ސަލަފިއްޔާ އިން ނޫސްވެރިންގެ ބައްދަލުވުން ބޭއްވި މައްސަލަ ބަލަނީ

މަކްތަބާ ސަލަފިއްޔާގެ ނޫސްވެރިން ބައްދަލުވުމުގެ ތެރެއިން: އެ ބައްދަލުވުމުގެ މައްސަލަ މިނިސްޓްރީން ދަނީ ބަލަމުން --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ބައެއް ދީނީ އިލްމުވެރިންނަކީ ހަރުކަށި ފިކުރަށް ތާއީދުކުރާ ބައެއް ކަމަށް ތުހުމަތުކޮށް، މަކްތަބާ ސަލަފިއްޔާ އިން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފި އެވެ.

މަކްތަބާ ސަލަފިއްޔާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާ ގުޅިގެން ދިނީ އިލްމުވެރިން އެކަކު އަނެކަކަށް ދަނީ ފާޑު ކިޔައި، ރައްދު ދެމުންނެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާޙު މިއަދު "ސަން" އަށް ވިދާޅުވީ، މަކްތަބާ ސަލަފިއްޔާގައި އިސްކޮށް އުޅުއްވާ ޝެއިހް މުހައްމަދު ހަސަން އަށް އެފަދަ އަމަލުތައް ތަކުރާރު ނުކުރުމަށް މީގެ ކުރިންވެސް ނަސޭހަތްތެރިވެފައިވާނެ ކަމަށާއި ދީނީ އިލްމުވެރިންގެ މެދުގައި ހިޔާލުތަފާތުވުންތައް އުފެދި އެކަކު އަނެކަކަށް ރައްދު ދިނުމަކީ އެ މިނިސްޓްރީން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

"ކުރިން މުހައްމަދު ހަސަންއަށް ނަސޭހަތްތެރިވެފަައި ވާނެ އިލްމުވެރިންނަށް ރައްދު ނުދިނުމަށް އަދި [ހާއްސަކޮށް] ހިޔާލުތަފާތުވާ މައްސަލަތަކުގައި ރައްދު ނުދިނުމަށް. އޭނާ ލައްވާ ލިޔުމެއްގައި ސޮއިކޮށްފައިވެސް ވާނީ،" އަފްރާހު ވިދާޅުވި އެވެ.

އަފްރާހު ވިދާޅުވީ، އެއްވެސް ގޮތަކަށް އިލްމުވެރިންގެ މެދުގައި ހިޔާލުތަފާތުވުންތައް އުފެދި ބައިވައިވުމަށް މިނިސްޓްރީން ބާރު ނާޅާ ކަމަށެވެ. އަދި އިލްމުވެރިންގެ މެދުގައި މަޝްވަރާކޮށްގެން އެ ހިޔާލުތަފާތުވުންތަކަށް ހައްލެއް ހޯދުމަށް އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދީނީ އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދިފައިވާ މައްސަލަތަކާ ގުޅޭ ގޮތުން ބައިބައިވުމާއި ފިތުނައަށް މަގުފަހުވާ ގޮތަށް މަކްތަބާ ސަލަފިއްޔާގައި އިސްކޮށް އުޅުއްވާ ޝެއިހް މުހައްމަދު ހަސަން ވާހަކަ ދައްކާ ކަމަށް ބުނެ އޭނާގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ވަނީ ވަގުތީ ގޮތުން ބާތިލް ކޮށްފަ އެވެ. އޭގެ އިތުރުން އޭނާ ހަރުކަށި ފިކުރަށް ތާއީދު ކުރާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.

މަކްތަބާ ސަލަފިއްޔާގެ"ގެ ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވަނީ އެކަން ދޮގު ކުރައްވައި، އެހެން ދީނީ އިލްމުވެރިންގެ ނަންތައް ހާމަކޮށް އެ ދިނީ އިލްމުވެރިން ހަރުކަށި ފިކުރަށް ތާއީދު ކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ.

ނަސޭހަތް ދީފައި ވަނިކޮށް، އަނެއްކާވެސް ދީނީ އިލްމުވެރިނަށް ރައްދު ދިނުމުން އެކަމަށް ފިޔަވަޅެއް ނާޅަންތޯ ސުވާލު ކުރުމުން އަފްރާ ވިދާޅުވީ، "އެކަން މިހާރު ދަނީ ބަލަމުން. ފިޔަވަޅު އަޅާނެކަމެއް ނަމަ ފިޔަވަޅު އަޅާނަން،" ކަމަށެވެ.

މަކްތަބާ ސަލަފިއްޔާގެ ނޫސްވެރިންގެ ބައްދަލުވުމުގެ މައްސަލަ މިނިސްޓްރީން ބަލަމުންދާއިރު، އެ ޖަމާއަތުން ރަޖިސްޓްރީނުކޮށް ސްކޫލް ހިންގަމުންދާ މަައްސަލަ ވެސް މިނިސްޓްރީން އަންނަނީ ބަލަމުންނެވެ. ނަމަވެސް އެކަން އެ ޖަމާއަތުން ދޮގު ކުރެ އެވެ.

comment ކޮމެންޓް