ފޯކައިދޫ ފަހަތުން އަރައި އީގަލްސް ބަލިކޮށްފި

ދިވެހި ޕްރިމިއާ ލީގުގައި އީގަލްސްއާއި ފޯކައިދޫ މި ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ފޯކައިދޫއިން ވަރުގަދަ އީގަލްސްގެ މައްޗަށް ކުރި ހޯދައި ލީގު ތާވަލުގެ ކުރިއެރުން ހޯދައިފި އެވެ.

ގިނަ ދުވަސްތަކެއްގެ ބްރޭކަކަށް ފަހު ލީގު އަލުން އަނބުރާ ފެށިފައިވާ އިރު އިއްޔެ ފޯކައިދޫއާއި އީގަލްސް ބައްދަލު ކުރި މެޗު ނިމުނީ 2-3ގެ ނަތީޖާއަކުން ފޯކައިދޫ ކުރީގައި އޮވެގެންނެވެ. މިއީ މިފަހަރުގެ ލީގުގައި އީގަލްސްއަށް ތިން ޕޮއިންޓް ގެެއްލުނު ފުރަތަމަ މެޗެވެ. އެ ނަތީޖާއާ އެކު ތާވަލުގެ ދެވަނައަށް އެރުމުގެ ފުރުސަތު އީގަލްސަަށް ވަނީ ގެއްލިފަ އެވެ. އެއާ އެކު އީގަލްސް މިހާރު އޮތީ 21 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ.

ދިވެހި ޕްރިމިއާ ލީގުގައި އީގަލްސްއާއި ފޯކައިދޫ މި ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

ތާވަލުގެ ދެ ވަނައިގައި 23 ޕޮއިންޓާ އެކު ގްރީންސްޓްރީޓްސް އޮތް އިރު ތިން ވަނާގައި 22 ޕޮއިންޓާ އެކު އޮތީ ޓީސީ ސްޕޯޓްސް ކްލަބެވެ. އެއް ވަނާގައި އޮތީ 35 ޕޮއިންޓާ އެކު މާޒިޔާ އެވެ. އަނެއްކޮޅުން، މި މެޗުން މޮޅުވެ ފޯކައިދޫ ވަނީ 20 ޕޮއިންޓާ އެކު ފަސް ވަނަ އަށް އަރައިފަ އެވެ. އެއާ އެކު، 18 ޕޮއިންޓާ އެކު އޮތް ދަ ގްރާންޑޭ ވަނީ ހަ ވަނަ އަށް ވެއްޓިފަ އެވެ.

އިއްޔެގެ މެޗު ފެށިގެން އީގަލްސްއިން ވަނީ ފޯކައިދޫގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ. އީގަލްސްގެ ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ) އަށް ހުސް ގިނަ ފުރުސަތުތަކެއް ލިބުނު އިރު ގިނަ ބޯޅަތައް ދިޔައީ ގޯލާ އަމާޒުނުވެ އެވެ. ދެން އައި ބޯޅަތައް ފޯކައިދޫގެ ބިދޭސީ ގޯލްކީޕަރު ހަނީފް ސާގިބް ވަނީ މަތަކޮށްފަ އެވެ.

އެހެން ނަމަވެސް މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ އީގަލްސްއިންނެވެ. އެއީ ރިޒޭ ދިން ބޯޅައަކުން 24 ވަނަ މިނެޓުގައި އަރީން އަބްދުﷲ އިބްރާހިމް ޖެހި ގޯލެކެވެ. އަރީންގެ ގޯލަށް ފަހު ފޯކައިދޫން ކުޅުން ރަނގަޅުކޮށް ގޯލެއް ޖެހުމަށް މަސައްކަތް ކުރި އެވެ. އެގޮތުން އެ ހާފުގައި ފޯކައިދޫން ވަނީ އީގަލްސްގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ. ފުރަަތަމަ ހަމަލާގައި ހުސެއިން ފަޒީލް ބޮލުން ފޮނުވާލި ބޯޅައެއް އީގަލްސްގެ ރޮނގުމަތިން ދިފާއު ކުރަން ޖެހުނު އިރު ދެވަނަ ހަމަލާގައި ޔޫސުފް ޖުނައިދު ޒާހިރު ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިންނެވެ.

ފޯކައިދޫން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ދެވަނަ ހާފުގަ އެވެ. އެ ހާފު ފެށިގެން ފަސް ވަނަ މިނަޓުގައި އެ ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަހުމަދު ސަމާލް އެވެ. ފޯކައިދޫގެ ފުރަތަމަ ގޯލާ އެކު އެ ޓީމަށް ހިތްވަރު ލިބި މޮޅު ކުޅުމެއް ކުޅެން ފެށި އެވެ. އެއާ އެކު އޭގެ ހަތް މިނަޓު ފަހުން ފޯކައިދޫއަށް ލީޑު ނަގައިދިނީ ކެޕްޓަން ފަޒީލް އެވެ. އަދި ތިންވަނަ ގޯލު އިބްރާހިމް ނަޒީމް (ޗޯޓް) ޖެހި އިރު މެޗުގެ އިތުރު ވަގުތު އީގަލްސަަށް ފަރަގު ކުޑަކޮށްދިނީ ރިޒޭ އެވެ.

comment ކޮމެންޓް