ފިޓްނަސް ސެންޓަރުތަކާއި އިންސްޓްރަކްޓަރުން ރަޖިސްޓްރީ ކުރުމަށް ހުޅުވާލައިފި

ރާއްޖޭގެ ފިޓްނަސް އިންސްޓްރަކްޓަރުންނާއި ސެންޓަރުތައް ކުޅިވަރާ ބެހޭ މިނިސްޓްރީއާ އެކު ގުޅުން އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން އެ މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމަށް ހުޅުވާލައިފި އެވެ.

ކުޅިވަރާ ބެހޭ މިނިސްޓަރު އަހްމަދު މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި އެކަން ފާހަގަ ކުރައްވަމުން ވިދާޅުވީ، ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމަށް އެންމެ މުހިއްމު ދައުރެއް އަދާ ކުރާ ބަޔަކީ ފިޓްނަސް އިންސްޓްރަކްޓަރުންނާއި ސެންޓަރުތައް ކަމަށެވެ. އަދި މިނިސްޓްރީއިން އެ ފަރާތްތަކާ ގާތް ގުޅުމެއް ބާއްވަން ބޭނުންވާތީ އެ ފަރާތްތައް މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމަށް މިނިސްޓަރު ވަނީ އަންގަވާފަ އެވެ.

ރާއްޖޭގައި މަރުވާ މީހުންގެ 84 ޕަސެންޓަކީ ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން މަރުވާ މީހުންނެވެ. އާބާދީގެ 49 ޕަސެންޓް އަންހެނުން އަދި 35 ޕަސެންޓް ފިރިހެނުންނަކީ އޯވަރވެއިޓް ނުވަތަ އޮބީސް ކަމަށް ޑަބްލިއުއެޗްއޯ ގެ ތަފާސް ހިސާބުން ދައްކައެވެ.

"ފިޓްނަސް ސެންޓަރުތަކާއި އެދާއިރާގެ މަސައްކަތް ކުރައްވާ އިންސްޓްރަކުޓަރުންނަކީ ދުޅަހެޔޮ ހަށިހެޔޮ މުޖުތަމަޢުއެއް ބިނާކުރުމުގައި މުހިއްމު ދައުރެއް އަދާ ކުރާފަރާތްތަކެއް. މިދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކާއި މިމިނިސްޓްރީ އާއި ގުޅިގެން މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތްކުރުމަށް ބޭނުންންވޭ." މިނިސްޓްރީން ގެޒެޓުގައި މިއަދު ޝާއިރު ކުރި އިއުލާނުގައި ބުނެފައިވެއެެވެ.

ގެޒެޓުގައި ކޮށްފައިވާ އެ އިއުލާނުގެ ދަށުން އަންނަ މަހުގެ 16 ވަނަ ދުވަހުގެ ކުރިން އިންސްޓްރަކްޓަރުންނާއި ސެންޓަރުތައް ރަޖިސްޓްރީވުމަށް ވަނީ އަންގާފަ އެވެ.

ރާއްޖޭގައި ފިޓްނަސް ކުރިއެރުވުމުގެ ގޮތުން މި ސަރުކާރުން އިސްނަގައިގެން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ކޮންމެ ރަށެއްގައި އައުޓް ޑޯރް ޖިމްތައް ގާއިމު ކުރުމާއި ފިޓްނަސް އެންބެސަޑަރުން ވަނީ ހަމަޖައްސައިފަ އެވެ.

އަދި "މިޝަން ފިޓް މޯލްޑިވްސް" ގެ ނަމުގައި ބޮޑު ކެމްޕޭނެއް ފަށާފައިވާ އިރު އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި އަދި މިހާރު "މިޝަން ފިޓް އިންޑިއާ" ގައި މަސައްކަތް ކުރާ ސުނިލް ސެޓީ ވެސް ވަނީ ދާދި ފަހުން ރާއްޖޭގެ ފިޓްނަސް އެމްބެސެޑަރަކަށް ހަމަޖައްސައިފަ އެވެ.

comment ކޮމެންޓް