ދިވެހީން އަނބުރާ ގެންނަން ސީރިއާ އަދި ތުރުކީގައި ހަރަކާތްތެރި ނުވަން: ފުލުހުން

އިރު އުތުރު ސީރިއާގައި ހުންނަ އަލް ހައުލް ކޭމްޕްުގައި ތިބި އަންހެނުންތަކެއް --

ސީރިއާގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވާން އެގައުމަށް ދިޔަ ދިވެހީން އަނބުރާ ރާއްޖެއަށް ގެންނަން ފުލުހުން ސީރިއާގައިވެސް އަދި ތުރުކީގައިވެސް ހަރަކާތްތެރިވަމުން ނުދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ސީރިއާއަށް ދިޔަ ދިވެހީންގެ ތެރެއިން ބައެއް މީހުން އަނބުރާ ގެނައުމުގެ މަސައްކަތް ކުރުމަށް ފުލުހުންނާއި ސިފައިންގެ ޓީމެއް ސީރިއާގައި ހަރަކާތްތެރިވަމުންދާ ކަމަށް މި ފަހުން ވަނީ އަޑުފެތުރިފައެވެ.

އެ ވާހަކަތައް ދޮގުކޮށް، ފުލުހުން މިއަދު ބުނީ ކުރިންވެސް މިހާރުވެސް ފުލުހުން ސީރިއާގައި އަދި ތުރުކީގައިވެސް ހަރަކާތްތެރިވަމުން ނުދާ ކަމަށެވެ.

އެކަމަކު، ހަނގުރާމައަށް ދިޔަ މީހުން އަނބުރާ ގެންނަން ސަރުކާރުން ނިންމާފައިވާތީ، ކަމާ ބެހޭ ވުޒާރާތަކާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ސީރިއާ ހަނގުރާމައަށް ދިޔަ މީހުންގެ ތެރޭގައި ދިވެހި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެއެވެ. އެ މީހުން އަނބުރާ ގެނައުމަށް ނިންމައި ސަރުކާރުން މިހާރު ދަނީ އެ މީހުން ރިހެބިލިޓޭޓްކޮށް މުޖުތަމައުއަށް ނެރެން ކ. ހިންމަފުށީގައި ރިހެބިލިޓޭޝަން ސެންޓަރެއް އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މިފަހުން ކައުންސިލަރުންނާއެކު ސަރުކާރުން ބޭއްވި "ވިޔަވަތި ރާއްޖެ" މަހާސިންތާގައި ފުލުހުންނާއި ސިފައިން ގުޅިގެން ހުށަހަޅައިދިން ޕްރެޒެންޓޭޝަނެއްގައި ބުނެފައި ވަނީ ސީރިއާގެ ހަނގުރާމައަށް ގޮސްފައިވަނީ 173 ދިވެހިން ކަމަށެވެ. އޭގެ ތެރެއިން މިހާރު ސަލާމަތުން ތިބި މީހުންގެ 91 ޕަސެންޓަކީ އަންހެނުންނާއި ކުޑަކުދީން ކަމަށް އެ ދުވަހު ސަލާމަތީ ބާރުތަކުން ބުންޏެވެ. އަދި ފިރިހެނުންގެ ތެރެއިން އަނބުރާ ރާއްޖެ ގެނެވޭ ހާލުގައި ތިބީ ހަތަރު މީހުން ކަމަށް ވެސް ބުންޏެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ހަތް ވަރަކަށް މަސް ދުވަހުގެ ތެރޭގައި އެ މީހުން އަނބުރާ ރާއްޖެ ގެނެސް ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ފެށިގެންދާނެ އެވެ.

comment ކޮމެންޓް