މާލޭގެ އާ ސްކޫލްގެ ބޮޑުބައެއް ނިމިއްޖެ: އެޑިއުކޭޝަން މިނިސްޓްރީ

އެމްއީއެސް ހިންގި އިމާރާތް -- ސަން ފޮޓޯ: ފަޔާޒު މޫސާ

އަންނަ އަހަރު މާލޭގައި ފަށާ އާ ސްކޫލް ،އިއްޒުއްދީން ސްކޫލްގެ ބޮޑުބައެއް މަސައްކަތް ނިމިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު "ސަން" އަށް މިއަދު ވިދާޅުވީ އެ ސްކޫލްގެ ކްލާސްރޫމްތަކުގައި ކުލަލައި ދަވާދުލައި ނިމިފައިވާ ކަމަށާއި އޮފީހުގެ ވެސް 80 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

"މިހާރު ސައިންސް ލެބްގެ 80 ޕަސެންޓް. ސްޓާފް ރޫމް 80 ޕަސެންޓް އަދި ރެއިލިންތައް ވެސް މިހާރު ނިމިފައި ހުރީ. ދެން އިންނާނީ މުޅި ސްކޫލްގައި ކުލަލުން." އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ސްކޫލްގެ ޔުނީފޯމް މިހާރު ޔުނީފޯމް ވިއްކާ ތަންތަނުން ލިބެން ހުންނާނެ ކަމަށާއި އަދި އެކްޓިވިޓީ ޔުނީފޯމް ހަދައިދިނުމަށް މިހާރު އިއުލާންކޮށްފައިވާ ކަމަށެވެ.

އާ ސްކޫލަށް ޓީޗަރުން ނެގުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި އަިދ ކިިޔެވުން ފެށޭއިރު ޓީޗަރުންގެ ދަތިކަން ކުރިމަތިނުވާނެކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އާ ސްކޫލްގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ސްކޫލްގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު އެ ސްކޫލްގައި ރަޖިސްޓްރީކުރުމުގެ ފޯމް މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓުން މިހާރު ލިބެ އެވެ.

ގްރޭޑް އެކަކުން ފެށިގެން ހަޔަކަށް ކިޔަވައިދޭ އެ ސްކޫލްގައި 450 އެއްހާ ދަރިވަރުންނަށް ޖާގަ ދިނުމަށް ވަނީ ނިންމައިފަ އެވެ.

އެމްއީއެސް ހިންގި އިމާރާތް އިތުރަށް މަރާމާތުކޮށް ކިޔަވައިދިނުމުގެ ވަސީލަތްތައް ގާއިމުކޮށް ޓީޗަރުން ނެގުމަށް ބަޖެޓުގައި 20.2 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ

އިއްޒުއްދީންު ސްކޫލު އުފައްދަނީ ސްކޫލުތައް ދަންފަޅިއަށް ބަދަލުކުރުމުގެ ސިޔާސަތުގެ ދަށުން ކިޔަވާދިނުމަށް ބޭނުންވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމަށްޓަކަ އެވެ. މާލޭގައި އެއް ދަންފަޅިއަށް ހިންގާ ސަރުކާރު ސްކޫލެއް މިވަގުތު ނެތް އިރު، މާލޭގެ ސްކޫލުތަކުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް އިތުރު ސްކޫލުތައް އަޅަންޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު މިފަހުން ވަނީ ބުނެފަ އެެވެ.

comment ކޮމެންޓް