ހުޅުމާލެއާއި ވިލިމާލޭގައި ހެދިކާ ވިއްކާ މީހުންނާ ސިޓީ ކައުންސިލުން ބައްދަލު ކުރަނީ!

ހުޅުމާލޭގައި މީހަކު ހެދިކާ ވިއްކަނީ--- ފޮޓޯ/ވޮއިސް

ހުޅުމާލެއާއި ވިލިމާލޭގައި ހެދިކާ ވިއްކޭނެ އުސޫލުތަކެއް ހެދުމާ ގުޅޭގޮތުން ހެދިކާ ވިއްކާ ފަރާތްތަކާއި މަޝްވަރާކުރަަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުޅުމާލެއާއި ވިލިމާލޭގައި ބައެއް މީހުން ކުދިކުދި މޭޒުތައް ބަހައްޓައިގެން ހާއްސަކޮށް ހަވީރު ހެދިކާ ވިއްކާތަން ވަރަށް ގިނައިން ފެންނަ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ އެކަން ވަކި ސިސްޓަމަށް ފައްތަން. މިސާލަކަށް ޕާކެއްތެރޭވެސް ހުރެގެން ކިހިނެއްތޯ ހެދިކާ ވިއްކޭނީ. އަޅުގަނޑުމެންވެސް އެކަން ޑިޒައިން އެބައޮތް. އެކަމަކު ހެދިކާ ވިއްކާ މީހުންނާ މަޝްވަރާ ކުރުމަށްފަހު އެކަން ނިންމާނީ." މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ އެގޮތަށް ހެދިކާ ވިއްކުމަށް ކުރިންވެސް ސިޓީ ކައުންސިލުން ވަކި ހުއްދައެއް ދޫކުރި ކަމަށެވެ. ނަމަވެސް އެކަން އެކި ސަބަބުތަކާހުރެ ހުއްޓުނީކަމަށް އޭނާ ވިދާޅުވިއެވެ.

ހެދިކާ ހަދާ މީހުންނާ ބައްދަލުކޮށް މަޝްވަރާކުރަން ނިންމާފައިވަނީ މާދާމާއެވެ.

"މާލޭ ސިޓީގެ ހުޅުމާލެ އަދި ވިލިމާލޭ އަވަށުގައި ހެދިކާ ވިއްކުމަށް އެކި ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށް މިކައުންސިލަށް ހުށަހަޅުއްވާފައި ވާތީ، މިފަދަ ފަރާތްތަކާއި ބައްދަލުކޮށްލަން މިކައުންސިލް އިން ބޭނުންވެއެވެ. މިބައްދަލުވުން އޮންނާނީ 25 ޑިސެމްބަރ 2019 ވާ ބުދަ ދުވަހުގެ 16:00 ގައި މިކައުންސިލްގެ މާފަންނު އޮފީހުގައެވެ" މާލޭ ސިޓީ ކައުންސިލްއިން މިއަދު ކުރި އިއުލާންގައިވެއެވެ.

https://sun.mv/103991

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް ކަމަށްވާތީ، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލެގައި ހެދިކާ ވިއްކުމުގެ ހިދުމަތް ދިނުމަށް ސަރަހައްދުތަކެއް ކަނޑައަޅައި އެކަމަށް ހާއްސަ އުސޫލެއް މިދިޔަ އަހަރު އެކުލަވާލިއެވެ. އެ އުސޫލުގެ ދަށުން ހެދިކާ ވިއްކުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކުން ފީއެއްގެ ގޮތުގައި އަހަރަކު 150 ރުފިޔާ އެޗްޑީސީ އަށް ދައްކަން ޖެހޭނެކަމަށްވެސް އޭރު ކަނޑައެޅިއެވެ.

comment ކޮމެންޓް