އިތުރު ހަ ރަށެއްގައި ދުނިޔޭގެ ފެންވަރުގެ ބެޑްމިންޓަން ހޯލު ގާއިމުކުރަނީ

ގައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ސިންގަލްސް ބައިގެ ފައިނަލުގައި ކުޅުނު ފޯރިގަދަ މެޗްގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލަޔާސް

ހަ ރަށެއްގައި ބައިނަލްއަގުވާމީ ސްޓޭންޑާޑަށް އިންޑޯ ބެންމިންޓަން ހޯލު ގާއިމުކުރަން ނިންމައި، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޔޫތު މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

ކުޅިވަރާ ވެހޭ ވަޒީރު އަހްމަދު މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ސަރުކާރުން ބެޑްމިންޓަނަށް ދެއްވާ ހާއްސަ އަހައްމިއްޔަތާ އެކު އިތުރު ހަ ރަށެއްގައި ފެންވަރު ރަނގަޅު އިންޑޯ ހޯލްތަކެއް ގާއިމު ކުރަން ނިންމާފައިވާ ކަމަށެވެ.

"ރައީސް އިބްރާހިމް މުހައްމަދި ސޯލިހް ގެ ސަރުކާރުން ބެޑްމިންޓަން ކުރިއެރުވުމަށް އައްޑޫގައި އަޅާފައިވާ އިންޓަނޭޝަނަލް ސްޓޭންޑާޑްގެ އިންޑޯ ބެޑްމިންޓަން ހޯލް، އިތުރު ހަ ރަށެއްގައި ގާއިމު ކުރުމަށް ގެޒެޓް ކުރުން." ގެޒެޓުގައި ޝާއިރުކޮށްފައިވާ އިއުލާނުގެ އެޓޭޗްމެންޓަކާ އެކު މަހްލޫފް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.

އަލަށް ގާއިމު ކުރާ ބެޑްމިންޓަން އިންޑޯ ހޯލުތައް އެޅުމަށް މިހާރު ހަމަޖެހިފައިވާ ރަށްތަކަކީ ހދ. ކުޅުދުއްފުށި، ޅ.ނައިފަރު، ލ.ގަން އަދި ގދ. ތިނަދޫގެ އިތުރުން ޏ. ފުވައްމުލަކެވެ.

އައްޑޫ ސިޓީ ހިތަދޫގައި ގާއިމް ކުރެވުނު ބެޑްމިންޓަން ކޮމްޕްލެކްސްގައި މިއަހަރު ވަނީ ސާކްގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތް ބާއްވާފައެވެ. ހަމައެހެންމެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބެޑްމިންޓަން އަކީ ފޯރިއާއެކު ކުޅެވެމުންދާ ކުޅިވަރެއްކަން ފާހަގަކޮށްލެވެއެވެ.

ދެހާސް ތޭވީސް ވަނަ އަހަރު ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ކުޅިވަރު އިންފްރާސްޓްރަކްޗާތައް ގާއިމު ކުރުމަށް ސަރުކާރުން ވަނީ އަންނަ އަހަރުގެ ބަޖެޓަށް ވެސް ބޮޑު ހަރަދެއް ކުރުމަށް ނިންމާފަ އެވެ.

އަދި މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ކުޅިވަރުތައް މާލެއިން ބޭރުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ރާއްޖޭގެ އެކި އެކި ހިސާބުތަކުގައި ބައިނަލް އަގުވާމީ ފެންވަރުގެ ސްޓޭޑިއަމްތަކާއި ޓްރެކްތައް ހެދުމުގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް