ފުލުގައި އޮތް ވަޓްފޯޑުން ޔުނައިޓެޑް ހަމަބިމަށް ތިރިކޮށްފި

މެންޗެސްޓާ ޔުނައިޓެޑާއި ވަޓްފޯޑް ބައްދަލު ކުރި މެޗުގައި ވަޓްފޯޑް ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ// އޭޕީ

އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ ފުލުގައި އޮތް ވަޓްފޯޑުން ވަރުގަދަ މެންޗެސްޓާ ޔުނައިޓެޑް ލަދުވެތި ގޮތަކަށް ބަލިކޮށްފި އެވެ.

ވަޓްފޯޑްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު އެ މެޗުން އެ ޓީމު ޔުނައިޓެޑުގެ މައްޗަށް ކުރި ހޯދީ 0-2ގެ ނަތީޖާ އަކުންނެވެ. މި މޮޅާ އެކު ވަޓްފޯޑަށް މިހާތަނަށް 12 ޕޮއިންޓް ލިބުނު އިރު މެޗުން ބަލިވި ޔުނައިޓެޑް މިވަގުތު އޮތީ 25 ޕޮއިންޓާ އެކު ތާވަލުގެ އަށް ވަނައިގަ އެވެ. ތާވަލުގެ އެއްވަނާގައި 10 ޕޮއިންޓްގެ ބޮޑު ލީޑަކާ އެކު ލިވަޕޫލް އޮތީ 49 ޕޮއިންޓާ އެކު އެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ ގޯލް ކީޕަރު ޑޭވިޑް ޑެހެއާ ދެ އަތް ދޭތެރެއިން ބޯޅަ ގޯލުގެ ތެރެއަށް ވަންނަނީ --- ފޮޓޯ// އޭޕީ

ރޭގެ މެޗު ފެށިގެން ޔުނައިޓެޑުން ވަނީ ގިނަ ހަމަލާތަކެއް އުފައްދައިފަ އެވެ. ނަމަވެސް ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ނިންމާ ނުލެވުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ދެވަނަ ހާފުގައި ވަޓްފޯޑުން ކުޅުން ރަނގަޅުކޮށް ގޯލުތަކެއް ޖެހުމެވެ.

ވަޓްފޯޑްގެ ފުރަތަމަ ގޯލަކީ އެ ޓީމަށް ލިބުނު ހިލޭ ޖެހުމެއްގެ ރިބައުންސަށް އައި ބޯޅައެއް ވަނދު ގޮތަކަށް އެ ޓީމުގެ ފޯވާޑް އިސްމާއިލާ ސާގެ ފައިގައި ޖެހި ގޯލަށް ވަންނަން ދިޔަ ވަގުތު ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެޔާ ދެ އަތް ދޭތެރެއިން ވަން ގޯލެކެވެ. މި ގޯލާ އެކު ޑެހެއާއަށް ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވި އިރު ދެވަނަ ގޯލަކީ ޔުނައިޓެޑްގެ ޑިފެންޑަރު ވެން ބިސާކާ އިދިކޮޅު ޓީމު ކުޅުންތެރިޔަކަށް ފައުލު ކުރުމުން ދިން ޕެނަލްޓީއަކުން ޖެހި ގޯލެކެވެ.

ލިބުނު ޕެނަލްޓީގެ ބޭނުން ހިފައި ވަޓްފޯޑަށް ލީޑު ފުޅާކޮށްދިނީ ޓްރޮއީ ޑީނޭ އެވެ. ވަޓްފޯޑްގެ ދެވަނަ ގޯލަށް ފަހުން ޔުނައިޓެޑުން ވަނީ ގިނަ ދުވަސްތަކެއް ވަންދެން އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރުމަށް ފަހު އެނބުރި އައި ޕޯލް ޕޮގްބާ ކުޅެން ނެރެފަ އެވެ. ޕޮގްބާ ނުކުތުމާ އެކު ލިބުނު އައު ހިތްވަރާ އެކު ޔުނައިޓެޑުން ފުލުފުލުގައި ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ވަޓްފޯޑުގެ ޑިފެންސާއި ގޯލްކީޕަރުގެ ހުޝިޔާރު ސޭވްތަކަކުން އެ ބޯޅަތައް ދިފާއު ކުރީ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޮލްޝެޔާ ބުނީ މެޗުގައި އިދިކޮޅު ޓީމުން ޖެހި ދެ ގޯލަކީ ވެސް ޔުނައިޓެޑުން ހެދި ބޮޑު ގޯސްތަކެއްގެ ނަތީޖާ ކަމަށެވެ. އަދި ފުރަތަމަ ހާފުގައި ލިބުނު ފުރުސަތުތައް ނިންމާލެވުނު ނަމަ މެޗުގެ ނަތީޖާ ތަފާތުވާނެ ކަމަށެވެ.

"މެޗުގެ ޓެމްޕޯ ވަރަށް ސްލޯ. ކުޅުން ވަރަށް ދަށް. އިދިކޮޅު ޓީމަށް ފަހުން ހިތްވަރު ލިބުނީ އަހަރުމެނަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުން. ވަރަށް ހިތްހަމަ ނުޖެހިފަ މިހުރީ ނަތީޖާއާ ދޭތެރޭ. މިކަހަލަ ޓީމުތައް އަތުން ޕޮއިންޓް ހޯދުމަކީ ވަރަށް މުހިއްމު ކަމެއް." ސޮލްޝެޔާ ބުންޏެވެ.

މީގެ އިތުރުން ރޭ ވަނީ އިނގިރޭސި ލީގުގައި ވަރުގަދަ އެހެން މެޗެއް ވެސް ކުޅެފަ އެވެ. އެ މެޗުގައި ލަމްޕާޑްގެ ޗެލްސީއިން ވަނީ ހޯސޭ މޮރީނިއޯގެ ޓޮޓެންހަމް ބަލިކޮށް ގަދަ ހަތަރެއްގައި ހަމަޖެހިލައިފަ އެވެ.

މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު ޗެލްސީން ޖެހި ދެ ގޯލު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. އެ ދެ ގޯލަކީ ވެސް އެ ޓީމުގެ ބްރެޒިލް ފޯވާޑް ވިލިއަން އެ ޓީމަށް ޖަހައިދިން ދެ ގޯލެވެ.

comment ކޮމެންޓް