ޕައިލެޓްކަން ކިޔަވާކުދިންގެ މައްސަލަ ހައްލުކުރަން ލަންކާއާއެކު މަޝްވަރާކޮށްފި

ލަންކާއާއި ރާއްޖޭގެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ބައްދަލުުމުގެ ތެރެއިން --- ފޮޓޯ: ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ސްރީލަންކާގައި ޕައިލެޓްކަން ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުމުގެ ކަންތައް ކުރިއަށް ނުދާތީ އެކަން ހައްލުކުރުމަށް ރާއްޖޭގެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ލަންކާގެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާއެކު މަޝްވަރާކޮށްފިއެވެ.

މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ލަންކާގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ބަންޑުލާ ގުނަވަރުދަނަ ރާއްޖޭގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންއާއެކު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ މިނިސްޓަރު ވަނީ ސްރީލަންކާގައި ޕައިލެޓް ކަން ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ދިމާވެފައިވާ ދަތިތަކާ ބެހޭގޮތުން މަޝްވަރާކުރައްވައި މިކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް "ސަން" އަށް މިއަދު ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ލަންކާގެ މިނިސްޓަރު ވިދާޅުވި ކަމަށެވެ.

މިދިޔަ އޭޕްރީލް މަހު ލަންކާގައި ގޮއްވި ބޮމުގެ ހާދިސާއާ ގުޅިގެން އެގައުމުގައި ޕައިލެޓްކަން ކިޔަވަމުންދާ ދަރިވަރުންނަށް ފްލައިން ޓެސްޓުތައް ހެދުމުގެ ހުއްދަ ވަނީ ހިފަހައްޓައިފައެވެ. އެކަމާ ގުޅިގެން އެތައް ކުދިންގެ ކިޔެވުމުގެ މުއްދަތު ވަނީ ދިގުލައިގެން ގޮސްފައެވެ.

އެ މައްސަލައިގައި ދަރިވަރުން މީގެ ކުރިން ވަނީ ސަރުކާރުގެ އިސްބޭފުޅުންނާވެސް ބައްދަލުކޮށްފައެވެ.

ދަރިވަރުންނަށް އެހެން ފުރުސަތެއް ހޯދައިދިނުމުގެ ގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ލޯނު ސްކީމްގެ ދަށުން ލަންކާގައި ޕައިލެޓްކަން ކިޔަވާ ކުދިންނަށް އެހެން ގައުމެއްގައި ކިޔެވޭނެ ފުރުސަތުވެސް މިނިސްޓްރީން ވަނީ މިދިޔަ އޮކްޓޫބަރު މަހު ހަމަޖައްސައިދީފައެވެ.

މިނިސްޓްރީން ބުނީ ލަންކާގައި ލޯނު ސްކީމްގެ ދަށުން ކިޔަވަމުންދިޔަ ދަރިވަރުންނަށް އެހެން ގައުމެއްގައި ކިޔެވުމުގެ ފުރުސަތު ހުޅުވާލީ ވަރަށް ގިނަ ދަރިވަރުން އެގޮތަށް އެދެމުންދާތީ ކަމަށެވެ.

comment ކޮމެންޓް