް އޯކޭ. ނަމަވެސް އެއަށް އަޅަނީ ކޮން ފިޔަވަޅެއްތޯ ބަލަން ޖޭހޭ ނޫންތޯ،" ރަފީގު ވިދާޅުވިއެވެ.

https://sun.mv/129262

މަކްތަބާ ސަލަފިއްޔާއަށް ނިސްބަތްވާ މީހުން ރަޖިސްޓްރީ ނުކޮށް ސްކޫލް ހިންގަމުންދާ ވާހަކަވެސް އޭނާ ދޮގު ކުރެއްވިއެވެ.

"އަމިއްލަ ވިޔަފާރިއާ އެއްޗިސް ދެއްތޯ ހުންނާނީ. ހުންނާނެ [މަކްތަބާ ސަލަފިއްޔާއަށް ނިސްބަތްވާ މީހުންގެ] އަމިއްލަ އެކި ކަހަލަ ވިޔަފާރި. އެކަމަކު އަޅުގަނޑުމެންނަށް އެނގިގެން ރަޖިސްޓްރީކޮށްގެންވެސް އަދި ނުކޮށްވެސް ސްކޫލެއް ހިންގާ ބަޔަކު ނެތް އަޅުގަނޑުމެންގެ ތެރޭގައި،" އޭނާ ވިދާޅުވި އެވެ.

މަކްތަބާ ސަލަފިއްޔާ އަކީ ރަޖިސްޓްރީ ނުކޮށް ހިންގާ ޖަމިއްޔާއެއްކަމަށް ބުނާ ބުނުމަށް ރަފީގު ވިދާޅުވީ، އެއީ ޖަމިއްޔާ އެއް އަދި ޖަމާއަތެއްވެސް ނޫން ކަމަށެވެ. އެ ނަމަކީ، އެމީހުން މައުލޫމަތުތައް ހާމަ ކުރުމަށް ގެންގުޅޭ ޓްވީޓާ ހޭންޑަލްއަށް ކިޔާ ނަން ކަމަށް އޭނާ ވިދާޅުވިއެވެ.

"މަކްތަބާ ސަލަފިއްޔާ ޓްވީޓާ ހޭންޑަލްއެއް. އަދި ވެބްސައިޓެއްވެސް އިންނާނެ. މާނައަކީ މަކްތަބާ އަކީ ލައިބްރަރީއެއް. ދީނީ މައުލޫމަތު ދޭ ލައިބްރަރީއެއް. ޖަމާއަތެއް ޖަމިއްޔާއެއް ނޫން،" އޭނާ ވިދާޅުވިއެވެ.

ދީނީ އިލްމުވެރިންގެ މެދުގައި ހިޔާލުތަފާތުވުން އުފެދިފައިވާ މައްސަލަތަކާ ގުޅޭ ގޮތުން ބައިބައިވުމާއި ފިތުނައަށް މަގުފަހުވާ ގޮތަށް މަކްތަބާ ސަލަފިއްޔާގައި އިސްކޮށް އުޅުއްވާ ޝެއިހް މުހައްމަދު ހަސަން ވާހަކަ ދައްކާ ކަމަށް ބުނެ އޭނާގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ވަނީ ވަގުތީ ގޮތުން ބާތިލް ކޮށްފަ އެވެ. އޭގެ އިތުރުން އޭނާ ހަރުކަށި ފިކުރަށް ތާއީދު ކުރާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.

މަކްތަބާ ސަލަފިއްޔާގެ"ގެ ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވަނީ އެކަން ދޮގު ކުރައްވައި، އެހެން ދީނީ އިލްމުވެރިންގެ ނަންތައް ހާމަކޮށް އެ ދިނީ އިލްމުވެރިން ހަރުކަށި ފިކުރަށް ތާއީދު ކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ.

comment ކޮމެންޓް