އަހަރުގެ 50 ވަނަ ގޯލު މެސީ ހަމަކުރި އިރު ބާސާއަށް މުހިއްމު މޮޅެއް

ބާސެލޯނާއާއި އަލަވޭސް ބައްދަލު ކުރި މެޗުގައި މެސީ ގޯލުޖެހުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ// އޭޕީ

ސްޕެނިޝް ލީގުގައި ރޭ ޑިޕޯޓީވޯ އަލަވޭސް އަތުން ބާސެލޯނާ މޮޅުވި އިރު އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ރެކޯޑް ނުވަ ވަނަ ފަހަރު 50 ގޯލު އަހަރު ނިމުމުގެ ކުރިން ހަމަކޮށްފި އެވެ.

ބާސެލޯނާގެ ކޭމްޕް ނޫ ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުން އެ ޓީމު އަލަވޭސްގެ މައްޗަށް ފަސޭހަކަމާ އެކު ކުރި ހޯދީ 1-4 ގެ ނަތީޖާ އަކުންނެވެ. މި މޮޅާ އެކު ބާސެލޯނާ އެއްވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ނަގާފައި ވަނީ ކުޅުނު 18 މެޗުން 39 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑް އެއް މެޗު މަދުން ކުޅެ 36 ޕޮއިންޓް ހޯދާފައިވާ އިރު ތިންވަނައިގައި އޮތް ސެވިއްޔާ ވަނީ 34 ޕޮއިންޓް ހޯދައިފަ އެވެ.

ރޭގެ މެޗަށް ބާސެލޯނާ ނުކުން އިރު ޓީމުގެ މުހިއްމު ބައެއް ކުޅުންތެރިން އަނިޔާގެ ސަބަބުން ކުޅެފައެއް ނުވެ އެވެ. އެގޮތުން ޑިފެންޑަރު ކްލިމެންޓް ލެންގްލެޓް އަދި މިޑްފީލްޑަރު އާތުރްގެ އިތުރުން ފޯވާޑް އުސްމާން ޑެމްބެލޭ ފާހަގަކޮށްލެވެ އެވެ. އެލްކުލެސިކޯއިން ލިބުނު ޕޮއިންޓާ އެކު ރޭގެ މެޗުން މޮޅުވުމަކީ ބާސެލޯނާއަށް ކޮންމެހެން ވެސް ކުރަން ޖެހުނު ކަމަކަށް ވީ އިރު އެ ޓީމުން ރޭގެ މެޗުގައި ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

އެ މެޗުގައި ބާސެލޯނާއިން ޖެހި ފުރަތަމަ ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ މި އަހަރުގެ ސީޒަނުގައި އެ ޓީމަށް އަލަށް ގުޅުނު ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން އެވެ. ލުއިސް ސުއަރޭޒް އޭރިއާ ތެރެއަށް ހުރަސްކޮށްދިން އެ ބޯޅަ ގްރީޒްމަން އެއްފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލި އިރު އަލަވޭސްގެ ކީޕަރު ހުރީ ހުއްޓުން އަރައިފަ އެވެ.

ބާސެލޯނާއަށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑު ފުޅާކޮށްދިނީ އާތުރޯ ވިޑާލް އެވެ. މި ގޯލަކީ ވެސް ސުއަރޭޒް ދިން ޕާހަކުން ޖެހި ގޯލެކެވެ. ވިޑާލް އަންނަނީ ފަހަކަށް އައިސް ބާސެލޯނާއަށް މުހިއްމު ގިނަ ގޯލުތަކެއް ޖަހައިދެމުންނެވެ. އެގޮތުން މި ސީޒަނުގައި މިހާތަނަށް އޭނާ ވަނީ ފަސް ގޯލު ޖަހައިފަ އެވެ.

ދެވަނަ ހާފު ފެށިގެން އަލަވޭސްއަށް ފަރަގު ކުޑަ ކޮށްދިނީ ޕެރޭ ޕޮންސް އެވެ. ބާސެލޯނާއިން ހަމަޖެހިލައިގެން ކުޅެމުން ދިޔަ ވަގުތު އަލަވޭސްއިން ޖެހި ގޯލާ އެކު އަލުން އަނބުރާ ކުޅުމުގެ ތެރެއަށް ވަދެ ބާސެލޯނާއިން ނުރައްކާ ކުރަން ފެށި އެވެ. އެގޮތުން އޭގެ އިރަކޮޅެއް ފަހުން ކެޕްޓަން މެސީ ވަނީ އޭރިއާ ބޭރުން ބާރު ހަމަލާއެއް އުފައްދާ ގޯލު ޖަހައިފަ އެވެ.

އެ ގޯލަކީ މެސީ މި އަހަރުގެ ތެރޭގައި ހަމަ ކުރި 50 ވަނަ ގޯލެވެ. މީގެ ކުރިން ވެސް އޭނާ ވަނީ އަށް އަހަރަކު 50 ގޯލު ހަމަކޮށްފަ އެވެ. އޭނާ އެންމެ ގިނަ ގޯލު އަހަރެއްގެ ތެރޭގައި ޖެހީ 2012 ވަނަ އަހަރު އެވެ. އެ އަހަރުގެ ތެރޭގައި އޭނާ ވަނީ ރެކޯޑް 91 ގޯލު ޖަހައިފަ އެވެ.

ބާސެލޯނާއިން މެޗުގައި ޖެހި ހަތަރުވަނަ ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ސުއަރޭޒް އެވެ. ސީޒަނުގެ 10 ވަނަ ގޯލު ރޭ އޭނާ ކާމިޔާބު ކުރި ނަމަވެސް ޖުމުލަކޮށް މި ސީޒަނުގައި އޭނަގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ވަނީ ނުފެނިފަ އެވެ.

comment ކޮމެންޓް