މަކްތަބާ ސަލަފިއްޔާ އަކީ ޣައިރު ގާނޫނީ ޖަމާއަތެއް، ދޭނެ ރައްދެއް ނެތް: ސަލަފް

ސަލަފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޖަމިއްޔާގެ ރައީސް އަބްދުﷲ ބިން ޖަނާބު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަކްތަބާ ސަލަފިއްޔާ އަކީ ޣައިރު ގާނޫނީ ޖަމާއަތެއް ކަމަށާއި އިއްޔެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޖަމާއަތުން ދެއްކި ވާހަކަަތަކަށް ދޭނެ ރައްދެއް ނެތް ކަމަށް ޖަމިއްޔަތުލް ސަލަފުން ބުނެފިއެވެ.

އިއްޔެ ހޮޓެލް ޖެންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަކްތަބާ ސަލަފިއްޔާ އިން ވަނީ، އެ ޖަމާއަތަކީ ހަރުކަށި ހައްދު ފަހަނަ އެޅި ބައެއް ނޫން ކަމަށާއި އެކަން ފަތުރާ، އެކަމަށް ހިތްވަރުދޭ ގޮތަށް ވާހަކަ ދައްކަވަނީ އެހެން ބައެއް ކަމަށް ބުނެފައެވެ. އަދި އެފަދަ ދީނީ އިލްމުވެރިން ހަރުކަށި ފިކުރަށް ހިތްވަރު ލިބޭ ގޮތަށް މީގެ ކުރިން ކޮށްފައިވާ ޕޯސްޓުތަކާއި ލިޔުންތައް ނޫސްވެރިންނަށް ވަނީ ދައްކާލާފައެވެ. އޭގެ ތެރޭގައި ސަލަފް ޖަމިއްޔާގެ ރައީސް އައްޝައިހް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް (އަބްދުﷲ ބިން ޖަނާބު) އާއި އަދިވެސް އެހެން ބައެއް ދީނީ އިލްމުވެރިން ހިމެނެއެވެ.

ސަލަފްގެ ރައީސް އަބްދުﷲ ބިން ޖަނާބު މިއަދު "ސަން" އަށް ވިދާޅުވީ، މަކްތަބާ ސަލަފިއްޔާ އަކީ ރަޖިސްޓްރީ ނުކޮށް ހިންގަމުން އަންނަ ޣައިރު ގާނޫނީ، އަދި އެއްވެސް ގާނޫނީ ހައިސިއްޔަތެއް ނެތް ޖަމާއަތެއް ކަމަށާއި އެހެން ކަމުން އެ ޖަމާއަތުން ދައްކާ ވާހަކަތަަކަށް ޖަވާބެއް ދޭން ބޭނުން ނުވާ ކަމަށެވެ.

"އެއަށް [މަކްތަބާ ސަލަފިއްޔާއިން ކުރި ތުހުމަތުތަކަށް] ޖަވާބު ނުދޭން ސަލަފްގެ މަޝްވަރާ ޓީމުން އޮތީ ނިންމާފައި،" ސަލަފްގެ ރައީސް އަބްދުﷲ ބިން ޖަނާބު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކަންތައްތަކަށް ޖަވާބު ދިނުމުގައި ވަގުތު ބޭކާރު ކުރުމަށްވުރެ، މާ މުހިންމުކަންތައް އެބަހުރި ކަމަށެވެ.

އެއްވެސް ވަރަކަށް ހައްދުފަހަނައެޅު ހަރުކަށި ފިކުރަށް ތާއީދުކޮށް ވާހަކަ ދައްކާފައިވާނެތޯ ސުވާލު ކުރުން ޝެއިން އަބްދުﷲ ބިން ޖަނާބު ވިދާޅުވީ، ހަރުކަށި ފިކުރުކީ ކޮބައި ކަން މީހަކު އަމިއްލަ އަށް ކަނޑައަޅަން ނުޖެހޭ ކަމަށާއި އެކަން ކުރަން ޖެހޭނީ ކަމާ ބެހޭ މުއައްސަސާތަކުން ކަމަށެވެ.

"ރާއްޖޭގައި ހަރުކަށި ފިކުރު ކަނޑައަޅާ މުއައްސަސާއެއް އޮންނަން ޖެހޭނެ. އިސްލާމިކް މިނިސްޓްރީއެއެއް އެބަ އޮވޭ. އަދި ދީނީ އިލްމުވެރިންގެ ފަތުވާ ކޮމިޓީއެއް އެބައޮވޭ. އެ ކޮމިޓީތަކުން [ކަނޑައަޅަން ޖެހޭނީ]. އެއް އެއްޗިސްސަކީ މީހަކު ދައްކާ ވާހަކައަކަށް ލިޔަން ފަށައިފިނަމަ މުޖްމަތައު ތެރޭގައި ވަރަށް ބޮޑަށް އޮޅުންބޮޅުންވެ ގަނޑުބޮޑުވެގެން ދާނެ،" ޝައިހް އަބްދުﷲ ބިން ޖަނާބު ވިދާޅުވިއެވެ.

ޖަމިއްޔަތުލް ސަލަފުގެ ރައީސް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް -- ފޮޓޯ/ ޖަމިއްޔަތުލް ސަލަފު

އޭނާ ވިދާޅުވީ، ހަރުކަށި ފިކުރަކީ ކޮބައިކަން ކަނޑަނޭޅީ ޖަވާބު ދިނުމަކީ ވެސް "އާންމު ހާލަތުގައި" ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ޓެރަރިޒަމާއި މީހުންނަށް ބިރުދައްކައި، ހައްގަކާ ނުލާ މީހުން މެރުމުގެ ފިކުރަކަށް ތާއީދު ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަންކަމަށް ސަލަފުގެ ޕްރޮގްރާމްތަކުގައިވެސް ދެކޮޅަށް ދަރުސްދީފައި ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މަކްތަބާ ސަލަފިއްޔާއިން ދެއްކި ވާހަކަތަކަކީ، އެ ދަރުސްތަކަށް ނުބަލާ، އޮޅުވާލައިގެން ދެއްކި ވާހަކަަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ސީޑީތަކާއި ދަރުސްތައް ހުރިހާ އެއްޗެއްގައި ހުންނާނެ. ޔޫޓިއުބްއާއި ސައުންޑްކްލައުޑްގައި. އެއިން އެއްވެސް އެއްވެސް އެއްޗަކަށް ހަވާލާ ނުދީ، އަޅުގަނޑުމެންގެ އެހެނިހެން އެއްޗެހިން ކަޓް ޕޭސްޓްކޮށްގެން ނަގައިގެން ފާޑު ފާޑުގެ ވާހަކަ އޮޅުވަލައިގެން ދައްކައިގެން އެއީ އެއްޗަކަށް ބަލައިގެން ނުވާނެ،" މަކްތަބާ ސަލަފިއްޔާއިން ކުރި ތުހުމަތުތަކާ ގުޅިެން ޝައިހް އަބްދުﷲ ބިން ޖަނާބު ވިދާޅުވިއެވެ.

"އެއަށް ވަގުތު ދޭކަށް އަޅުގަނޑުމެން ބޭނުންމެއް ނޫން. އެއްވެސް ކަހަލަ ހައިސިއްޔަތެއް އޮންނަ ބޭފުޅުން ވާހަކަ ދެއްކީމަ ނޫންތޯ އަޅުގަނޑުމެންނަށް ޖަވާބުދާރީވެވޭނީ. ހަމަ މަގުމަތިން މީހަކު ދައްކާހާ ވާހަކައަކަށް ޖަވާބުދޭނަމަ އެހެން ކަމެއް ނުކުރެވޭނެ،"

މަކްތަބާ ސަލަފިއްޔާ އަކީ ރަޖިސްޓްރީނުކޮށް ހިންގަމުންދާ ނޫޙެއް ސަލަފްގެ ރައީސް އަބްދުﷲ ބިން ޖަނާބު ވިދާޅުވިއިރު، ޖަމިއްޔާތަކާ ބެހޭ ބެލެނެވިރި ފަރާތް ކަމުގައިވާ ޔޫތު އެން ކޮމިއުނިޓީ އެންޕަވާމަންޓް މިނިސްޓްރީން ގައިމުކޮށްފައިވާ ޕޯޓަލް އިން މަކްތަބާ ސަލަފިއްޔާ އަކީ ރަޖިސްޓްރީ ކޮށްފައިވާ ޖަމާއަތެއް ކަމަށް ނުދައްކައެވެ.

އެކަމާ ގުޅޭގޮތުން މަކްތަބާ ސަލަފިއްޔާ ޖަމާއަތުގައި އެންމެ އިސްކޮށް އުޅުއްވާ މުހައްމަދު ހަސަން އަށް ގުޅާލުމުން އޭނާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝައިހް އަބްދުﷲ ބިން ޖަނާބު ޖޫން، 7 2013 ގައި އަލް އުވައިހާން ނަމަކަށް ކިޔާ އައިޑީއަކަށް ކުރި ޓްވީޓެއް ވަނީ ދައްކާލާފައެވެ. އެ ޓްވީޓްގައި ބުނެފައިވަނީ، އެއީ ރާއްޖޭގައި ތިބި އެމީހުންގެ އަހުންނަށް ފޮނުވާ މެސެޖެއް ކަމަށެވެ. އެ ހަނގުރާމަވެރިންނަށް އެހީތެރިވާނީ ކިހިނަކުންތޯ ސުވާލު ކުރެއެވެ. އުވައިހާންގެ ނަމުގައި ހުޅިވި އެ އެކަނުންޓް މިހާރު ޓްވިޓާއިން ވަނީ ސަސްޕެންޑްކޮށްފައެވެ.

ނޫސްވެރިންގެ ބައްދަލުވުުމުގައި މުހައްމަދު ހަސަން ވިދާޅުވީ، އުވައިހާން އަކީ، އައިއެސް އަދި ޖަބަހަތުން ނުސްރާއާއެކު މަސައްލަ ޖެހުމުގެ ކުރިން ކޯލިޝަން ހަދައި ހަނގުރާމަ ކުރި އަހްރާރުއް ޝާމް ޖަމާއަތުގެ ލީޑަރު ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ސަލަފްގެ ރައީސްއާ ގުޅޭ ގޮތުން ދެއްކި ޓްވީޓް -- ސަން ފޮޓޯ

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާ ގުޅިގެން ދީނީ އިލްމުވެރިން އެކަކު އަނެކަކަށް އަންނަނީ ރައްދުދެމުންވެ.

މިދިޔަ ބުދަ ދުވަހު އިސްލާމިކް މިނިސްޓްރީން ވަނީ ހަރުކަށި ފިކުރު ފަތުރާ ކަމަށް ބުނެ ތިން ދީނީ އިލްމުވެރިއެއްގެ ދީނީ ދަރުސް ދިނުމުގެ ހުއްދަ ބާތިލުކޮށްފައެވެ. އޭގެ ތެރޭގައި މަކްތަބާ ސަލަފިއްޔާ ޖަމާއަތުގައި އިސްކޮށް އުޅޭ މުހައްމަދު ހަސަން ހިމެނެއެވެ. ނަމަވެސް އޭނާ އަކަން ދޮގު ކުރެއެވެ. އޭނާ ވިދާޅުވީ، އޭނާއާއި އޭނާގެ ޖަމާއަތަކީ އެންމެ ބޮޑަށް ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރާ މީޙުން ކަމަށެވެ. އެ ފިކުރަށް އެއްވެސް އިރެއްގައި ތާއީދުކޮށް ވާހަކަ ދައްކާފައި ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެފަދަ ވާހަކައެއް ދައްކާފައިވާނަމަ އެގޮތަށް ބުނާ ބަޔަކު އެކަން ހާމަ ކުރުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

comment ކޮމެންޓް