ޒައިން ފެނިއްޖެ، ބުނީ "މަށެއް ނޫން"

ސްކޫލް ކުދިންގެ ލަވަމުބާރާތުން ވިދާލި ޒައިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލަޔާސް

ދިވެހިން "މަށެއް ނޫން" ލަވައިގެ އަވައިގައި ޖެހިފައި ތިބޭތާ މިހާރު ވިއްސަކަށް އަހަރުވީ އެވެ. އެއީ 2001 އަހަރުގެ ސްކޫލު ކުދިންގެ ލަވަ މުބާރާތުގެ ސްޓޭޖްމަތިން އިވުނު އެންމެ ތަފާތު ލަވަ އެވެ. ދިވެހިންގެ ތެރޭގައި ރެޕް ލަވަތައް މާ އާންމު ނޫން ޒަމާނެއްގައި ކުޑަ ކުއްޖަކު ސްޓޭޖު މަތީގައި ލައިވްކޮށް، އެހާ ފަރިތަކޮށް ރާގަށް އަމުނާލި ލަވައިން ގިނަ ބަޔަކަށް ހައިރާންކަން ގެނުވި އެވެ. ހުރިހާ ދިވެހިން ވެސް ފަރިތަ، ފޫޅުދިގު ހަންޑީގެ ވާހަކަ އެދުވަހު އިވުނީ ރެޕް ލަވައެއްގެ ގޮތުގަ އެވެ.

އިންޓަސްކޫލް ލަވަ މުބާރަތުގައި މިހާތަނަށް އިވިގެން ދިޔަ އެތައް ހާސް ލަވައެއްގެ ތެރެއިން ވެސް މުހައްމަދު ޒައިން އަހްމަދު ޝަހީދުގެ އެ ލަވަ ދިވެހިންގެ ބޮލުގައި ހަރުލީ އެހެންވެގެންނެވެ. އެއަށްފަހު 2003 ވަނަ އަހަރުގެ ލަވަމުބާރާތުގައި ޒައިން ކިޔާދިން "ހިތް ހަމަ ނުޖެހޭ ބަދަލެއް" ލަވަ އަކީ އަދިވެސް ދިވެހިން ފަރިތަކަމާއެކު ކިޔާލާ ލަވައެކެވެ.

ޓީވީއެމް ސްކޫލު ކުދިންގެ ލަވަ މުބާރާތުން ރާއްޖޭގެ މިއުޒިކީ ދާއިރާއަށް އެތައް ތަރިންނެއް ވަނީ އުފަންކޮށްދީފަ އެވެ. ބައެއް ތަރިންގެ ވިދުން މިއަދުވެސް ގަދަ އެވެ. ސަބަބަކީ އެކުދިން ލަވަމުބާރާތުގެ ސްޓޭޖުން އެއަށްވުރެ ބޮޑެތި ސްޓޭޖްތަކަށް ނުކުމެފައި ތިބީމަ އެވެ.

ޒައިން އާމެދު ގިނަ ބަޔަކު ދުށް އުންމީދަކީވެސް އެޔެވެ. އެންމެން ވެސް ހީކޮށްގެން ތިބީ ރާއްޖޭގެ މިއުޒިކީ އުދަރެސް ބަދަލުކޮށްލާނެ ވަރުގަދަ ތަރިއަކަށް ޒައިން ވާނެ ކަމަށެވެ. އަދި އޭނާގެ ރެޕް ލަވަތައް ހުއްޓުމެއް ނެތި އިވިގެންދާނެ ކަމަށެވެ. ނަމަވެސް ލަވަމުބާރާތް ހުއްޓުނު ގޮތަށް ޒައިން ވެސް ގެއްލުނީ އެވެ. ޒައިންގެ އިތުރު ލަވައެއް ފަހުން ނީވެ އެވެ. ނަމަވެސް ޒައިން ވެގެން ދިޔައީ މިއުޒިކީ އުދަރެހުން ފަނޑުނުވި ނަމަކަށެވެ.

ޒައިން ސްކޫލް ކުދިންގެ ލަވަ މުބާރާތުގައި

އަދިވެސް އެންމެ ގިނަ ބަޔަކު އަހާ ސުވާލަކީ ޒައިން މިހާރު ކޮބާ ހެއްޔެވެ؟ އުޅެނީ ކޮންތާކު ހެއްޔެވެ؟ ގެއްލުނީ ކީއްވެ ހެއްޔެވެ؟ އަލުން ފެނިދާނެ ހެއްޔެވެ؟

ސީއެޗްއެސްއީން އޭލެވެލް ނިންމާލުމަށްފަހު 2007 ވަނަ އަހަރު މަތީ ތައުލީމް ހާސިލް ކުރަން ޒައިން ފުރީ އިނގެރޭސިވިލާތަށެވެ. އޭނާއަކީ މިހާރު ގާނޫނީ ވަކީލެކެވެ. މަސައްކަތް ކުރަނީ ވެސް އެގައުމުގަ އެވެ. މާސްޓާޒް ނިމުމުގެ ކުރިން ދޭތެރެއަކުން ޗުއްޓީއަށް ރާއްޖެ އައި ނަމަވެސް، ކިޔެވުން ނިމި ވަޒީފާ ލިބުމާއެކު ދިރިއުޅުން ވަރަށް ބޮޑަށް ހަލަބޮލިވެ ރާއްޖެ އައުން މުޅިން ހުއްޓުނީ އެވެ.

މި އަހަރު ފެބުރުއަރީ މަހު ޒައިން ޗުއްޓީއަކަށް މާލެ އައީ 10 ވަރަކަށް އަހަރު ރާއްޖެ ނައިސް ހުރުމަށްފަހު އެވެ. އެފަހަރު ވެސް މާގިނަ ބައެއްގެ ލޯތަކުގައި އަޅައިނުގަނެ ފުރައިގެން ދިޔައީ އެވެ. ވަރަށް ސިއްރުން އުޅެނިކޮށް މިފަހަރު ޒައިން މިއޮތީ އަތުޖެހިފަ އެވެ.

ލަވަ މުބާރާތުގެ ސްޓޭޖުން ގެއްލުނުތާ 15 ވަރަކަށް އަހަރު ފަހުން ޒައިން ފެނިލީ މިމަހުގެ ތެރޭގައި ލޯޖެހިގޭގައި އޮތް ހިތާނީ ޝޯއެއްގެ ތެރެއިން "މަށެއް ނޫން" ކިޔަން ސްޓޭޖް މަތީގައި އެވެ. ކިތަންމެ ވަރަކަށް "މަށެއް ނޫން" ކަމަށް ބުނަމުން ދިޔަ ނަމަވެސް، އެއީ ހަމަ ޒައިން އެވެ. އަޑަކަށް ވެސް މީހާގެ ސިފައަކަށް ވެސް މާބޮޑު ބަދަލެއް ނާދެ އެވެ.

އެކި ބަހަނާ ދައްކާ ސްޓޭޖް މައްޗަށް ނާރާ ވޭތޯ ޒައިން ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް ޒައިންގެ ލަވައެއް އަޑުއަހާލަން ކެތްމަދުވެފައި ތިބި އެ އާއިލާއިން ކުރު ނުކުރުމުން، އަދި ހިތާނީ އުފާ ވެސް އެއް ދުވަސް ފަހަށް ޖައްސާލުމުން ދެން ނޫނެކޭ ބުނަން ނުކެރުނީ އެވެ.

ގިނަ އަހަރުތަކެއް ފަހުން ޒައިން ފެނުމާއެކު އޭނާގެ ސަޕޯޓަރުންނަށް ވީގޮތް ވެސް ނޭނގުނެވެ. އަލުން ހިތާނީ ޕާޓީއެއް ބާއްވާ ޒައިން ލަވަކިޔަން ގެންނަ ހިސާބަށް ވެސް ދިޔަ އެވެ.

"ހިޔެއް ވެސް ނުކުރަން މިވަރުގެ ބޮޑު ސަޕޯޓެއް ލިބޭނެ ކަމަކަށް. މީހުން ވީޑިއޯ ކޮށްގެން ޓުވިޓާއަށް ލައި މިހާ ބޮޑު ތަރުހީބެއް ލިބޭނެ ކަމަކަށް. ވަރަށް ބޮޑު ސަޕްރައިޒެއް މިއީ،" ޒައިން ބުންޏެވެ.

ޒައިން އަކީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ފުރަތަމަ ރެޕް އާޓިސްޓެވެ. އަދި ޒައިން މިކަމުން ކުރިއަށް ދިޔަ ނަމަ އޭނާ އަތުވެސް ނުވާނެތާ އެވެ. ދިވެހިންގެ ތެރޭގައި ރެޕް މާ އާންމު ނުވަނީސް، ރެޕްގެ ތެރެއަށް ވަދެވުނު ގޮތް ޒައިން ކިޔައިދިނެވެ.

"އެންމެ ކުޑައިރު ބައްޕަ ކިޔަވަން ހުންނެވި އިރު ޒައިން އާ މަންމަވެސް އުޅުނީ އޮސްޓްރޭލިއާގައި. އޭރު އެތަނުގަ އުޅުނު ކުދިން އަޑުއަހާނެ ރެޕް. ކިޔަން ވެސް ކިޔާނެ. އެގޮތަށް އަސްލު ޝައުގުވެރިކަން އުފެދުނީ. އެކަމު ރާއްޖެ އައި އިރު އެހާ ކުދިން ޖަހާ އެއްޗެއް ނޫން ރެޕަކީ،" ޒައިން ބުންޏެވެ.

ޒައިންގެ ގައިގައި ލަވަކިޔުމުގެ ހުނަރު ހުރިކަން ޒައިންގެ މައިންބަފައިންނަށް އެނގުނީ އޮސްޓްރޭލިއާގައި އޭނާއަށް ކިޔަވައިދިން ޓީޗަރެއްގެ ފަރާތުންނެވެ. އެހިސާބުން ފެށިގެން ޒައިން ވަނީ އެކި މުބާރާތްތަކުގައި ބައިވެރިވެ ކާމިޔާބީތައް ހޯދައިފަ އެވެ.

"މަށެއް ނޫން" އަކީ އިނގިރޭސި އާޓިސްޓް ޝެގީ 2000 ވަނަ އަހަރު ރިލީޒްކުރި "އިޓް ވޮޒުންޓް މީ" ގެ ރާގަށް ޒައިން ކިޔާފައިވާ ލަވައެކެވެ. ޒައިންއަށް ކަމުދިޔައީ އެ ރާގެވެ. އެހެންކަމުން އެ ރާގަށް ލަވަމުބާރާތުގައި ލަވައެއް ކިޔަން ނިންމީ އެވެ. ލަވައިގެ ލިރިކްސް ލިޔެދިނީ ކުރީގެ މަޝްހޫރު ފިލްމީތަރި، އިސްމާއިލް ވަޖީހު އެވެ. ޅެން ލިޔެދިނުމަށްފަހު ބަދަލު ގެނައުމުގެ އިހްތިޔާރު ޒައިންގެ އަތްމައްޗަށް ދޫކޮށްލީ އެވެ.

ޒައިން: މިހާރު އޭނާއަކީ ލޯ ޔަރެއް.

އެހެން ނަމަވެސް ދިވެހި ބަހާއި އިނގެރޭސި ބަސް މަސްހުނިކޮށްގެން ދިވެހިން ވާހަކަ ދައްކާތީ އެކަމާ ކަންބޮޑުވެ، އެ މައުޟޫއަށް ކީ ލަވަ، "ހިތް ހަމަ ނުޖެހޭ ބަދަލެއް" އެއީ ޒައިންގެ އަމިއްލަ މަސައްކަތެވެ. އާއިލާ މީހުންނާއި ބައެއް ރައްޓެހިންގެ ވެސް އިރުޝާދާއެކު އެ ލަވައިގެ ރެޕް ބައިވެސް ލިޔެފައި ވަނީ ޒައިން އަމިއްލަ އަށެވެ.

ސްކޫލު މުބާރާތްތަކުން ލިބުނު ކާމިޔާބާ ބޮޑު ތަރުހީބާއެކު މިއުޒިކް އިން ކުރިއަށް ދިއުމުގެ ވިސްނުމެއް ޒައިން ގެންގުޅުނު ނަމަވެސް، މިއުޒިކަކީ މިހާރު އޭނާގެ އެންމެ ބޮޑު ހޮބީ އެވެ. މިހާރު އޭނާއަކީ ގާނޫނީ ވަކީލެކެވެ. ކޮންމެ ދުވަހަކު މީސް މީހުންގެ މައްސަލަތައް ހިފައިގެން ކޯޓަށް ގޮސް އެތައް ބައިވަރު ސިޓީތަކެއް ލިޔުނު ނަމަވެސް ޒައިން މިއުޒިކާ ދުރަކަށް ނުދެ އެވެ.

މިއީ ހަމަގައިމުވެސް ޒައިންގެ ލަވައަކަށް އިންތިޒާރުކޮށްގެން ތިބި އެތައް ބަޔަކަށް ވަރަށް އުފާވެރި ހަބަރަކަށް ވާނެ އެވެ. ޔޫކޭއަށް ދިރިއުޅުން ބަދަލުކޮށް، ފާއިތުވި 12 އަހަރުގެ ތެރޭގައި ވެސް ޒައިން އަންނަނީ ލަވަކިޔައި ސައުންޑްކްލައުޑަށް އަޕްލޯޑް ކުރަމުންނެވެ. ނަމަވެސް ޒައިން މިކަން ކުރަނީ އެހެން ނަމެއްގެ ފަހަތުގައި ފޮރުވި އިނދެގެންނެވެ.

"ލަވަ ކިޔުން ހުއްޓައެއް ނުލަން. އެކޮޅުގައި ކުރާ މަސައްކަތާ ކުޑަކޮށް ފުށުއަރާކަމަކަށް ވާތީ، ގާނޫނީ ވަކީލެއް މިހާރު އެކޮޅުގައި، އެހެންވެ ލަވަ ކިޔާ ހެދީމަ އެމީހުންނަކަށް އެހާ ކަމަކު ނުދާނެ. އެހެންވެ ނަން އޮޅުވާލައިގެން ފޮޓޯ ނުޖަހަ އެކަން ކުރަނީ،" ޒައިން ބުންޏެވެ.

"އިންޓާނަލް އެސްޓްރޮނައުޓް" އަކީ ފަހަރުގައި ސައުންޑްކްލައުޑް އިން ލަވަ އަޑުއަހާ އުޅޭ ފަރާތްތަކަށް އެނގޭ ނަމަކަށް ވެދާނެ އެވެ. އެއީ ޒައިން އެވެ. ޒައިން މިހާތަނަށް ހަތަރު ވަރަކަށް އަލްބަމް ސައުންޑްކުލައުޑަށް ވަނީ ދޫކޮށްލައިފަ އެވެ. ޖުމްލަ 34 ޓްރެކް މިހާރު އާންމުކޮށްފައި ވާއިރު، މުޅިން ވެސް ހުރީ ދިވެހި ލަވައެކެވެ. ޒައިން ކަން ނޭނގި ނަމަވެސް، އޭނާ ފޮލޯ ކުރާ 800 އެއްހާ މީހުން އެބަތިއްބެވެ.

"އޭތި ކަމުދާ ވަރަށް ގިނަ ކުދިން ވެސް އުޅޭ. އެކަމަކު އަޅުގަނޑަކަށް ހިޔެއް ނުވެ އެކުދިންނަށް އަޅުގަނޑުކަން އެނގޭ ހެނެއް،" ހިނިގަނޑެއް ޖަހާލާފައި ޒައިން ބުންޏެވެ.

ޒައިން ދުރުވެލީ ސްޓޭޖްތަކާ އެވެ. މިއުޒިކާ ދުރަކަށް ނުދެއެވެ. ޒައިން ބުނާގޮތުން ނަމަ، ވަކީލުކަމަކީ އޭނާ ކާންބޯން ކުރާ މަސައްކަތެވެ. އަދިވެސް އަމިއްލަ ހިތްހަމަޖެހުމަށް ކުރާ މަސައްކަތަކީ ލަވަ ކިޔުމާއި މިއުޒިކް ކުޅުމެވެ.

ޒައިން އާއި އޭނާގެ އަންހެނުން: މިދެމަފިރިން ދިރިއުޅެނީ އިނގިރޭސިވިލާތުގައި.

މިއަދު ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީއަށް ހަމަގައިމުވެސް އައިސްފައިވާ ބަދަލަކީ "ހިތްހަމަ ނުޖެހޭ ބަދަލެއް" ކަމުގައި ޒައިން ނުބުނާނެ އެވެ. ސިމްބޮލިކް ރެކޯޑްސް އާއި އެހެން އާޓިސްޓުންގެ މަސައްކަތް ޒައިން އަށް ވަރަށް ކަމުދެ އެވެ. ޒައިން އަކީ އޭނާގެ ހަޔާތުގައި ދިމާވާ ކަންކަމާ ގުޅޭގޮތުން ލަވަ ލިޔެ އުޅޭ މީހެއް ނަމަވެސް، މިހާރުގެ ޒުވާނުން ގައުމުގައި ހުންނަ މައްސަލަތަކަށް އަލިއަޅުވާލައި ލިޔެފައި ހުންނަ ޅެންތަކަށް ޒައިން ވަރަށް ލޯބިކުރެ އެވެ.

"ވަރަށް ސަޅި މިހާރު. މިހާރު އުޅޭ ސިމްބޮލިކް ރެކޯޑްސް ކުދިންނާ އެންމެން ވަރަށް މޮޅު. ވަރަށް ފަށުވިކޮށް ހުންނަނީ ލިޔެލާފައި. އެމީހުން ދިވެހި ބަހަށް ވެސް އެކޮށް ދެނީ ހިދުމަތެއް. ވަރަށް ސަޅި ކަމެއް،" ޒައިން ބުންޏެވެ.

އެހެންކަމުން ޒައިން ހުރީ މިހާރުގެ އާޓިސްޓުންނާއެކު މަސައްކަތް ކޮށްލަން ވެސް ބޭނުންވެފަ އެވެ. މިހާރުގެ ކުދިންނާއެކު ޒައިންގެ ލަވައެއްގެ ރީމިކްސް އެއް ހަދާލަން ވެސް ޒައިން ބޭނުމެވެ. އެފަދަ ހުށަހެޅުމެއް ލިބިއްޖެނަަމަ އުފަލުން ގަބޫލުކުރާނެ ކަމަށް ޒައިން ބުންޏެވެ.

އޭނާ ބުނާ ގޮތުގައި ސަޕޯޓަރުން އެދެމުން އަންނަ "ޒައިން ކަމްބެކް ޝޯ" އަށް ވެސް ޒައިން މިހާރު އެ ހުރީ ތައްޔާރަށެވެ. އިންތިޒާމު ކުރުމަށްފަހު އަންގާލާއިރަށް މައިކް ހިފައިގެން ޒައިން އަރާނެ އެވެ.

ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޒައިން އަނެއްކާވެސް އިނގެރޭސިވިލާތަށް ފުރާނެ އެވެ. ކިތަންމެ ދުވަހެއް އެހެން ގައުމެއްގައި އުޅުނު ނަމަވެސް، އަމިއްލަ ބިމަށް ހިތުގައި އޮންނަ ލޯބި ފަނޑުވުމެއް ނެތެވެ. ކޮންމެސް ދުވަހަކު، އަނބިމީހާއާއެކު ރާއްޖެއަށް ބަދަލުވުމުގެ ވިސްނުން ހުރި ނަމަވެސް، އެއީ ކޮން އިރަކުން ވާނެ ކަމެއް ކަމަށް ހުދު ޒައިން އަށް ވެސް ނޭނގެ އެވެ.

އެހެންކަމުން ޒައިން ސްޓޭޖަކަށް އަރުވައި ޒައިން އާއެކު އެންމެން އެއް އަޑުން "މަށެއް ނޫން" ކިޔާލަން އުޅެމާ ހިނގާށެވެ.

comment ކޮމެންޓް