ޖަލު ހުކުމް އެހެން އަދަބަކަށް ބަދަލުކުރަން މަޝްވަރާ ކުރަނީ

މާލޭ ޖަލު --

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޖަލުތައް ފުރި އިތުރު ކުށްވެރިންތައް ޖަލަށްލެވޭނެ ގޮތެއް ނެތުމުގެ ސަބަބުން އެކަމަށް ހައްލު ހޯދުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި، އެޓާނީ ޖެނެރަލްގެ އޮފީސް އަދި ހޯމް މިނިސްޓްރީން މަޝްވަރާތައް ފަށައިފިއެވެ.

ޕީޖީ ހުސައިން ޝަމީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖަލު ހުކުމްތައް އެހެން އަދަބުތަކަށް ބަދަލުކުރެވިދާނެ ހާލަތުގައި އެކަން ކުރުމުގެ އިހްތިޔާރު ގާނޫނުލްއުގޫބާތުގެ 1005 މައްދާއިން ކޯޓަށް ލިބިދީފައިވާ ކަމަށެވެ.

އެހެންކަމުން މިހާރު ޖަލުތައް ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދަން ތިން މުއައްސަސާ ގުޅިގެން މަޝްވަރާކުރަން ފަށާފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ގާނޫނުލްއުގޫބާތުގެ 1004 ވަނަ މާއްދަގައި ބުނެފައި ވަނީ ކުށެއްގެ އަދަބުގައި ކުށްވެރިއަކު ޖަލަށްލެވޭނެ އެންމެ ދިގު މުއްދަތު ކަނޑައަޅާފައިވީ ނަމަވެސް، ކަނޑައެޅޭނެ ޖަލުގެ މުއްދަތާ އެއް މިންވަރެއްގެ އެހެން އަދަބެއް ނުވަތަ ތަފާތު އެކިއެކި ބާވަތުގެ އަދަބުތައް އެއްކުރުމަށްފަހު ކުށްވެރިއަކު ޖަލަށް ލެވޭނެ އެންމެ ދިގު މުއްދަތާ އެއްހަމަ އަދަބު ކުށްވެރިއެއްގެ މައްޗަށް ކަނޑައެޅިދާނެ ކަމަށެވެ.

ގާނޫނުލްއުގޫބާތުގެ 1005 ވަނަ މާއްދާގައި އަދަބުތަކުގެ މިންވަރު ދައްކުވައިދޭ ތާވަލުގައި ބުނެފައި ވަނީ އެ ކުށަކަށް ކަނޑައެޅޭނެ އަދަބުގެ ޖުމްލަ މުއްދަތަށް ވުރެ އިތުރުނުވާ ގޮތުގެ މަތިން ތަފާތު އެކިއެކި ބާވަތްތަކުން އަދަބު ކަނޑައެޅުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވާ ކަމަށެވެ.

އެގޮތުން ޖަލު ހުކުމް، ގޭބަންދަށް، މުޖުތަމައުއަށް ހިދުމަތް ކުރުމަށް، ޖޫރިމަނާ ކުރުމަށް، އުޅޭނޫޅޭގޮތް ގާތުން ބެލުން ނުވަތަ ޕްރޮބޭޝަން އަށް ބަދަލު ކުރެވިދާނެއެވެ. އެހެން އަދަބަކަށް ބަދަލު ކުރެވެނީ އެއް އަހަރާއި ހަތް ދުވަހާ ދެމެދުގެ ޖަލު ހުކުމެވެ.

މި މުއްދަތުގެ ޖަލު ހުކުމް 15 ދުވަހާއި ދެ އަހަރާ ދެމެދުގެ ގޭބަންދަކަށް ބަދަލު ކުރެވިދާނެއެވެ. ނުވަތަ 40 ގަޑިއިރާއި 1920 ގަޑިއިރު މުޖުތަމައުއަށް ހިދުމަތް ކުރަން ކަނޑައެޅިދާނެއެވެ.

ޖަލު ހުކުމް ޖޫރިމަނާއަށް ބަދަލު ކުރާއިރު 1400 ރުފިޔާ ނުވަތަ ހަތް ދުވަހުގެ އާމްދަނީ އާއި 72،000 ރުފިޔާ ނުވަތަ އެއް އަހަރުގެ އާމްދަނީ ޖޫރިމަނާގެ ގޮތުގައި ދައްކަން ހުކުމް ކުރެވިދާނެއެވެ.

އުޅޭނޫޅޭގޮތް ގާތުން ބަލާނީ އެއް މަހާއި ހަތަރު އަހަރާ ދެމެދުގެ މުއްދަތަކަށެވެ. އަދި ޕްރޮބޭޝަންގެ ގޮތުގައި ދޮޅު މަސް ނުވަތަ ހަ އަހަރުގެ މުއްދަތެއް ކަނޑައެޅިދާނެއެވެ.

ކަރެކްޝަންސް ޖަލުތައް ފުރުމާ ގުޅިގެން ރޭ ފުލުހުން ބުނެފައި ވަނީ ކަރެކްޝަނަލް ސާވިސްއާ ހަވާލުކުރަންޖެހޭ 58 ގައިދީއަކު މިވަގުތު ދޫނިދޫ ޖަލުގައި އެބަތިބި ކަމަށެވެ. އޭގެތެރެއިން 50 މީހުންނަކީ ހުކުމް ތަންފީޒުކުރަން ހަވާލުކުރަންޖެހޭ މީހުން ކަމަށާއި އަދި އަށް މީހުންނަކީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކުރި އަމުރުތަކާ ގުޅިގެން ހަވާލުކުރަންޖެހޭ މީހުން ކަމަށެވެ.

ފުލުހުން ބުނީ ކަރެކްޝަންސްގެ ޖަލުތައް ފުރި އެމީހުންނާ ހަވާލުވުމަށް އުޒުރުވެރިވެފައިވާތީ، އެ އެންމެން މިހާރު ބައިތިއްބާފައި ތިބީ ދޫނިދޫ ޖަލުގައި ކަމަށެވެ.

އެ ގައިދީންގެ ތެރެއިން އަށް މީހަކު ވަނީ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ވެސް ކޮށްފައެވެ. ނަމަވެސް އޭގެތެރެއިން އެކަކު ފިޔަވައި އެންމެން ވަނީ އިއްޔެއިން ފެށިގެން ކާން ފަށާފައެވެ.

comment ކޮމެންޓް