އައްޑޫ ބަހުރުވަ، މީވެސް ހަމަ ދިވެހި ބަސް!

ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަކުރުން ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސޯޝަލް މީޑިއާއަކީ ފަހަކަށް އައިސް އަހަރެމެންގެ އެންމެ ގާތް އެކުވެރިޔާ އެވެ. ހިތުގައި ހުންނަ ޝަކުވާތަކާއި އުދާސްތައް އެއްވެސް ފިލްޓަރެއް ނެތި، ބޭރުކޮށްލާއިރު، އޭގެ ސަބަބުން ބައެއްފަހަރު ވަރަށް ނުރަނގަޅު އަސަރުތަކެއް ނުވަތަ ނަތީޖާތަކެއް ނުކުމެފައި އެބަހުއްޓެވެ. މިއީ މިކަހަލަ ވާހަކައެކެވެ.

ދިވެހި ބަހަށް ލޯބިކުރާ ގިނަ ބަޔަކާއި އަދި ބަހުގެ އެއް ބަހުރުވަ ކަމުގައިވާ އައްޑޫ ބަހުރުވައިން ވާހަކަދައްކާ ގިނަ ބައެއްގެ ލޭ ދާދިފަހުން ކެކިގެންދިޔައީ، އައްޑޫ ބަހަކީ ހުތުރު ބަހެއްކަމަށާއި ރަނގަޅު ދިވެހިބަހުން ވާހަކަ ދެއްކުމަށް ބުނެ ޒުވާނަކު ކޮށްފައިވާ ޕޯސްޓަކުންނެވެ.

މި ޕޯސްޓާ އެކު ހިތުގައި ވަރަށް ގިނަ ސުވާލުތަކެއް އުފެދިއްޖެ އެވެ. އައްޑޫ ބަހަކީ ދިވެހިބަހެއް ނޫންބާވަ އެވެ؟ ބަހެއް ހުތުރުވީ ކީއްވެގެން ބާވަ އެވެ؟ ހަގީގީ ދިވެހި ބަހަކީ ކޮބައި ހެއްޔެވެ؟ އެހެންކަމުން މިޖެހުނީ ތަންކޮޅެއް ފުންކޮށް މިކަމާއި ވިސްނާލާށެވެ.

ރާއްޖޭގެ ޤައުމީ ބަހަކީ ދިވެހި ބަސް

ޔަގީނުން ވެސް އެނގޭ އެއްކަމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 11 ވަނަ މާއްދާގައިވާ ފަދައިން ދިވެހިރާއްޖޭގެ ޤައުމީ ބަހަކީ ދިވެހި ބަސްކަމެވެ.

ދިވެހިބަހަކީ ދިވެހިރާއްޖޭގެ ރަސްމީ ބަހެވެ. މި ބަހުން ވާހަކަ ދައްކައި އުޅެނީ ދިވެހިރާއްޖޭގެ އަހުލުވެރިންގެ އިތުރުން އިންޑިއާގެ މަލިކުގެ އަހުލުވެރިންނެވެ. މަލިކު މީހުން ވާހަކަ ދައްކައި އުޅެނީ ދިވެހިބަހުގެ މަހަލް ބަހުރުވައިން ކަމަށް ބައެއް ލިޔުންތަކުގައިވެ އެވެ.

ދިިވެހިރާއްޖޭގެ އެކި އަތޮޅުތަކުގައި އަދި ބައެއް ރަށްތަކުގައި ވެސް މި ދިވެހި ބަސް ބޭނުންކުރުމުގައި ކުދި ތަފާތުތަކެއް ހުރެ އެވެ. މިގޮތުން ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވަނީ މިފަދައިން ބަސް ބޭނުންކުރުމުގައި ރާގުގެ ގޮތުންނާއި، އަޑުގެ ގޮތުންނާއި، އަދި މާނައިގެ ގޮތުން ވެސް ތަފާތުތަކެއް ހާއްސަގޮތެއްގައި ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅުގައި ހުންނަ ކަމަށެވެ.

އައްޑޫ ބަސްތަ؟ ބަހުރުވަ ތަ؟

އައްޑޫ ބަހުރުވައަކީ ބަހެއްތޯ ނޫނީ ބަހުރުވައެއްތޯ ސުވާލު އުފެދެނީ މިހިސާބުންނެވެ. ބަހުރުވައެކޭ މި ކިޔެނީ، މައި ބަހަކުން ކޮންމެވެސް ސަބަބަކާ ހުރެ ކަފިހި ވެފައިވާ އެބަހުގެ ގޮތްޕަކަށެވެ. ލިންގުއިސްޓުން ވިދާޅުވާ ގޮތުގައި އެބައެއްގެ ބަހުރުވަތަކުން ވާހަކަދައްކާ އިރު އެބަހެއްގެ އަހުލުވެރިންނަށް ބަހުރުވައަކުން ދައްކާ ވާހަކަ ދޭހަވާނެ އެވެ.

އަލްމަރުހޫމް މުހައްމަދު ވަހީދު ނަދުވީ ހާމަކުރައްވާފައިވާ ގޮތުގައި އެއް ހިސާބުގަނޑެއްގައި ދިރިއުޅޭ ދެބައި މީހުން އެންމެ ފުރަތަމަ ދުވަސްވަރު ވާހަކަދައްކާނީ އެއް ބަހަކުންނެވެ. އެގޮތުން އެއްބަޔަކު އަނެއްބަޔަކާ ދައްކާ ވާހަކަ ވެސް އޮޅުން ފިލާނެ އެވެ. ނަމަވެސް މާހައުލާއި ފިކުރު ބަދަލުވެ، އެއްބަޔަކު ބޭނުންކުރި ލަފްޒުތައް އަނެއް ބަޔަކު ބޭނުންކުރަން ނުޖެހި ބައެއް ލަފްޒުތައް އެ ޖަމާއަތުގައި ދިރިއުޅޭ މީހުންގެ ހަނދާނުން ފުހެވިގެން ހިނގައިދާނެ އެވެ. މިގޮތުން އެއް ޖަމާއަތުން އަނެއް ޖަމާއަތާ ނުގުޅި އުޅޭތާ ހައެއްކަ ސަތޭކަ އަހަރުވާ އިރު، އެއްބަޔަކު، ވާހަކަދައްކާ އަޑުތަކާއި ހަމަތަކަށް ވެސް ބަދަލު އާދެ އެވެ. ބަހުރުވައެއް އުފެދެނީ މިހިސާބުންނެވެ.

ޓުވިޓާގައި މަގުބޫލު އަދި ދިވެހި އަދަބީ ކަންކަމާއި ލިޔުންތެރިކަމުގައި ފާހަގަކޮށްލެވޭ، ހެރިޓޭޖް އެންޑް ކަލްޗަރަލް މިނިސްޓްރީގެ ޑިރެކްޓަރު ޝަމްއޫން ޖަލީލު (ލޫކަސް) ވިދާޅުވަނީ އާންމުކޮށް ވާހަކަދެއްކުމުގައި ހުވަދޫ ބަސް، އައްޑޫ ބަސް، ފުވައްމުލަކު ބަސް މިހެން ކިޔަސް، އެ މާނަ ކުރެވެނީ ބަހުރުވައިގެ ގޮތުގައި ކަމަށެވެ.

"ދިވެހި ބަހުގެ މުސްކުޅި އެތައް ގޮތެއް ދެކުނުގެ ބަހުރުވަތަކުން ފެނޭ. މިގޮތް ދިމާވެފައި ވަނީ މާލެ އާއި ރާއްޖޭގެ އުތުރު، ދުނިޔެއާ ގުޅިލާމެހިފައިވާ މިންވަރުގެ މައްޗަށް. އެކި ބަސްތަކުން ވާހަކަ ދައްކާ މީހުންނާއި ވިޔަފާރި އާއި ދަތުރުފަތުރުން ގުޅުން ބޮޑުވުމުން. އަދި މެދު ރާއްޖެތެރެ އާއި އުތުރު މާލެ އާ ގުޅުން ލާމެހި ބޮޑުވުމުން. ދަތުރުފަތުރު ފަސޭހަވުމުން ބަހަވީ ގޮތުން އެކެލެވުން ބޮޑުކަމުން،" ލޫކަސް ވިދާޅުވި އެވެ.

މިފަދައިން އެއްބަހަކުން ވާހަކަ ދައްކާ ބައެއްގެ މެދުގައި ބަސް ބޭނުންކުރުމުގައި ތަފާތުތަކެއް ނުވަތަ ބަދަލުތަކެއް އަންނަ ސަބަބުތަކެއް އެބަހުއްޓެވެ. މިގޮތުން ދަތުރު ފަތުރާއި، ބަސް ތަރައްގީވުން ފަދަ ކަންކަން ހިމެނެ އެވެ.

"ބަހަށް ބަދަލު އަންނަނީ ހުއްޓި ނުތިބޭތީ. އެއް ރަށާއި އަނެއް ރަށާ ނުވަތަ އަތޮޅާ އޮންނަ ދަތުރުފަތުރު ނުވަތަ އެކުލެވުން ކުޑަވުމުން ބަސް ބަދަލުވާ މިންވަރު ކުޑަވޭ. ބަހެއްގެ މުސްކުޅި ގޮތްތަކުގައި އޮންނަ މިންވަރު ބޮޑުވޭ. ދެކުނުން ފާހަގަކުރެވެނީ ދިވެހި ބަހުގެ މުސްކުޅިކަން. ލޯމާފާނުތަކާއި މުސްކުޅި ފަތްކޮޅުތައް ލިޔެވުނީ މާލޭގައި. އޭގައި ހުރި ދިވެހި ބަސް އެންމެ އެއްގޮތްވަނީ ދެކުނުގެ ބަހުރުވަތަކާ. މި ސަބަބުތަކަށް ޓަކައި،" ލޫކަސް ވިދާޅުވި އެވެ.

އެހެންކަމުން ދިވެހި ބަހުގެ ބަހުރުވަތަކަކީ ބަހުގެ ތެރެއިންވާ އެ ބަހުގެ މުހިންމު އަސާސެވެ. އަދި މިފަދަ ބަހުރުވައެއް ބޭނުންކުރުމަކީ އެމީހަކަށް ދިވެހި ބަސް ނޭނގުމެއް ނުވަތަ ދިވެހި ބަސްނޫން އެހެން ބަހަކުން ވާހަކަ ދެއްކުމެއްވެސް ނޫނެވެ.

ކޮންމެ ބަހުރުވައަކީ ވެސް ބަހަށް ލިބޭ އިތުރު މުއްސަނދި ކަމެއް

ރާޢްޖޭގެ ރަސްމީ ބަހުރުވައިގެ ގޮތުގައި ބޭނުންކުރެވެނީ މައި ރަށް މާލޭގައި ވާހަކަ ދައްކާ ބަހުރުވަ އެވެ. އަަދި މިއީ މައިގަނޑުގޮތެއްގައި އުތުރުގެ އަތޮޅުތަކުގެ ވެސް ބަހުރުވަ އެވެ. ރަސްމީ ލިޔުންތަކާއި ތައުލީމީ މަންހަޖުގައި ވެސް ރަސްމީ ބަހުރުވަ ބޭނުންކުރާކުރުމަކީ އެއްވެސް ހާލެއްގައި ދިވެހި ބަހުގެ އެހެން ބަހުރުވަތައް ނިކަމެތިވާންޖެހޭ ސަބަބެއް ނޫނެވެ.

އެކަޑަމީގެ ރައީސް އަޝްރަފް ވިދާޅުވާ ގޮތުގައި އެއްވެސް ބަހުރުވައެއް ހުތުރު ކަމަށް ނުވަތަ ހަޑިކަމަށް ބުނެވޭނެ ޖާގައެއް ނެތެވެ. އޭގެ ބަދަލުގައި، ބަހުރުވައަކީ ބަހަކަށް ލިބިގެންވާ ވަރަށް މަތިވެރި ބަހާއެއް ކަމަށާއި އެއީ ބަހަކުން އުނި ނުކުރެވޭހައި މިންވަރަށް މޫލައިފައިވާ އާރުހުރި ގޮތްޕެއް ކަަމަށެވެ.

ބައެއް ފަރާތްތަކުން ވެސް ވަނީ އައްޑޫ ބަހުރުވައަށް ތައުރީފުކޮށް އެ ބަހުރުވަ ދޫކޮށްނުލާ ބޭނުންކުރަމުންދާތީ އައްޑޫ ރައްޔިތުންނަށް ޝުކުރުއަދާކޮށްފަ އެވެ.

މިފަދަ ކަމެއް ދިމާވެ ކޮންމެ މީހެއް ވެސް އެމީހެއްގެ ޝުއޫރުތައް ޓުވިޓާގައި ބަންޑުންކުރަމުންދާ އިރު ފާހަގަވާ އެއް ކަމަކީ ދިވެހި ބަހަށް ދޭންޖެހޭ ލޯތްބާއި އިޚްތިރާމް އަދި ދިވެހި ބަހުގެ ބަހާތަކަށް ދޭން ޖެހޭ އަހަންމިއްޔަތުކަން ދިނުމުގައި އަދި ވެސް އަހަރެމެން ދިވެހިންނަށް ފަރުވާ ކުޑަކުރެވޭ ކަމެވެ. އިހުމާލު ވެވޭ ކަމެވެ.

ދިވެހިބަހަކީ ދިވެހިންގެ އެންމެ އަގުބޮޑު ތަރިކައެވެ. ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ އެންމެ އަގުމާތް އެއް ޖަވާހިރެވެ. މި ބަސް ރައްކާތެރިކޮށްދީ ހެޔޮގޮތުގައި ބޭނުންކުރަން ދަސްކުރުމަކީ އެންމެންގެ ވެސް ޒިންމާއެކެވެ.

comment ކޮމެންޓް