ބިލްބާއޯއާ އެއްވަރުވެ ރެއާލަށް ނުތަނަވަސްކަން

ރެއާލް މެޑްރިޑާއި އެތުލެޓިކޯ ބިލްބާއޯ ރޭ ކުޅުނު މެޗުގައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް ގޯލު ޖެހުމުގެ ނަސީބު ނުލިބުމުން ބެންޒީމާ މާޔޫސްވެފައި --- ފޮޓޯ// ޑޮމް ފެރަލް

ސްޕެނިޝް ލީގުގައި މި އަހަރު ކުޅުނު އެންމެ ފަހު މެޗުގައި ރޭ އެތުލެޓިކޯ ބިލްބާއޯއާ އެއްވަރުވެ ވާދަވެރި ބާސެލޯނާއާ ދެމެދު ދެ ޕޮއިންޓްގެ ފަރަގެއް އުފެދިއްޖެ އެވެ.

ރެއާލްގެ ސަންޓިއާގޯ ބާނެބިއު ސްޓޭޑިއަމުގައި ރޭ ކުޅުނު އެ މެޗު ނިމުނީ 0-0ގެ ނަތީޖާއަކުން އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެވެ. މި ނަތީޖާއާ އެކު ރެއާލް ވަނީ އެއްވަނާގައި އޮތް ބާސެލޯނާއަށް ވުރެން ފަހަތަށް ވެއްޓިފަ އެވެ. ބާސެލޯނާ 39 ޕޮއިންޓާ އެކު އަހަރު ނިންމާލި އިރު ރޭގެ މެޗުން ލިބުނު ޕޮއިންޓާ އެކު ރެއާލްއަށް ލިބިފައި ވަނީ 37 ޕޮއިންޓްވެ. ރޭގެ މެޗަކީ ރެއާލުން މި ސީޒަނުގައި އެއްވަރުވި ހަތް ވަނަ މެޗެވެ.

އަނިޔާގެ ސަބަބުން ގިނަ ކުޅުންތެރިންތަކެއް ޓީމުގައި ނުހިމަނާ ރެއާލުން ރޭގެ މެޗަށް ނުކުން އިރު އެންމެ ބޮޑަށް ދިމާވި ދަތިކަމަކީ ގިނަ ފުރުސަތުތަކެއް އުފައްދާ ގޯލުގެ ތެރެއަށް ނިންމާނުލެވުމުގެ ދަތިކަމެވެ. ފޯމުގައި ހުރި ސްޓްރައިކަރު ކަރީމް ބެންޒީމާއަށާއި ވިނިޝަސް ޖޫނިއާ އަދި ޓޯނީ ކްރޫސްއަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އެ ބޯޅަތައް ދިޔައީ ރަނގަޅަށް ބޭނުން ނުކުރެވި އެވެ.

ރޭގެ މެޗުގައި ރެއާލް މެޑްރިޑުން އުފެއްދި ތިން ހަމަލާއެއް ވަނީ ގޯލުގެ ދަނޑިޔާ އަމާޒުވެފަ އެވެ. ބެންޒީމާ އަދި ލޫކާ ޖޮވިޗްގެ އިތުރުން ފެނާންޑެޒް ނަޗޯގެ ހަމަލާތައް ދަނޑިޔާ އަމާޒުވި އިރު އެތުލެޓިކޯ ބިލްބާއޯ އިން ވެސް ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފަ އެވެ. އެގޮތުން މެޗުގެ ފަހު މިނަޓުގައި ބިލްބާއޯގެ އެސިއާ ވިލަޔަބަރޭ ބޮލުން ފޮނުވާލި ހަމަލާއެއް ރެއާލްގެ ގޯލްކީޕަރު ތިބައުޓް ކޯޓުއާ ވަނީ ދިފާއުކޮށްފަ އެވެ.

ވިދިވިދިގެން ތިންވަނަ މެޗަކުން ރެއާލް އެއްވަރުވި އިރު މިއީ 2006 ވަނަ އަހަރުގެ ސީޒަނުގެ ފަހުން އެ ޓީމުން ތިން މެޗުން މިގޮތަށް އެއްވަރުވި ފުރަތަމަ ފަހަރެވެ.

މެޗަށް ފަހު ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ ކުޅުންތެރިން ދެއްކި ހިތްވަރަށް ތައުރީފް ހައްގު ކަމަށެވެ. ނަތީޖާ ކޮންމެ ގޮތަކަށް ނުކުން ނަމަވެސް ވަކި ކުޅުންތެރިޔަކު ގޯސް ކުރަން ބޭނުން ނުވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

"އެންމެ ފަހުން ކުޅުނު ތިން މެޗުން ތިން ޕޮއިންޓް މި ލިބުނީ. އެކަމަކު ކުޅުންތެރިން ދަނޑުގައި 90 މިނަޓު ވަންދެން 100 ދީފައި އެ ފޭބީ. ނަތީޖާ ކޮންމެ ގޮތަކަށް ނުކުން ނަމަވެސް ކުޅުންތެރިން ދެއްކި ޕޮސިޓިވް ކުޅުމާ މެދު ހިތްހަމަ ޖެހޭ." ޒިދާން ބުންޏެވެ.

ރެއާލް ދެން އެންމެ އަވަހަށް މެޗެއް ކުޅެން ޖެހޭނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު އެވެ. އެ މެޗުގައި އެ ޓީމުން ބައްދަލުކުރާނީ ގެޓާފޭއާ އެވެ.

comment ކޮމެންޓް